top of page
Featured Posts
އުއްމު ޢީޝަލް

الله سبحانه وتعالى އަށް ވަކީލުކުރުން(1) *މުހިއްމު *


ވަކީލުކުރުމުގެ އަޞްލަކީ ހުރިހާ ކަމެއްގައި الله سبحانه وتعالى އަށް އިތުބާރުކުރުމެވެ. މިހެންކަމުން ވަކީލުކުރުމޭ ބުނެވެނީ، ޙަޤީޤަތުގައި ކޮންމެ މީހަކުވެސް ޝަރުޢީ ގޮތުން ހުއްދަވެގެންވާ ސަބަބުތަކުގައި ހިފުމާއިއެކު ދީނީ އަދި ދުނިޔަވީ މަސްލަޙަތުތަކުގައި ތެދުވެރިކަމާއި އެކު الله سبحانه وتعالى އަށް އިތުބާރުކޮށް ބަރޯސާ ކުރުމެވެ. ތެދުވެރިކަމާއި އެކު ވަކީލުކުރުމަކީ الله سبحانه وتعالى އަށް ފުރިހަމައަށް އިތުބާރު ކުރުމާއި އެކު އެއިލާހުގެ ޙަޟްރަތުން ލިބޭނެ މަތިވެރި ނިޢުމަތަށް އުއްމީދުކުރުމެވެ. ހަމަކަށަވަރުން ވެސް އެއީ ދުނިޔަވީ މަންފާތަކާއި ޚިލާފަށް ދެމިގެންވާ މަތިވެރި ނިޢުމަތެކެވެ.


الله سبحانه وتعالى ކީރިތި ޤުރުއާންގައި ވަޙީ ކުރައްވާފައިވެއެވެ.


”وَتَوَكَّلْ عَلَى الْحَيِّ الَّذِي لا يَمُوتُ وَسَبِّحْ بِحَمْدِهِ وَكَفَى بِهِ بِذُنُوبِ عِبَادِهِ خَبِيرًا“


”ދިރިދެމިވޮޑިގެންވާ، އިލާހުގެ ކިބައަށް ކަލޭގެފާނު ވަކީލުކުރައްވާށެވެ. އެއިލާހަކީ އަވަހާރަވުމެއް ނުވާ އިލާހެވެ. އަދި އެއިލާހުގެ ކިބައަށް ޙަމްދުކުރެއްވުމާއި އެކު، ތަސްބީޙަ ވިދާޅުވާށެވެ. އަޅުތަކުންގެ ފާފަތަކުގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ރަސްކަންފުޅު ފުދެއެވެ.“ [އަލް ފުރުޤާން: 58]


އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.


”فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ“


”ފަހެ (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ މާތް ﷲ ކިބައަށް ވަކީލުކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާމީހުންދެކެ މާތް ﷲ ލޯބިވެވޮޑިގެންވެއެވެ.“ [އާލް ޢިމްރާން 159]


އެހެންކަމުން މުއުމިނުން ވާންޖެހޭނީ الله سبحانه وتعالى އަށް ގިނަ ގިނައިން ވަކީލުކުރާ ބަޔަކު ކަމުގައެވެ. ވަކީލުކުރުމުގައި ފާހަގަ ކޮށްލަންޖެހޭ ދަރަޖަތަކެއް ވެއެވެ. އެއީ


1. الله سبحانه وتعالى ގެ ސިފަފުޅުތަކާއި އެކަލާނގެ ޤުދުރަތްތެރިކަމުގެ ފުރިހަމަކަން ދެނެގަތުމާއި އެކު އެއްވެސް ކަމެއް އެއިލާހުގެ ޢިލްމުފުޅާއި، އިރާދަފުޅާއި ލައިގެންމެނުވީ ނުވާނެކަން ޤަބޫލުކުރުމެވެ.


2. ކޮންމެ ކަމަކަށްވެސް ސަބަބުތަކެއް ވާކަން ދަނެގަނެ، ސަބަބު ތަކުގައި ހިފަހައްޓާށެވެ.


3. ހިތުގެ ޢަޤީދާ ވަރުގަދަކޮށް، الله سبحانه وتعالى އާއި މެދު އޮންނަ އިތުބާރާއި ޔަޤީންކަން ބޮޑުކުރުން.


4. الله سبحانه وتعالى އާއި މެދު ހެޔޮކޮށް ވިސްނުން.


5. الله سبحانه وتعالى އަށްޓަކައި ހިތް ޚާލިޞްކުރުން.


6. ތިމާގެ ހުރިހައި ކަމެއް الله سبحانه وتعالى ގެ ޙަޟްރަތަށް ރައްދުކޮށް އެފަރާތުގެ ކޮންމެ ނިންމުމަކަށް ތިމާ ރުހި ގަބޫލުވުން.


الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.


