އަހަރެން އަހަރެންގެ އަނބިމީހަގެ ޝަކުވާކުރަން އައީމެވެ. އަހަންނަކީ އޭނާގެ ގާތުގައި އެއްވެސް އަގެއްނެތ
އަލްހާފިޒު އަލްމިއްޒީ، ތަޙްދީބު އަލްކަމާލު މިފޮތުގެ ސޮފްޙާ 94/11 ގައި ލިޔެފައި ވެ އެވެ.
ޔަޙްޔާ އިބްނު ޔަޙްޔާ އައްނައިސަބޫރީ ވިދާޅުވެފައި ވެއެވެ:
ތިމަން އެއްދުވަހެއްގައި ޔަޙްޔާ އިބްނު ޢުޔައިނާގެ އަރިހުގައި އިންނަވަނިކޮށް މީހަކު އައިސް އެކަލޭގެފާނަށް ދެއްނެވި އެވެ.
”އޭ ޢަބޫ މުޙަންމަދެވެ. އަހަރެން ކަލޭގެފާނުގެ އަރިހަށް މިއައީ އަހަރެންގެ އަނބިމީހާއާއި ބެހޭ ގޮތުން ޝަކުވާ ދެންނެވުމަށެވެ. އޭނާގެ ގާތުގައި އަހަންނަކީ އޭނާ ވަރަށްވެސް ނުރުހުންވާ އެއްވެސް އަގެއް ނެތް މީހެކެވެ.“
މިވާހަކަ އަޑުއެހުމަށް ފަހު ސުފިޔާނު، ހަމައިހިމޭނުން ހިނދުކޮޅަކަށް އިންނެވުމަށް ފަހު ވިދާޅުވިއެވެ. ”ބެލެވޭ ގޮތުގައި ތިބާ އޭނާއާއި ކައިވެނި ކުރުމުގައި ހަމަ އެކަނި ޝައުގުވެރިވީ އޭނާގެ ސަބަބުން ތިބާގެ ޢިއްޒަތް މަތިވެރި ކުރުމަށްޓަކައެވެ.“
ޖަވާބުގައި އެމީހާ ބުންޏެވެ. ”އާދޭހެވެ. ތިކަންތައް އޮތީ ހަމަ ތިވިދާޅުވި ގޮތަށެވެ.“
ސުފިޔާނު ވިދާޅުވިއެވެ. ”ޢިއްޒަތްތެރި އަންހެނަކާ ކައިވެނިކޮށް އެކަމުގެ ސަބަބުން ތިމާގެ ޢިއްޒަތް މަތިވެރި ކުރުމަށް އެދިއްޖެ މިހާކު، ނިކަމެތިވުމާއި ދަށު ދަރަޖައަކަށް ވެއްޓުމުން އިމްތިޙާނު ކުރެވޭނެއެވެ. އަދި މުދާވެރިކަމަށްޓަކައި އަންހެނަކާ ކައިވެނި ކުރާ މީހަކު، ފަޤީރުކަމުން އިމްތިޙާނު ކުރެވޭނެއެވެ. އެހެނެއްކަމަކު އަންހެނެއްގެ ޞާލިޙްކަމާއި ތަޤުވާވެރިކަމަށްޓަކައި އޭނާއާއި ކައިވެނި ކޮށްފި މީހާކު ފަހެ ﷲ އެމީހަކަށް ޢިއްޒަތާއި މުއްސަނދިކަމާއި، މިދެކަންތައް އެއްކޮށް އޭނާގެ ތަޤުވާވެރިކަމުން ދެއްވަވައެވެ.“
އެއަށްފަހު އެކަލޭގެފާނު މިމީހާއަށް ވާހަކައެއް ކިއުއްވާ ދެއްވިއެވެ.
”ތިމަންމެންކަލޭގެފާނުގެ (ޢާއިލާގައި ތިމަން ކަލޭގެފާނާއެކު) ހަތަރު އަޚުން ވިއެވެ. އެއީ މުޙައްމަދު، ޢިމްރާނު، އިބްރާހީމު އަދި ތިމަން ކަލޭގެފާނެވެ. މުޙަންމަދަކީ އެންމެ ދޮށީ މީހާއެވެ. އަދި ޢިމްރާނަކީ އެންމެ ހަގު މީހާއެވެ. އަދި ތިމަން ކަލޭގެފާނަކީ އެދެމެދުގައިވާ މީހެކެވެ.
