top of page
Featured Posts

ޢަޤީދާގެ ތެރެއިން މަރުވުމާއި ދިރުއްވުން



الحمد لله ، والصلاة والسلام على رسول الله ، وعلى آله وصحبه ومن والاه. اما بعد:


މަރަކީ ހަމަ ކޮންމެމީހަކާ ވެސް ބައްދަލުކުރާނެ އެއްޗެކެވެ. އަހަރެމެން އެއަށް ފިލަން ކިތަންމެވަރަކަށް މަސައްކަތް ކުރިނަމަވެސް މަރުއައިސް އަހަރުމެންނާއި ބައްދަލު ކުރާނެ އެވެ. އަދި އެއަށްފަހު ފޮރުވިގެންވުމާއި ފާޅުވެގެންވުމުގެ ދުނިޔެއަށް ރައްދު ކުރެވޭނެއެވެ. ﷲ سبحانه وتعالى، ވަޙީކުރައްވާފައި ވެއެވެ:


”قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ“


”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ފިލަންތިއުޅޭ މަރު ފަހެ ހަމަކަށަވަރުންވެސް ތިޔަބައިމީހުންނާއި ކުރިމަތިވާނެއެވެ. އަދި އެއަށްފަހުގައި ފޮރުވިގެންވުމާއި ފާޅުވުމުގެދުނިޔެއަށް ތިޔަބައިމީހުން ރައްދުކުރެވޭނެއެވެ. ދެން ފަހެ ތިޔަބައިމީހުން ކޮށް އުޅުނު ކަންތައްތައް ތިޔަބައިމީހުންނަށް ކިޔައިދެވޭނެއެވެ.“ [ސޫރަތުލް ޖުމްޢަ: 8]


މަރުވުމަށްފަހު އަލުންދިރުއްވާ ފޮނުއްވާނެކަން ޤަބޫލުކުރުމަކީ އިސްލާމީ ޢަޤީދާ ތަކުގެތެރެއިން މުހިންމުކަން ބޮޑު ޢަޤީދާއެކެވެ. މި ޢަޤީދާއާއިމެދު ދެކޮޅުހަދައި އިންކާރުކޮށްފި މީހެއްގެ އީމާންކަމެއް ނޯންނާނެ އެވެ. އެފަދަމީހެއްގެ މައްޗަށް އޮތްކަމަކީ އެ ޢަޤީދާ ހިތުން ޤަބޫލުކޮށް ދީނަށް އެނބުރި ރުޖޫޢަ ވުމެވެ.


އެއްދުވަހަކު ޢުޒައިރު عليه السلام، ބަގީޗާއަކުން މޭވާތަކެއް ބިންނަވައިގެން ﷲ سبحانه وتعالى، ދެއްވެވި ނިޢުމަތަށް ޝުކުރު ކުރައްވަމުން ގެއަށް ވަޑައިގެން މަގުމަތީގައި ހަލާކުވެ ވީރާނާވެފައިވާ ރަށެއްފެނިވަޑައިގަތެވެ. އެރަށުގެ ގެތައް ވެއްޓި ފުރާޅުތައް ހަލާކުވެފައިވަނިކޮށް ދެކެވަޑައިގަތެވެ. މިރަށް ފުރިހަމައަށް ޢިމާރާތް ކުރެވިފައިވަނިކޮށް މިރަށަށް މިޖެހުނު ޙާލާއިމެދުގައި ވިސްނަވާ ފިކުރުކުރައްވަން ހުއްޓިވަޑައިގެން ހުންނެވި އެވެ. އަދި ވިދާޅުވިއެވެ:


