top of page
Featured Posts

ޢަޤީދާ ހަރުދަނާކުރަމާ ހިނގާށެވެ!



ހުރިހާ ތަފާތުވުމެއްގެ އަޞްލަކީވެސް ޤަބޫލުކުރުމެވެ. ނުވަތަ ދީނީ ގޮތުންނަމަ, ޢަޤީދާއެވެ. ޢަޤީދާ ހަރުދަނާ ނުވެއްޖެނަމަ, އެފަދަ މުޖުތަމަޢުއަކީ ހަލާކުވެ މުގުރިފައިވާ މުޖުތަމަޢުއެކެވެ. އެއީ ޤާއިމް ވާނެ ބިންގަލެއް ނެތުމުގެ ސަބަބުންނެވެ. އިސްލާމް ދީނުގެ ފުރަތަމަ ރުކުން ކަމުގައިވާ ތަޥްޙީދުގެ ކަލިމަ "لا إله إلا الله" އަކީ މި ބިންގަލުގެ ފެށުމެވެ. އަދި މި ބިންގާ ފުރިހަމަ ކުރުމަށްޓަކައިވާ ޝަރުޠުތަކެއްވެސް ވެއެވެ. އިސްލާމީ ތަރުބިއްޔަތައިގެން ވަޑައިގެންނެވި ނަބިއްޔާ (صلى الله عليه وسلم) ދެއްކެވި ދަޢުވަތުގެ ނަމޫނާގައިވެސް, އެންމެ ފުރަތަމަ ކަމަކަށް ގޮވާލެއްވީ މިކަންކަމަށެވެ. އެހެނީ އިސްލާމްދީނުގެ ރުކުންތައް ބިނާވެގެންވަނީ ޣައިބަށް އީމާންވުމުގައި ކަމަށްވާތީ, އެފަދަ ހަރުދަނާ އީމާންކަމެއް ތިމާއަށް ލިބިގެންދާނީ ޢަޤީދާގައި ތިމާ ޘާބިތުވާ މިންވަރަކުންކަމަށް ވާތީއެވެ.


ނަމަވެސް, ހިތާމަޔަކީ މި މަޥްޟޫޢުއަކީ އަޅުގަނޑުމެންގެ ތެރޭގައި އެހާ މަޤްބޫލު މަޥްޟޫޢަކަށް ނުވާތީއެވެ. ރީތި ވާހަކައެއް ކިޔާލާ, ޚިޔާލީ ފޮލާއެއް ޙިއްސާކޮށްލާ ނޫނީ ފިޤުހީ އިޚްތިލާފެއް ދިރާސާކޮށް އޮޅުން ފިލުވަން ވަގުތުތައް ހޭދަކުރާއިރު, ޢަޤީދާގެ މަޥްޟޫޢުއަށް ޝައުޤުވެރިކަން ނުހުންނާތީއެވެ. އަދި ޢަޤީދާއަކީ ހަމައެކަނި ތަޥްޙީދުގެ ކަލިމަ ކިޔާލުންކަމުގައި ދެކި, އޭގެ ފުންމިނަށް ދަތުރުކުރުމަށް ނޭދޭތީއެވެ. އަދި ޢަޤީދާގެ މަޥްޟޫއުގައި ދަޢުވަތު ދެއްވުމުގައި, ޤަބުރަށް އަޅުކަންކުރުމާއި, ފާލުބެލުމާއި, ﷲ ނޫން އެހެން ފަރާތަކަށް ނަޛުރުބުނުން ފަދަ ޝިރުކުތައް ބަޔާންކޮށްދިނުމުން ފުއްދާލާ, އޭގެ ޝަރުޠުތަކަކީ އަލް-ޢިލްމު, އަލް-ޔަޤީން, އަލް-ޤަބޫލް ނުވަތަ މި ހަތް ޝަރުޠު ހާމަކުރުމާ ހިސާބުން ނިންމާލާ, ޢަޤީދާގެ މުހިއްމު ބޮޑެތި އެހެން ބައެއް ނުޤުތާތަކަށް އަލި އަޅުވާނުލާ, ފިޤުހީ ކަންކަމުން ފަށައިގެން ދީން އޮޅުން ފިލުވައިދޭން މަސައްކަތްކުރާތީއެވެ.


