top of page
Featured Posts

އިމާންތެރިކަމަކީ ކޮބައިކަން ފަހެ އެނގޭހެއްޔެވެ؟


ދަންނާށެވެ! އިމާންކަމަކީ ތިނެއްޗެއްގެ މަޖްމޫޢަކަށް ކިޔާ ނަމެކެވެ. އެއީ، ހިތުން ކުރެވޭ ޔަޤީންކަމެކެވެ. ދުލުން ވެވޭ އިޤުރާރެކެވެ. އަދި ޖިސްމުން ނުވަތަ ގުނަވަންތަކުން ކުރެވޭ ޢަމަލުތަކެކެވެ. މިތިނެއްޗަކީ އެކަތި އަނެކައްޗާއި ގުޅިލާމެހިފައިވާ ތިނެއްޗެވެ. މީގެ ތެރެއިން އެކަތި ނަޤްޞުވިކަމުގައި ވިޔަސް އީމާންތެރިކަން ފުރިހަމައެއް ނުވާނެއެވެ.


ހިތުތެރޭގައިވާ އެއްޗެއްގެ އަޘަރު ބޭރުފުށުން ފެންނާނެއެވެ. ތިޔަ ބޭފުޅުން މިލިޔުން ތިޔަ ވިދާޅުވަނީ ކީއްވެތޯއެވެ؟ ސަބަބަކީ ތިޔަބޭފުޅުންގެ ހިތްތައް މިލިޔުން ކިޔުމަށް އެދި އެއްބަސްވީމައެވެ. އެހެންކަމުން ތިޔަ ވިދާޅުވަމުން ގެންދަވަނީއެވެ.


އަޅުގަނޑުމެންގެ ތެރެއިން ބައެއް ބޭފުޅުންގެ ބަހަކަށް ވެއެވެ. ”ތިމަންގެ ޢަމަލުތައް އެވަނި މިވެނި ގޮތަކަށް ހުއްޓަކަސް ތިމަންގެ ހިތް ރަނގަޅެވެ.“ ނަމަވެސް މިއީ އެއްވެސް އަޞްލެއް ނެތް ބުހުތާނެކެވެ. މީހެއްގެ ހިތް އިޞްލާޙުވެއްޖެ ނަމަ އޭނާގެ ޖިސްމު އިޞްލާޙުވާނެއެވެ. އަދި އޭނާގެ ހިތް ޚަރާބުވެއްޖެ ނަމަ އޭނާގެ ޖިސްމު ވެސް ޚަރާބުވެގެން ދާނެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ.


”ألا وإن في الجسد مضغة إذا صلحت صلح الجسد كله ، وإذا فسدت فسد الجسد كله ، ألا وهي القلب“ ”ދަންނާށެވެ! ޖިސްމުގެ ތެރޭގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިޞްލާޙުވެއްޖެ ހިނދެއްގައި މުޅި ޖިސްމު އެއްކޮށް އިޞްލާޙުވެއްޖެ އެވެ. އަދި އެމަސްކޮޅު ފަސާދަވެއްޖެ ހިނދެއްގައި މުޅި ޖިސްމު އެއްކޮށް ފަސާދަވެއްޖެ އެވެ. ދަންނާށެވެ! އެމަސްކޮޅަކީ ހިތެވެ.“


އީމާންކަން ހިތުން ޔަޤީންކޮށް، ކަލިމަ ދުލުން ކިޔައި އިޤުރާރުވެއްޖެ ނަމަ އޭގެ ތައުޘީރު ނުވެ ނުދާނެއެވެ. (އެބަހީ އޭގެ އަޘަރު ހަށިގަނޑުން ފެންނާނެއެވެ.)


ކުރިން ބަޔާން ކުރެވުނު ފަދައިން އިމާންކަމަކީ ތިނެއްޗަކަށް ކިޔާ ނަމެކެވެ. ހިތުގެ ޔަޤީންކުރުމަކާއި، ދުލުގެ އިޤުރާރުވުމަކާއި، ޖިސްމުން ކުރެވޭ ޢަމަލުތަކެކެވެ.


ހިތުން ޔަޤީންކުރުމާއި އެކު ޖިސްމުން ޢަމަލުކޮށް އެހެންނަމަވެސް ދުލުން އިޤުރާރު ނުވެއްޖެނަމަ އެމީހެއްގެ އިމާންކަމެއް ފުރިހަމައެއް ނުވާނެއެވެ. އަދި ދުލުން އިޤުރާރުވެ ހުރެ، ހިތުން އެ އީމާންކަން ޔަޤީން ނުކުރާ ކަމުގައި ވާނަމަވެސް އެމީހެއްގެ އިމާންކަން ކާމިލެއް ނޫނެވެ. އަދި ހަމައެހެންމެ އިމާންކަން ހިތުން ޔަޤީންކޮށް، ދުލުން އިޤުރާރުވެފައި އެހެންނަމަވެސް ހެޔޮ ޢަމަލުތަކުން ބަރީއަވެ ނުވަތަ ހެޔޮ ޢަމަލު ނުކުރާ ކަމުއިވާ ނަމަވެސް އެމީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.