”وَلَمَّا رَأَى الْمُؤْمِنُونَ الأحْزَابَ قَالُوا هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ وَمَا زَادَهُمْ إِلا إِيمَانًا وَتَسْلِيمًا“


”އަހުޒާބުގެ މީހުން މުއުމިނުންނަށް ފެނުމުން އެބައިމީހުން ބުންޏެވެ. މިއީ ތިމަންމެނަށް ﷲ އާއި އެއިލާހުގެ ރަސޫލާ ވަޢުދު ކުރެއްވި ކަންތައްތަކެވެ. އަދި (ވަޢުދު ކުރެއްވުމުގައި) ﷲ އާއި އެއިލާހުގެ ރަސޫލާ އިއްވެވީ ތެދުބަހެވެ. އަދި އެމީހުންގެ އީމާންކަމާއި ކިޔަމަންތެރިކަން އިތުރުވުން ނޫން އެހެންކަމެއް (އެމީހުންނަކަށް) ނުވެއެވެ.“ [އަލް އަހްޒާބު: 22]


އަދިވެސް ވަޙީކުރެއްވިއެވެ.


”الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (*) فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ وَاللَّهُ ذُو فَضْلٍ عَظِيمٍ“


”އެއީ އެބައިމީހުންނަށް މީސްތަކުން (ގެ ތެރެއިން މީހަކު ނުވަތަ ބަޔަކު) ބުނި މީހުންނެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށްޓަކައި، (ތިޔަބައިމީހުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް) މީސްތަކުން ލަޝްކަރު އެއްކޮށްފިއެވެ. ފަހެ އެބައިމީހުން (ދުޝްމަނުން) ދެކެ ތިޔަބައިމީހުން ބިރުގަންނާށެވެ. ފަހެ އޭގެ ސަބަބުން އެބައިމީހުންނަށް (މުއުމިނުން) ގެ އީމާންކަން އިތުރު ކުރިއެވެ. އަދި އެބައިމީހުން ބުންޏެވެ. ތިމަންމެނަށް ﷲ ފުދެއެވެ. ވަކީލުކުރެވޭ ފަރާތް މޮޅުވެގެންވެއެވެ. ދެން ﷲގެ ޙަޟްރަތުން ދަރުމަވަންތަވެރިކަމާއި، ނިޢުމަތާއިގެން އެބައިމީހުން އެނބުރިދިޔައެވެ. އެބައިމީހުންނަކަށް ނުބައިކަމެއް އަދި އުނދަގުލެއްވެސް ނުލިބެއެވެ. އަދި އެބައިމީހުން ﷲގެ ރުއްސެވުމުގެ މަގަށް ތަބަޢަވިއެވެ. ﷲ އީ ބޮޑުވެގެންވާ ދަރުމަވަންތަވެރިކަމުގެ ވެރި އިލާހެވެ.“ [އާލް ޢިމްރާން 174-173]


އަޅާ އޭނާގެ ނަފްސު ސީދާކޮށް އިޞްލާޙު ކުރުމަށްޓަކައި އަދި ބިންމަތީގައި الله سبحانه وتعالى ގެ ދީން ޤާއިމްކޮށް ދީނަށް ނަޞްރު ހޯދައިދިނުމަށާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީ ކުރުމުގައި الله سبحانه وتعالى އަށް ވަކީލުކުރަން ޖެހޭނެ އެވެ. ހަމައެފަދައިން ތިމާގެ ދުނިޔަވީ ކަންކަމުގައިވެސް އެއިލާހަށް ވަކީލު ކުރާށެވެ. މިސާލަކަށް، ރިޒުޤު ހޯދުމަށް، ކައިވެނި ކުރުމަށް، ދަރިން ހޯދުމަށް، ދުޝްމަނުންނާއި އަނިޔާވެރިންގެ މައްޗަށް ގަދަވެގަތުމަށް އަދި ދުނިޔަވީ އެންމެހައި މުޞީބާތްތަކުން ސަލާމަތްވުން ފަދަ އެންމެހައި ކަންތައްތަކުގައިވެސް الله سبحانه وتعالى އަށް ވަކީލުކުރަން ޖެހޭނެއެވެ.


ހަމަ އެފަދައިން الله سبحانه وتعالى ޙަރާމް ކުރައްވާފައިވާ އެންމެހައި ކަންތައްތަކާއި ފާޙިޝް ޢަމަލުތަކުން ސަލާމަތް ވުމަށްޓަކައި ވެސް الله سبحانه وتعالى އަށް ވަކީލުކުރުން މަތީ ދެމިހުންނަށް ޖެހެއެވެ. الله سبحانه وتعالى އަށް ވަކީލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އެކަމަކާއި ނުލާ އީމާންކަން ފުރިހަމަ ނުވާނޭ ކަމެކެވެ. އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ ތެރެއިންވާ ވަރަށް މަތިވެރި ޚުލްޤެކެވެ. ޔަޤީންކަމުގެ އެންމެ މަތީ ދަރަޖަ އެވެ. އަދި އެއީ الله سبحانه وتعالى އަށް ކުއްތަންވުމުގެ އެންމެ ޝަރަފުވެރި މަގުވެސް މެ އެވެ.


މިލިޔުމަށް އެންމެފަހުން ބަދަލުގެނެވުނީ: 08 މާރޗް 2011

މިލިޔުން ބައްލަވާފައިވަނީ 430 ފަހަރު

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page