ނަތީޖާއެއްގެ ގޮތުން, ދީނަކީ އިސްލާމްދީންކަން އެނގުނު ނަމަވެސް, އަދި އޭގެ މާނައަކީ ކޮބައިކަން އެނގުނު ނަމަވެސް, ކިހާވަރެއްގެ އަދި ކިހާމަތިވެރި އިޢްތިޤާދެއްގެ ދީނެއްކަމެއް ނޭނގެއެވެ. އެކީއެކަށް އެދީނަށް ވަންނާނެގޮތެއްވެސް ނޭނގެއެވެ. އެގޮތުގައި, ބިންގާ ވަރުގަދަކުރަން ނޭނގިތިބެ, ތަނބުތައްޖަހާ ޝީޓުއަޅަން ފަށައެވެ. އެންމެ ޢިލްމުވެރިމީހެއްކަމަށް ޤަބޫލުކުރެވެން ފަށަނީ, އެންމެ ގިނައިން ފިޤުހީ މައްސަލަތަކަށް ޖަވާބުދެވޭ މީހާއެވެ. މިވެނި މިވެނި ހާލަތެއްގައި މިކަން ހުއްދަތޯ ނޫނީ ނޫންތޯ އެހުމުން, އާދެ! ތިއީ ހުއްދަ ނޫނީ ހުއްދަނޫން ކަމެއްކަން ބުނެދޭމީހާއެވެ. ގިނަ ފަހަރަށް އެފަދަ މީހަކަށް ތަޤްލީދުކުރެވެން ފަށައެވެ. ޢަޤީދާގައި ހަރުދަނާކަމެއް ނެތުމުގެ ސަބަބުން, މާދަމާ މުލްހިދެއް ބުނާ ބަހަށް ހެއްލިދާނެއެވެ. ނޫނީ ނަޞާރާއިންގެ ލުއިފަސޭހަ ދީނަށް އުޅެން އެނބުރިގަނެފާނެއެވެ. ނޫނީ އެނޫންވެސް ތިމާގެ ބަލިކަށި ސިކުނޑިއަށް ވިސްނުނު ގޮތަކަށް އުޅުން ބަދަލުކޮށްލަފާނެއެވެ. ބައެއް ފަހަރު އިސްލާމްދީނުގެ ނަމުގައެވެ. އަދި ބައެއް ފަހަރު އިސްލާމްދީނުން ބޭރުވެ މުރުތައްދުވެގެންވާ ޙާލުގައެވެ. މިއީ އަޅުގަނޑުމެންގެ ލޯމަތިން މި މަންޒަރުތައް ފެންނަމުންދާ ގޮތެވެ. އިއްޔެ ފަގުޑި އަޅައިގެން ބޮޑު ޖުއްބާލާ ތުނބުޅިދިގުކޮށް އީޒާރު އުފުލައި ސުންނަތުގެ މިފަދަ އެތައްކަމެއްގައި ހިފައި ޢަމަލުކުރަމުން ދިޔަ އަޚާ, މާދަމާ މިފެންނަނީ މިހުރިހާކަމެއް ދޫކޮށް އިސްލާމްދީނަކީވެސް ފުރިހަމަދީނެއް ކަމާއިމެދު ޝައްކުވެފައި ހުއްނަތަނެވެ. ނަމާދަކީ ދީނުގެ ތަނބުކަމުގައި ބުނެ, އަޅައިފިމީހާ ކާފިރުވާނެކަމަށް ބުނަމުން އިއްޔެ ދިޔަ އަޚާ, މާދަމާ މި ފެންނަނީ ނަމާދު އަޅައި ކުޅިވަރާ މަޖަލުގައި ވަގުތުތައް ހޭދަކުރާ ތަނެވެ. އިއްޔެ ބޮޑު ބުރުގާ އަޅައިގެން މޫނު ނިވާކޮށްގެން ދޫހެދުން ލައިގެން ބޭރަށް ނިކުމެ އުޅުނު އުޚްތާ, މާދަމަ މި ފެންނަނީ މޫނު ފޮތިކޮޅު އެއްލައިލާ ސްކާފެއް ނުވަތަ އެވެސް ނާޅާ ގައިގެ ބައްޓަންތައް ހާމަވާފަދަ ހެދުމެއްގައި ނިކުންނަ މަންޒަރެވެ. މިހެން މިކަން ދިމާވުމުން, މުޖުތަމަޢުގެ ތެރޭގައި އެކިފާޑުފާޑުގެ ވާހަކަތައް އިތުރުވެއެވެ. "މިއީ ދީނޭ ކިޔައިގެން މިއުޅޭ މީހުންނަށް ވާވަރު" ނޫނީ "ކޮންމެވެސް އެއްގޮތަކަށް ކަލޭމެން އުޅެބަލަ!" މިފަދައިން ރައްދުކުރެވޭލެއް މަދެއްނޫނެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އިސްލާމްދީނަށް އުޅެން މަސައްކަތްކުރާ މަދު މީސްކޮޅުގެ ތެރެއިން ފެންނަ މިފަދަ ބައެއްގެ ސަބަބުން ހުރިހާ އަޚުންނާއި އުޚްތުންނަށް ޙައްޤުނުވާ ބަސްތައް ރައްދުކުރެވޭތަން އާދެއެވެ. އެއީ ޙަޤީޤަތެއްވެސް ނެތިއެއް ނޫނެވެ. ބަދަލުތައް މިއަންނަނީ އެކަކު ދެމީހަކަށް ނޫނެވެ. ނަމަވެސް, އެ މަދު މީސްކޮޅުގެ ނިސްބަތުން އެތައް ބަޔަކަށެވެ.


ޙަޤީޤަތަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން އިސްލާމް ދީނަށް އުޅެން މަސައްކަތްކުރާ އަޚުންނާއި އުޚްތުންނަށް ތަޥްޙީދުގެ ކަލިމައިގެ ޙަޤީޤީ މާނަ ކިޔައިދެވިފައި ނުވަނީއެވެ. ހަރުދަނާ ޢަޤީދާއެއް އުނގަންނައި ދެވިފައި ނުވަނީއެވެ. އެ އަޤީދާއަކީ, ނަބިއްޔާ (صلى الله عليه وسلم) ވަޑައިގެންނެވި ޢަޤީދާއެވެ. އެ ޢަޤީދާގެ ސަބަބުން ޞަޙާބީން (رضي الله عنهم) ގެ މެދުގައި ކުރިންއޮތް ރުޅިވެރިކަމާއި ޢަދާވާތްތެރިކަން, ލޯތްބާއި އޯގާތެރިކަމަށް ބަދަލުވެގެންދިޔަ ޢަޤީދާއެވެ. އެ ޢަޤީދާގެ ސަބަބުން އެބޭކަލުން (رضي الله عنهم) ގެ ގެދޮރުތަކާއި މުދާތައް ދޫކޮށްލަން ޖެހުނުކަމުގައިވިޔަސް އެކަމަށް ރުހި ޤަބޫލުވެ އެގޮތަށް ޢަމަލުކުރެއްވި ޢަޤީދާއެވެ. އެ ޢަޤީދާގެ ސަބަބުން އެބޭކަލުން (رضي الله عنهم) އެންމެ ލޯބިވީމީހުންވެސް ﷲ އަށްޓަކައި ޤުރުބާންކުރި ޢަޤީދާއެވެ. އެ ޢަޤީދާގެ ސަބަބުން ޚުދު އެބޭކަލުން (رضي الله عنهم) ގެ ނަފްސުތައްވެސް ﷲގެ މަގުގައި ޤުރުބާންކޮށްލަން ޖެހިލުންނުވި ޢަޤީދާއެވެ. ﷲއާއި އާޚިރަތް ދުވަހަށް ފުރިހަމައަށް އީމާންވުމާއި, ﷲއަށް ފުރިހަމައަށް ވަކީލުކުރުމާއި, ރަސޫލުﷲ (صلى الله عليه وسلم) ދެއްކެވި މިސާލަށް ތަބަޢުވުމުގައި ދެމިތިއްބެވި ޢަޤީދާއެވެ. ﷲގެ އަމުރުފުޅަކީ ކިހާވަރެއްގެ އަމުރުފުޅެއްކަން ވަޒަންކުރެވި, އެނޫން ގޮތަކަށް ކަމެއްކުރަން ޖެހިލުންވި ޢަޤީދާއެވެ. ރަސޫލުﷲ (صلى الله عليه وسلم) ކަމެއް ދޫކޮށްލުމަށް ޙަދީޘްކުރެއްވުމުން ލަސްތަކެއް ނުކޮށް އެގޮތަށް ޢަމަލުކުރެއްވި ޢަޤީދާއެވެ. ކުފުރުގެ ނިޡާމުތަކުން ބަރީއަވެ, އެއާއި ދެކޮޅަށް ހަނގުރާމަކޮށް އިސްލާމްދީނަށް ނަޞްރު ހޯދައިދިން އަދި ﷲ ގެ ޝަރީޢަތް މި ބިންމަތީގައި ތަންފީޛުކުރުވި ޢަޤީދާއެވެ.