ޢަބްދު ﷲ ބިން އުބައްޔު ވީ މުނާފިޤުންގެ ރައީސް ކަމުގައެވެ. އޭނާ ދުލުން ކަލިމަ ކިޔައި އުޅުނެވެ. އޭނާގެ ހިތުތެރޭގައި އީމާންކަމެއް ނެތެވެ. އަދި ކިޔެއްތޯއެވެ. ނަމާދާއި ޙައްޖާއި އަދި ޒަކާތް ފަދަ ހެޔޮވެގެންވާ އަޅުކަންތައް ކޮށް އުޅުނެވެ. މި ހުރިހާ ކަމެއް ކުރުމާއި އެކުވެސް ޤުރުއާނުގައި ވަނީ އޭނާއަށް މުނާފިޤެއްގެ ލަޤަބުން ލަޤަބު ދެއްވާފައެވެ. އެހެނީ އޭނާގެ އީމާންކަމުގައި އެއްވެސް އިތުބާރެއް ނެތެވެ. އެކަލޭގެއަކީ ޙަޟްރަތު ޢާއިޝާ ޞިއްދީޤާގެ މައްޗަށް ތުޙުމަތު ކުރި ޡާލިމެވެ. 300 މީހުން ގޮވައިގެން އުހުދުގެ މައިދާނުން ފިލައި ރައްކާވީ ވެސް ހަމަ މި ބޮޑު ޡާލިމެވެ. މިކަލޭގެ ވީ ކޮންމެ މަކާނެއްގައި މުސްލިމުންނަށް އުނދަގޫތަކާއި ކުރިމަތި ކުރުވިއެވެ. މިކަލޭގެ ނަމާދު ޤާއިމުކޮށް އަދި އިމާންކަން ނުވަތަ އިސްލާމްކަން ދުލުން އިޤުރާރުކޮށް އުޅުނެވެ. އެހެނެއް ކަމަކު އެކަލޭގެ ހިތާއި ހަމައަށް އިމާންކަމެއް ނުވަތަ ޔަޤީންކުރުމެއް ހަމަހިލާ ވާޞިލުވެފައެއް ނެތެވެ.


އެހެންވީމާ، މީހެއްގެ ހިތުގައި އީމާންކަމެއް ނެތި، ދުލުން އިޤުރާރުވެ ނުވަތަ ކަލިމަ ކިޔައި، ހެޔޮ ޢަމަލުތައް ކިތައްމެ ވަރަކަށް ކުރިކަމުގައި ވިޔަސް އެމީހަކީ މުނާފިޤެކެވެ. މި ޙާދިޘާއިން ޘާބިތުވި ގޮތުގައި ހިތުގައި ޔަޤީންކުރުން ނުވަތަ އިމާންތެރިކަން ހުރުން އިންތިހާއީ ޟަރީރީއެވެ.


އީމާންތެރިކަން ހިތުގައި ވުމާއެކު، ހެޔޮ ޢަމަލުތައް ކުރުމާއެކު އެހެން ނަމަވެސް ދުލުން ކަލިމަ ނުކިޔައި އިޤުރާރު ނުވާނަމަ މިފަދަ މީހެއްގެ ވެސް އީމާންތެރިކަމެއް ނުވެއެވެ.


އަބޫ ޠާލިބަކީ ޙަޟްރަތު ޢަލީ ރަޟިޔަ ﷲ ޢަންހުގެ ބައްޕަ، އަދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބޮޑު ބޭބެއެވެ. އަބޫ ޠާލިބު ހެޔޮ ޢަމަލުތައްކޮށް އުޅުނެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނުރައްކާތަކުން ޙިފާޡަތްތެރިކޮށް އުޅުނެވެ. ފަހެ، މިއަށް ވުރެ ހެޔޮކަން ބޮޑު ޢަމަލެއް ވާނެތޯއެވެ؟ ނަބީ ކަރީމް ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާއި ހުރެ މީސްތަކުންނާއި ޖަގަޅާކޮށް އުޅުނެވެ. މިފަދަ އެތައް ހެޔޮވެގެންވާ ޢަމަލުތައްކޮށް އުޅުނެވެ.


