ދުނިޔެއަށް ލޯބިކުރާ މީހުންނަށް ދަޢުވަތު ދޭނެ ގޮތް
”ބުއްދިވެރިއަކު މީސްތަކުންނަށް ދުނިޔެ ދޫކޮށްލުމަކަށް އަމުރެއް ނުކުރާނެއެވެ. އެހެނީ މިއީ އެބައިމީހުންނަށް ނުވާނެ ކަމަކަށް ވާތީއެވެ. އޭގެ ބަދަލުގައި އެމީހުން ދުނިޔެވީ ދިރިއުޅުމެއް ހޭދަކުރަމުންދާ ހިނދު އެބައިމީހުންގެ ފާފަތައް ދޫކޮށްލުމަށް އެބައިމީހުންނަށް ދަޢުވަތު ދެވިދާނެއެވެ. އެހެނީ ދުނިޔެ ދޫކޮށްލުމަކީ އިޚްތިޔާރީ ކަމަކަށްވީއިރުގައި ފާފަތައް ދޫކޮށްލުމަކީ ވާޖިބުކަމެކެވެ. އެހެންކަމުން، ވާޖިބު ކަންތައް ފުރިހަމަ ނުކުރާ އިރުގައި އިޚްތިޔާރީ ކަމެއް ކުރުމަށް އެމީހުންގެ މައްޗަށް އަމުރު ކުރާނީ ކިހިނެތް ހެއްޔެވެ؟
އެބައިމީހުންނަށް ފާފަތައް ދޫކޮށްލުމަށް އުދަނގޫނަމަ، ދެން އޭނާ މަސައްކަތް ކުރަންޖެހޭނީ އެބައިމީހުން ﷲތަޢާލާއަށް ލޯބި ޖެއްސުމަށެވެ. ކުޅަދުންވަންތަ ކަމުގެ ހެކިތަކާއި، ރަޙްމަތްތަކާއި، އެކަލާނގެ އޯގާވަންތަކަމާއި، ފުރިހަމަކަމާއި އަދި މަތިވެރިކަން އެބައިމީހުންނަށް ހަނދާންކޮށްދިނުމުންނެވެ. އެހެނީ ފިތުރީ ގޮތުންވެސް ހިތްތައް ވަނީ އެކަލާނގެއަށް ލޯބިކުރުމަށް ތައްޔާރުކުރެވިފައެވެ. އަދި އެބައިމީހުން އެކަލާނގެއަށް ލޯބިކޮށްފިނަމަ އޭގެ ސަބަބުން ފާފަތައް ދޫކޮށް އެފާފަތަކާއި ދުރަށް ދިއުން އެބައިމީހުންނަށް ނުހަނު ފަސޭހާވެގެންދާނެއެވެ.
ޔަޙްޔާ ބިން މުޢާޛް (رحمه الله) ވިދާޅުވިއެވެ. ”ދުނިޔެ ދޫކޮށްލާ ޖާހިލަކަށް ވުރެ ދުނިޔެއަށް އެދޭ ބުއްދިވެރިއެއްގެ ހެޔޮކަން މާބޮޑެވެ.“
ބުއްދިވެރިއަކު މީސްތަކުންނަށް ދަޢުވަތުދޭނީ އެބައިމީހުންގެ ދުނިޔޭގެ ތެރެއިންނެވެ. އަދި މީގެ ސަބަބުން އެބައިމީހުންނަށް އޭނާއަށް އިޖާބަ ދިނުން ފަސޭހަވާނެއެވެ. ޒާހިދަކު އެބައިމީހުންނަށް ދަޢުވަތުދޭނީ ދުނިޔެ ދޫކޮށްލާ ގޮތަށެވެ. މީގެ ސަބަބުން އެބައިމީހުންނަށް އޭނާއަށް އިޖާބަ ދިނުން އުދަނގޫވެއެވެ. އެހެނީ، ގާތުން ކިރު ބުއިމުން އޭނާގެ ވިސްނުން ތަރައްޤީކޮށްފައިވާ މޭމައްޗަކުން އޭނާ ދުރުކޮށްލުމަކީ ވަރަށް އުދަނގޫ ކަމެކެވެ.“
އަލް-ފަވާއިދު: ސަފްޙާ ނަންބަރ 234-233)
މަޞްދަރު: www.Iskandrani.com
19 އޮގަސްޓު 2010 -
www.click4islam.com