މިފަދަ ޢަޤީދާއެއް ނެތި, ޣައިބަށް ނުވަތަ ނުފެންނަ ފަރާތަކަށް ނުވަތަ ކަންކަމަށް ފުރިހަމައަށް އީމާނެއްނުވެވޭނެއެވެ. މިފަދަ ޢަޤީދާއެއްނެތި ދީނުގެ ފިޤުހުގައި ހިފާ ޘާބިތުވުމަކީ ފަސޭހަކަމެއްނޫނެވެ. ޒިނޭކުރުމާއި, އެއްޖިންސުން ގުޅުން ހިންގުމާއި, ޖުވާކުޅުމާއި, ރަލަކީ ހުއްދަނޫން އެއްޗެއްކަމަށް ބުނިނަމަވެސް, އަދި އެކަން އެނގުނުނަމަވެސް, ކިތަންމެ ވަރަކަށް އެވާހަކަ ތަކުރާރުކުރިނަމަވެސް, ޢަޤީދާގެ ހަރުދަނާކަމެއް ނެތްބަޔަކަށް, މިކަންކަމުން ދުރުހެލިއެއް ނުވެވޭނެއެވެ. މިކަންކަމުގެ ބޮޑުކަން އިޙްސާސެއްވެސް ނުކުރެވޭނެއެވެ. ރާ ޙަރާމް ކުރެއްވުމުން މަދީނާގެ މަގުތައް މަތީގައި ރަލުގެ ކޯރުތައް ދެމިގެން ދިޔައީ, އެބޭކަލުން (رضي الله عنهم) އަށް ރަލުގެ ފިޤުހު އެނގިވަޑައިގެން ތިއްބެވިލެއް މޮޅުކަމުންނެއް ނޫނެވެ. ނަމަވެސް, ޢަޤީދާގެ ހަރުދަނާކަމާއި ޘާބިތުކަމުގެ ސަބަބުންނެވެ. ﷲ ގެ އަމުރުފުޅެއް އެއިން ބޭކަލެއްގެ ކުރިމައްޗަށް ޙާޟިރުކުރެވިއްޖެނަމަ, އެބޭކަލުންގެ ބަހެއްކަމުގައިވަނީ, "އަހަރެމެން އަޑުއަހައިފީމެވެ. އަދި ކިޔަމަންވެއްޖައީމެވެ." މިފަދައިންނެވެ. ސައްޔިދް ޤުޠުބް (رحمه الله) ވިދާޅުވިއެވެ.


"ޖާހިލިއްޔަތުގެ މާނަ އަދި އެއަށްފަހުގައި އިސްލާމްދީނުގެ މާނައަކީ ކޮބައިކަން ޞަޙާބީން (رضي الله عنهم) އަށް އަންގަވާދެއްވުނު ހިނދު, އެބޭކަލުން އެކީއެކަށް ޖާހިލިއްޔަތު ދޫކޮށްލެއްވިއެވެ. ޤުރުއާނުން ކުރި ބިނާކުރުވަނިވި އަޘަރާއި އަދި ނަބިއްޔާ (صلى الله عليه وسلم) އާއި ޚުދު ބައްދަލުވުމުން އެބޭކަލުންނަށް ކުރި އަޘަރަކީ މިއީއެވެ. މި ރިސާލަތުގެ ތާރީޚުގައި އެންމެ ވަރުގަދަ ޖީލަކީ އެބޭކަލުންނެވެ. އަހަރެމެން ވަރަށް ގިނައިން އަޑުއަހާފައިވާ އަދި ކިޔައިއުޅެވިފައިވާ މި މަތިވެރިކަމުގެ ސިއްރަކީ ކޮބައިތޯއެވެ؟ މި މަޢްރޫފު ދަރަޖައަކީ, އަހަރެމެން މިހާރު ގެނބިފައި މިވާ ފުންމިން ނޭނގޭ ވަޅުގަނޑާއި އަޅާ ކިޔާލުމުން ޚިޔާލެއް ފަދައިންވާ ދަރަޖައެކެވެ. މިބޭކަލުން އިސްލާމްދީނަށް ވަދެވަޑައިގަތުމުން, މާޟީގެ ޖާހިލިއްޔަތުގެ ހުރިހާ އެއްޗެއް އެއްލަވާލެއްވިއެވެ. އެބޭކަލުން ސަވާރުވެ ވަޑައިގެންނެވީ ދިގު ދަތުރަކަށެވެ. ކައިރިން ތަޞްވީރު ކުރެވޭ, ބަލިކަށިކަން އެކުލެވިގެންވާ ދުނިޔެއެއް - އަނިޔާވެރިކަމާއި, ނިކަމެތިކަމާއި, އަދި ލާރިއަށް އަޅުކަންކުރުމުން ފުރިފައިވާ ދުނިޔެއެއް - އެބޭކަލުންގެ ފަހަތަށް ދޫކޮށްލެއްވީ, އުއްމީދުތަކުން ފުރިގެންވާ, ﷲ ގެ އަލިކަމުން އަލިވެގެންވާ ދިރިއުޅުމަކަށްޓަކައެވެ. ޚަލްޤުކުރެވިފައިވާ ތަކެއްޗަށް އަޅުކަންކުރުމުން އެއްކިބާވެ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް މީސްތަކުންނަށް ޔަޤީންކަން ދިން, ފުން އިޙްސާސާއި ތަޞްވީރުގެ ދުނިޔެއަކަށްޓަކައެވެ." (ސައްޔިދް ޤުޠުބް (رحمه الله) ގެ "މައިލް ސްޓޯން" 16ޞ, ޢަރަބި ޢަދަދުން)