އަބޫ ޠާލިބުގެ އީމާންތެރިކަމަކީތޯއެވެ؟ އަބޫ ޠާލިބުގެ ހިތުގެ އީމާންކަމުގެ ކައިފިއްޔަތަކީ މިއީއެވެ. އަބޫ ޠާލިބު ޢަލީ ރަޟިޔަ ﷲ ޢަންހަށް ވިދާޅުވިއެވެ. ”މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަރިފުޅަށް ގޮވައިލައްވަނީ ރަނގަޅު ކަމަކަށެވެ. އެހެންކަމުން ދަރިފުޅު ތިޔަގޮތުގައި ޘާބިތުވެ ހުންނާށެވެ“ އަދި މަރުގެ ދާންމަތީގައި އޮންނަވައި ނަބީ ޞައްލަ ﷲ ޢަލައިހި ވައްސައްލަމަ އަށް ވިދާޅުވީ: ”ولقد علمت بأن دين محمد من خير أديان البرية دينا“ ”އަހަރެން ހިތުން ޔަޤީންކުރަމެވެ. މުޙައްމަދުގެ ދީން އެހެން ހުރިހާ ދީނަކަށްވުރެ މާ ރަނގަޅެވެ.“


އަބޫ ޠާލިބު ހިތުން ޔަޤީންކޮށް ޖިސްމުން ޢަމަލުކުރުމާ އެކުވެސް ދުލުން އިޤްރާރު ނުވުމުގެ ސަބަބުން މުޝްރިކެއްގެ ގޮތުގައި މަރުވެގެން ދިޔައީއެވެ. އަބޫ ޠާލިބު މަރުގެ ދާންމަތީގައި އޮންނަވަނިކޮށް ނަބީ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅަށް ވިދާޅުވިއެވެ. ”يا عمي قل لا اله إلا الله“ މާނައީ: ”އޭ ބޮޑުބޭބެއެވެ! لا اله إلا الله ކިޔާށެވެ!“ އޭރުން ތިމަންކަލޭގެފާނު ބޮޑުބޭބޭފުޅަށްޓަކައި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވެވަޑައިގަންނަވާނަމެވެ. ނަމަވެސް އެވަގުތު އަބޫ ޠާލިބުގެ އަރިހުގައި އަބޫ ޖަހުލާއި އަބޫ ލަހަބު ފަދަ މުޝްރިކުންގެ ބޮޑެތި ވެރިން ތިބުމާއި އަދި އެބައިމީހުންގެ މަލާމާތް ރައްދުވެދާނެތީ، އިސްލާމްދީނަކީ ޙައްޤުދީންކަމާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ ޙައްޤު ނަބިއްޔާކަން އެނގިހުރުމާ އެކުވެސް އަބޫ ޠާލިބުގެ ބަހަކަށްވީ މިފަދައިންނެވެ. ”ތިމަން މަރުވެދާނީ ކާބަފައިންގެ ދީންމަތީގައެވެ. ކަލޭގެފާނު ތިޔަ ވިދާޅުވާ ކަލިމައެއް ތިމަންނައަކަށް ނުކިޔޭނެއެވެ.“


މިޙާދިޘާއިން ޘާބިތުވި ގޮތުގައި ހިތުގައި އީމާންކަން އޮވެފައި ޖިސްމުން ޢަމަލުކުރުމާ އެކުވެސް ދުލުން އިޤުރާރު ނުވެއްޖެނަމަ ސަލާމަތެއް ނުވެވޭނެއެވެ.


މީހެއްގެ ހިތުގައި އީމާންކަން ހުރެފައި، ދުލުން އިޤުރާރުވެފައި ހެޔޮ ޢަމަލު ނުކުރުމަކީ އެއީ ވާނެކަމެއް ނޫނެވެ. ކީއްވެގެންތޯއެވެ. ޑްރައިވަރު ގަލޮޅަށް ދާއިރު، ފަހަތުގައި ސަވާރުވެގެން ހުންނަ މީހާ ހެންވޭރަށް ދާނީ ކިހިނަކުންތޯއެވެ. އިންސާނާގެ ހިތަކީ ޑްރައިވަރު ކަމަށް ވާތީ އެހިތް ދާ ކޮންމެ ތަނަކަށް އިންސާނާ ދާނެއެވެ. ޑްރައިވަރު ގަލޮޅަށް ދާ އިރު ފަހަތުގައި ސަވާރުވެގެން ހުންނަ މީހާއަށް ވެސް ދެވޭނީ ގަލޮޅަށެވެ. ޑްރައިވަރު ވަކިތަނަކަށް ސަވާރުވެގެން ހުންނަ މީހާ ވަކިތަނަކަށް ދިޔުން އެއީ ވާނެކަމެއް ނޫނެވެ. ހަމައެގޮތަށް ހިތް ރަނގަޅުވެފައި ޢަމަލުތައް ގޯސްވުމަކީ ވާނެކަމެއް ނޫނެވެ. ހިތް ރަނގަޅުވެއްޖަޔާމު ޢަމަލުތައް ވެސް ރަނގަޅުވާނެއެވެ.


ދުޢާ އަކީ ﷲ ރައްބުލް ޢިއްޒަތު އަޅުގަނޑުމެން ފުރިހަމަ މުއުމިނުންކަމުގައި ލެއްވުމެވެ. އާމީން!


އަޞްލު: އެކުލަވާލެވިފައި

14 ޖޫން 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page