މުޙައްމަދު ކައިވެނި ކުރުމަށް ބޭނުންވި ހިނދު، އޭނާ ބޭނުންވީ ނަޞަބުގެ ގޮތުން އަރާހުރި ޢާއިލާއެއްގެ ޢިއްޒަތްތެރި އަންހެނަކާ ކައިވެނި ކުރުމަށެވެ. އެހެންކަމުން އޭނާ އެފަދަ އަންހެނަކާ ކައިވެނި ކުރިއެވެ. އަދި ﷲ އޭނާ ނިކަމެތިވުމާއި ދަށުދަރަޖައަށް ވެއްޓުމުން އިމްތިޙާނު ކުރެއްވިއެވެ.
ޢިމްރާނު ޝައުގުވެރިވީ މުދާވެރި މުއްސަނދި އަންހެނަކާ ކައިވެނި ކުރުމަށެވެ. އެހެންކަމުން އޭނާއަށް ވުރެ މުދާވެރި މުއްސަނދި އަންހެނަކާ ކައިވެނި ކުރިއެވެ. އަދި ﷲ އޭނާ ފަޤީރުކަމުން އިމްތިޙާނު ކުރެއްވެވިއެވެ. އެއަންހެނާގެ (ޢާއިލާ މީހުން) އޭނާގެ ހުރިހާ މުދަލެއް އޭނާގެ ކިބައިން އަތުލައި އޭނާއަށް އެއްވެސް އެއްޗެއް އަނބުރާ ނުދިނެވެ.
އެހެންކަމުން އެމީހުންނާ މެދު ކަންތައް ހިނގައިދިޔަ ގޮތާއި މެދު ތިމަންކަލޭގެފާނު ވަރަށް ވިސްނާ ފިކުރު ކުރީމެވެ. މަޢްމަރު އިބްނު ރަޝީދު ތިމަންކަލޭގެފާނުގެ ގާތަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު މިވާހަކަތައް އެކަލޭގެފާނަށް ކިޔާދިނީމެވެ. އެހިނދު އެކަލޭގެފާނު، ޢާއިޝާ (رضي الله عنها) އާއި ޔަޙްޔާ އިބްނު ޖަޢްދާ (رضي الله عنه) ގެކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއް ތިމަންކަލޭގެފާނަށް ހަނދާން ކޮށްދެއްވިއެވެ.
ޖަޢްދާ (رضي الله عنه) ގެ ރިވާޔަތުގައި ވެއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.
”އަންހެނަކާ ކައިވެނި ކުރެވެނީ ހަތަރު ކަމަކަށްޓަކައެވެ. (އެއީ އޭނާގެ) ތަޤުވާވެރިކަމާއި، ނަޞަބާއި، މުދާވެރިކަމާއި އަދި ރީތިކަމަށެވެ. ތަޤުވާވެރި އަންހެނާއާއި ކައިވެނި ކުރާށެވެ. އޭރުން ތިބާ ކާބިޔާބުވާނެއެވެ.“
ޢާއިޝާ (رضي الله عنها) ރިވާޔަތުގައި ވެއެވެ. ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.
”އެންމެ ބަރަކާތްތެރިކަންވާ އަންހެނަކީ އެންމެ ކުޑަ ރަނަކާއި އެކު ކައިވެނި ކުރެވޭ އަންހެނާއެވެ.“
އެހެންކަމުން ތިމަންކަލޭގެފާނު ތަޤުވާވެރި އަދި ކުޑަރަނަކަށް ޤަބޫލުވާ އަންހެނަކު ކައިވެނި ކުރުމަށް ޚިޔާރު ކުރީމެވެ. އެއީ ނަބިއްޔާ (صلى الله عليه وسلم) ސުންނަތަށް ތަބާވުމަށްޓަކައެވެ. މީގެ ސަބަބުން ﷲ ތަޢާލާ ތިމަންކަލޭގެފާނަށް ޢިއްޒަތާއި، މުދާވެރިކަމާއި އަދި ތަޤުވާވެރިކަން އެކުގައި ތިމަންކަލޭގެފާނުގެ އަނބިމީހާގެ ކިބައިން ދެއްވެވިއެވެ.“
މަޞްދަރު: ތަޙްދީބް އަލް ކަމާލް، ސޮފްޙާ 94/11
www.click4islam.com
24 އޮގަސްޓު 2010 -