ކީއްވެގެންތޯއެވެ؟ ޢަޤީދާ ހަރުދަނާވުމުގެ ސަބަބުންނެވެ. އިސްލާމްދީނަކީ ހަމައެކަނި ނަމާދުކޮށް, ޒަކާތްދީ, ރޯދަހިފާ, ޙައްޖުގެ އަޅުކަންތައް އަދާކުރުމެއް ނޫނެވެ. ނުވަތަ ސުންނަތް ނަމާދުތައްކޮށް, ޤުރުއާންކިޔަވާ ހިތުދަސްކޮށް, ތުނބުޅި ދިގުކޮށް, އީޒާރު އުފުލުމެއްވެސް ނޫނެވެ. ނޫނީ މިއިން އެއްވެސް ކަމެއް ނުކޮށް ހަމައެކަނި ޖިހާދުކޮށް ޝަހީދުވުމަށް އެދުމެއްވެސް ނޫނެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގަކީ ހަމައެކަނި އެގޮތުގައި އުޅެލުންކަމުގައި ދެކިގެންނުވާނެއެވެ. ތިމާގެ ޢަޤީދާ ހަރުދަނާކުރުމަކީ ދީނުގެ އެހެނިހެން ކަންކަމުގައި ތިމާއަށް ޘާބިތުވެވެން އޮތް ތަޅުދަނޑިއެވެ. އޭގެ ތެރެއިން, މިއަދުގެ ދަޢުވަތުގައި, ތަޥްޙީދުގެ ކަލިމައިގެ މައި ޢަޤީދާއެއް ކަމަށްވާ "الولاء و البراء" (ގުޅުން ބަދަހިކުރުމާއި ބަރީއަވުން) މި އަސާސްގެ އަޑުވަނީ ފަނޑުވެފައެވެ. އިބްނު ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ.


"ޝަހާދަތުގެ ކަލިމަ, "لا إله إلا الله", ލާޒިމްކުރުވަނީ ތިބާ ހަމައެކަނި ﷲ އަށްޓަކައި ލޯބިވުމަށާއި, ހަމައެކަނި ﷲ އަށްޓަކައި ރުޅިއައުމަށާއި, ހަމައެކަނި ﷲ އަށްޓަކައި ގުޅުންބަދަހި ކުރުމަށާއި, ހަމައެކަނި ﷲ އަށްޓަކައި ޢަދާވާތްތެރިވުމަށެވެ. އަދިވެސް ލާޒިމްކުރުވަނީ ﷲ ލޯބިވެވޮޑިގަންނަވާ ކަމެއް ދެކެ ތިބާ ލޯބިވުމަށެވެ. އަދި ﷲ ނުރުއްސަވާ ކަމަކަށް ތިބާ ނުރުހުމަށެވެ. އަދި އެހެންމެ, ތިބާއަށް ފެނުނު ކޮންމެ ތަނަކުން މުސްލިމުންނާއިއެކު ތިބާ ގުޅުން ބަދަހިކުރުމަށެވެ. އަދި ތިބާގެ އެންމެ ގާތްތިމާގެ މީހުންކަމުގައިވީ ނަމަވެސް ކާފަރުންނާއި ދެކޮޅުވެރިވުމަށެވެ." (އިބްނު ތައިމިއްޔާ (رحمه الله) ގެ "އަލް-އިޙްތިޖާޖް ބިލް ޤަދަރި" 62ޞ)