”މިރަށް މިފަދައިން ފަނާވެދިއުމަށްފަހު ﷲ، މިރަށް އަލުން ދިރުއްވާނީ ކޮންފަދައަކުން ބާވައެވެ!“ އެހިނދު މާތް ﷲ އެކަލޭގެފާނަށް ސަތޭކަ އަހަރަށް ނިދި ޖެއްސެވި އެވެ. ދެން އޭގެ ހަތްދިހަ އަހަރުފަހުން އަލުން އެރަށް ޢިމާރާތްކުރެވި އެރަށުގައި މީހުން ދިރިއުޅެމުން އައެވެ. ދެން، އެކަލޭގެފާނު އަލުން ނިދިންހޭލެއްވުނެވެ. އަދި މަލާއިކަތަކު ފޮނުއްވައި އެއްސެވިއެވެ: ”ކަލޭގެފާނު ނިދިކުރެއްވެވީ ކިތަށް ދުވަހުތޯއެވެ؟“ ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު އޮންނެވީ އެއްދުވަހު ނުވަތަ އެއްދުވަހުން ބައެއްގައެވެ.“ އެމަލާއިކަތާ ވިދާޅުވިއެވެ. ”އަދި ކިއެއްތޯއެވެ! ކަލޭގެފާނު ސަތޭކަ އަހަރު އޮންނަވައިފީމުއެވެ. “އެކަލޭގެފާނު ނިދިޖެއްސެވުނީ ދުވާލެއްގެ ކުރީކޮޅުގައެވެ. ހޭފުޅުއެރީ ދުވާލެއްގެ ފަހުކޮޅުގައެވެ. އިރު ނުއޮއްސި ހުރިތަން އެކަލޭގެފާނަށް ފެނިވަޑައިގެން ހީފުޅުކުރެއްވީ އެއީ އެދުވަހުގެ ހަވީރުކަމަށެވެ. އެދުވަހުގެ ބައެއްގައޭ ވިދާޅުވީ އެހެންވެގެންނެވެ.


”އަދި ކަލޭގެފާނު ފަރިއްކުޅުއްވާ ތަކެއްޗާއި ހިއްޕަވާތަކެއްޗަށް ބައްލަވާށެވެ! އެއިން އެއްޗަކަށް ބަދަލެއް އައިސް ތަޣައްޔަރުވެފައެއް ނުވެ އެވެ. އަދި ކަލޭގެފާނު ސަވާރުވެވަޑައިގެންނެވި ހިމާރަށް ބައްލަވާށެވެ. އޭތި ދިރުއްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ. އެއީ އަލުން ދިރުއްވާނެކަމުގެ ދަލީލަކަށް މީސްތަކުންނަށްޓަކައި ކަލޭގެފާނު ލެއްވުމަށެވެ. އަދި އޭތީގެ ކަށިތަކަށް ބައްލަވާށެވެ. އެކަށިތައް އެތަންމިތަނުން އެއްވެ އެ ކަށިކޮޅެއް އޮންނަންވީ ތަނަކަށް ތަރުތީބުވާތަން ބައްލަވާށެވެ. އެ ކަށިތައް އެތަންމިތަނުން އެއްކުރެއްވުމަށް ﷲ، ފޮނުއްވީ ވައެކެވެ.“ ދެން ކަށިތައް ޖަމާވެ ހުސްކަށިން ހެދިފައިވާ ހިމާރެއް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ބައްލަވަން ހުންނަވަނިކޮށް އޭގައި މަސް ލައްވައި ނާރުތަކާއި ހަން ލައްވައި ފުރިހަމަ ކުރެއްވުމަށްފަހު މަލާއިކަތުން ފޮނުއްވައިގެން އޭތީގެ ނޯށުން ފުމެލެއްވި އެވެ. އެހިނދު އޭތި ގޮވައިގަތެވެ. މިހުރިހާކަމެއް ބައްލަވަން ޢުޒައިރު عليه السلام ހުންނެވިއެވެ.


ޙަޤީޤަތުގައި ވެސް މަރާއި އަދި ދިރުއްވުމާއި މިކަންތައްތަކާއި މެދު ވިސްނުމަކީ ވަރަށްވެސް މުހިންމު ބޭނުންތެރިކަމެކެވެ. ނަމަވެސް އެކަމުގައި އިޚްލާޞްތެރި ވެގެންނެވެ.

އަޞްލު: ލިޔުންތެރިޔާ

www.click4islam.com

07 ޖޫން 2010 -


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page