އަދުގެ ދުނިޔޭގައި މުސްލިމުންގެ މެދުގައިވާ ބައިބައިވުންތަކުގެ އަޞްލަކީ މި އަސާސް ނެތުމެވެ. އެކުވެރިވެ ގުޅުންބަދަހިކުރަންވީ ކޮންބަޔަކާތޯ؟ ޢަދުއްވުންނަކީ ކޮބައިތޯ؟ ލޯބިވާންޖެހެނީ އަދި ރުޅިއަންނަން ޖެހެނީ ކޮންބައެއް ދެކެތޯ؟ ރަޙުމްކުރަންޖެހެނީ އަދި ޢަދާވާތްތެރިވާންޖެހެނީ ކޮންބަޔަކާތޯ؟ ހަނގުރާމަކުރަންޖެހެނީ ކޮންބަޔަކާ އެއްކޮޅަށް އަދި ދެކޮޅަށްތޯ؟ ނަފްސު ޤުރުބާންކޮށްލަނީ ކޮން ފަރާތަކަށްތޯ؟ ކޮން ފަރާތެއްގެ ބައިގަނޑުގައި ހަނގުރާމަކުރަމުންތޯ؟ އައް-ރަޙްމާންގެ ބައިގަނޑާއި އަދި ޝައިޠާނާގެ ބައިގަނޑު ދެނެގަންނާނީ ކިހިނެއްތޯ؟ މި ސުވާލުތަކަށް ޖަވާބުހޯދުން ލާޒިމްވެގެންވެއެވެ. ދީނުގެ އަޞްލު ބިނާވެގެންވަނީ އަދި ފުރިހަމަ ދިރުއުޅުމެއް ބިނާވެގެންދަނީ މިކަންތައްތަކުގެ މައްޗަށްކަން ދަންނަންޖެހެއެވެ. އަދި ހަމައެހެންމެ, އިސްލާމްދީނުގެ ޢަޤީދާއަކީ ހަމައެކަނި ތަޥްޙީދުގެ ކަލިމަ ބުނެލުމަކުން ފުދޭ ޢަޤީދާއެއް ނޫންކަމާއި, އެހެނަސް, އެއިލާހު ފިޔަވައި އަޅުކަންކުރުން ޙައްޤުވެގެންވާ އެއްވެސް އެހެން ފަރާތެއް ނުވާކަމަށް ތަކުރާރުކޮށް ބުނެ އިޤުރާރުވާ ޢަޤީދާއެއްކަން ދަންނަންޖެހެއެވެ. އަދި ލޯބިވާންޖެހެނީ އަދި ރުޅިއަންނަން ޖެހެނީ ކޮންބައެއްކަން ބަޔާންވެފައިވާ ޢަޤީދާއެއްކަން ދަންނަންޖެހެއެވެ. ނަބިއްޔާ (صلى الله عليه وسلم) ދެއްވެވި ދަޢުވަތަކީ މިއީއެވެ. އަދި އިބްރާހިމް (عليه السلام) ގެ ދަޢުވަތަކީވެސް މިއީއެވެ. ޝައިޚް މުޙައްމަދު ބިން ޢަބްދުލް ވައްހާބު (رحمه الله) ވިދާޅުވިއެވެ.


"ﷲ އާއި އެހެން ފަރާތްތައް ބައިވެރި ނުކުރުމަށް, އަދި މިކަމަކީ ﷲގެ އެއްކައުވަންތަކަމާއި އިދިކޮޅުކަމެއްކަމަށް ޤަބޫލުކުރުމަށް އިންޒާރު ދެއްވެވުމަށްޓަކައި, ފޮތުގެ އަހުލުވެރީންގެ ގާތަށް ނަބިއްޔާ (صلى الله عليه وسلم) ވަޑައިގަތުމުން, އެމީހުން އެކަމާ ދެކޮޅެއް ނަހަދައެވެ. އެމީހުން އެމީހުންގެ ކަންތައްތައް އިޞްލާޙުކޮށް, އެކަކު އަނެކަކަށް މި ދަޢުވަތު ޤަބޫލުކުރުމަށް ގޮވާލަމުން ގެންދިޔައެވެ. އެހެންނަމަވެސް, އެމީހުންގެ ދީނަށާއި އެމީހުންގެ ހަމަނުޖެހޭ ޢިލްމުވެރިންނަށް އިންކާރު ކުރެއްވުމުން, އެމީހުން އެނބުރި ގަނެ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ޞަޙާބީންނާއި މެދު ޢަދާވާތްތެރިކަން އިޢްލާންކުރިއެވެ. އެމީހުންގެ ދަޢްވާއަކީ: [އޭނާ (އެބަހީ ނަބިއްޔާ (صلى الله عليه وسلم)) އަހަރެމެންގެ ވިސްނުމާއި މެދު ސުވާލުކޮށް, އަހަރެމެންގެ ދީނަށް ޤަޒްފުކޮށް, އަހަރެމެންގެ އީމާންކަމަށް އެއްޗެހިކިޔާ ހަދަނީއެވެ.] ހަމަޔަޤީނުންވެސް އެނގޭނޭ ފަދައިން, އެކަލޭގެފާނު (صلى الله عليه وسلم), ޢީސާގެފާނަށް އަދި އެކަލޭގެފާނުގެ މަންމާފުޅަށް (عليهما السلام) ނުވަތަ މަލާއިކަތުންނަށް, ނުވަތަ ނިޔާވެފައިވާ ޞާލިޙު އަޅުވެރީންނަށް ލަޢުނަތަށް އެދިވަޑައެއް ނުގަންނަވައެވެ. އެކަމަކު, މި ފަރާތްތަކަކީ އެމީހުންނަށް އެހީތެރިކަމެއް އަދި ގެއްލުމެއްވެސް ނުދެވޭނެ ފަރާތްތަކެއްކަމަށް ބަޔާންކޮށްދެވުމުން, އެއީ އިހާނާތެއް ކަމަށް އެމީހުން ދަޢުވާކުރިއެވެ.


މި ނުޤުތާ އަހަރެމެންނަށް ފަހުމްވުމުން, ވޮޑިގެންވަނީ އެންމެ އިލާހެއްކަމަށް ބުނެފި މީހާ, އޭނާ ކާފިރުންނަށް ޢަދާވާތްތެރިކަން އިޢްލާނުކޮށް, އެމީހުންނާއި މެދު އޮންނަ ރުޅިވެރިކަމާއި ދެކޮޅުވެރިކަން ބަޔާންކުރުމަށް ދާންދެން, އޭނާއީ މުސްލިމެއްކަމަށް ބުނުމުގެ ޙައްޤެއް އެއްވެސްމީހަކަށް ނޯންނާނެކަން އެނގިގެންދެއެވެ.


لا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُولَئِكَ كَتَبَ فِي قُلُوبِهِمُ الإيمَانَ...


"ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ ބަޔަކު, ﷲ އާއި އެއިލާހުގެ ރަސޫލާ (صلى الله عليه وسلم) އަށް ދެކޮޅުވެރިވާ ބަޔަކަށް ލޯބިކުރާތަނެއް ކަލޭގެފާނަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އެއީ އެމީހުންގެ ބައްޕައިން ކަމުގައި ވިޔަސް, ނުވަތަ އެމީހުންގެ ދަރިން ކަމުގައި ވިޔަސް, ނުވަތަ އެމީހުންގެ ބޭބެއިން ކަމުގައި ވިޔަސް, ނުވަތަ އެމީހުންގެ ގާތްތިމާގެމީހުންކަމުގައި ވީނަމަވެސް މެއެވެ. އެފަދަ މީހުންނަކީ, އެމީހުންގެ ހިތްތަކުގައި އީމާންކަން ބިންވަޅުނަންގަވާ ލިޔުއްވެވިފައިވާ މީހުންނެވެ." (ސޫރަތުލް މުޖާދިލަ:22)


މިކަން އަހަރެމެންނަށް ފަހުމް ވެއްޖެނަމަ, މުސްލިމުންކަމަށް މިއަދު ދަޢުވާކުރަމުންދާ ގިނަ މީހުންނަށް "لا إله إلا الله" ގެ މާނަ ޙަޤީޤަތުގައި ނޭނގޭކަން އަހަރެމެން އިޢުތިރާފްވާން ޖެހޭނެއެވެ. އެމީހުންގެ އެ ވިސްނުން އަހަރެމެން ޤަބޫލުކުރާކަމުގައި ވަނީނަމަ, އަނިޔާވެރިކަމާ އަޅުވެތިކަމުގައި, އެންމެ ފުރަތަމަ އިސްލާމްވީ ބޭކަލުން ތަޙައްމަލް ކުރެއްވި ކަންތައްތައް ޝަރަޙައެއް ނުކޮށްދެވޭނެއެވެ. އަދި އެބޭކަލުންނަށް ކުރިމަތިވި އަދަބުތަކާއި ބިމުން ފައްސާ ބޭރުކޮށްލުމުގައި ކެތްތެރިވެ ވަޑައިގަތް ކެތްތެރިވުންވެސް ޝަރަޙައެއް ނުކޮށްދެވޭނެއެވެ. މީސްތަކުންގެ ތެރެއިން އެންމެ ރަޙުމްކުރައްވާ ބޭކަލަކީ ނަބިއްޔާ (صلى الله عليه وسلم) އެވެ. އެކަލޭގެފާނުގެ ޞަޙާބީން ކަޑައްތުކުރި މި ބުރަތަކުން މިންޖުކުރެވޭނެ ގޮތެއް އެކަލޭގެފާނަށް އޮތްނަމަ, ހަމަ ޔަޤީނުންވެސް އެކަލޭގެފާނު އެކަމެއް ކުރެއްވީހެވެ." (މުޙައްމަދު ބިން ޢަބްދުލް ވައްހާބު (رحمه الله) ގެ "މަޖްމޫޢަތުއް ތަޥްޙީދު" 19ޞ)


އިސްލާމްދީނުގެ މި ޢަޤީދާއަކީ ނަބިއްޔާ (صلى الله عليه وسلم) މައްކާގައި 13 އަހަރު ދުވަސްވަންދެން ގޮވާލެއްވި, އަދި މުސްލިމު މުޖުތަމަޢުގެ ހިތްތަކުގައި ރަނގަޅަށް އަށަގެންނެވި ޢަޤީދާއެވެ. އަދި އޭގެ އަސަރުތައް އެބޭކަލުންނާ ބޭކަނބަލުން (رضي الله عنهم) ގެ ޢަމަލުފުޅުތަކުން ފާޅުވާން ފެށި ޢަޤީދާއެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ﷲ ގެ ކަލިމަ މަތިވެރިކުރުމަށްޓަކައި ހުއްޓުމެއްނެތި ދެވެމުންދިޔަ ދަޢުވަތުގައި އަދި ކުރެވެމުންދިޔަ ޖިހާދުގައި މުދަލާއި ނަފްސުތަކުން ޤުރުބާންވާން މެދުވެރިވި ޢަޤީދާއެވެ. ކުފުރުގެ ނިޡާމުތަކުގައި މަސްހުނިވެތިބެ, ﷲ ގެ ޝަރީޢަތް ޤާއިމްކުރަން ގޮވާލި ޢަޤީއެއް ނޫނެވެ. އެހެނަސް, އިސްލާމީ ދިރުއުޅުމުގެ ނިޡާމުގެ ތެރެއިން ﷲ ގެ ޝަރީއަތް ޤާއިމްކޮށް, އެއިލާހުގެ ވާގިފުޅާއިއެކު ތަންފީޛުވެސް ކުރި ޢަޤީދާއެވެ. އެހެންކަމުން, ދީނުގެ އެހެން ހުރިހާކަމެއް ހަރުދަނާކުރަން މަސައްކަތްކުރުމުގެ ކުރިން, ތިމާގެ ޢަޤީދާ ހަރުދަނާކުރަން އެބަޖެހެއެވެ. އަދި އެ މަޥްޟޫޢުގެ ތެރެއަށް ފީނަން އެބަޖެހެއެވެ. ދިރާސާކޮށް ދެނެގަންނަން އެބަޖެހެއެވެ. އަދި ދަޢުވަތު ދެއްވުމުގައި ތަޥްޙީދުގެ މި މުހިއްމު ޢަޤީދާ "الولاء و البراء" (ގުޅުން ބަދަހިކުރުމާއި ބަރީއަވުން) އަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެހެނީ މިއަދު އަދި މާދަމާވެސް ޔަހޫދީން ނުވަތަ އެނޫންވެސް ބަޔަކު މި ދިވެހި ފަސްގަނޑުގައި މުސްލިމުން ހައްޔަރުކޮށް, ޤަތުލުކޮށް, ގެދޮރުތައް ފޭރި, ރޭޕުކޮށް ހެދިނަމަވެސް, އަދި ރަލުގެ ޚާނާތަކާއި, ޒިނޭޚާނާތަކާއި, ޖުވާޚާނާތަކާއި އަދިވެސް މިދަފަދަ ކަނޑައެޅި ބަޔާންވެގެންވާ ޙަރާމްކަންކަން ހުއްދަކުރިނަމަވެސް, އެކަމާއި ދެކޮޅަށް ސިފައިންގެ "ބޭކަލުން" ނުނިކުތް ނަމަވެސް, ތިމާގެ ނަފްސުން ޤުރުބާންވާން ތައްޔާރަށް ތިބި ދަރިންތަކެއް ފެނިގެންދާނީ އޭރުންނެވެ.


އަޞްލު: ލިޔުންތެރިޔާ

www.click4islam.com

24 ނޮވެމްބަރު 2009 -


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page