top of page
Featured Posts

އާނ...! އަހަރެން ތަޥްބާ ވެއްޖައީމު


ވަރަށް ދިގު ދަތުރަކަށްފަހު ޤައުމަށް އެނބުރި އައުމަށް ފްލައިޓަށް އެރީމެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވީ އަހަރެންގެ ސީޓް ވަރަށް އަޑު ގަދަ، ޚިޔާލެއް ފިކުރެއް ވެސް ނެތް ފަދަ ޒުވާނުންތަކެއްގެ ތެރެއިން ލިބުމަށެވެ. މުޅި އެސަރަޙައްދު ވަނީ ސިނގިރޭޓް ދުމުން ބޯވެފައެވެ. ﷲ ތަޢާލާގެ ޙިކްމަތްތެރި ރޭއްވެވުން ކަމުގައިވީ، ބޯޓުގައި ދެން އިތުރު ހުސް ސީޓެއް ވެސް ނެތުމެވެ.


ކޮންމެއަކަސް އެހަލަބޮލިކަމުން ސަލާމަތްވުމަށްޓަކައި ނިދޭތޯ މަސައްކަތް ކުރީމެވެ. އެހެނަސް އެކަން ވާގޮތެއް ނުވިއެވެ. ދެން އިތުރު ގޮތެއް ނެތުމުން އަހަރެން ގެންގުޅޭ ކުޑަ މުޞްޙަފު ނަގައި މަޑު އަޑަކުން ޤުރުއާން ކިޔަވަން ފެށީމެވެ. ދެން އިރުގަނޑެއް ފަހުން ޒުވާނުންތައް މައިތިރިވެ އެއްބަޔަކު ނިދައިވެސްފިއެވެ. ބާކީ ތިބި ކުދިން އެކިއެކި މަޖައްލާތަކާއި ނޫސްތައް ނަގައި ކިޔަން ފެށިއެވެ.


ކުއްލިއަކަށް އަހަންނާއި ޖެހިގެން އިން ޒުވާނާ އަހަރެން އޭނާއާއި ޖެހިގެން ހުރިއިރު ވެސް ވަރަށް ބާރަށް އަހަންނާއި ދިމާލަށް ބުންޏެވެ. ”ދެން ހެޔޮ، ފުދިއްޖެ“


އަހަރެން ހީކުރީ މިޒުވާނާއަށް އަހަރެން ކިޔަވާ އަޑު އިވޭތީ އުނދަގޫ ވީކަމަށެވެ. ދެން ކޮންމެއަކަސް އެޒުވާނާގެ ކިބައިން މަޢާފަށް އެދުމަށްފަހު، އަމިއްލަ ނަފްސަށް އެކަނި އަޑު އިވޭވަރަށް ކިޔެވުން ކުރިއަށް ގެންދިޔައީމެވެ. އެޒުވާނާ އޭނާގެ ބޮލުގައި ދެއަތުން ބާރަށް ހިފައި ފިއްތައި އަދި ގޮތްގޮތަށް ތެޅޭތަން އަހަރެންނަށް ފެނެއެވެ. ދެން ރުޅިވެރިކަމާއިއެކު އޭނާގެ ބޯ ހިއްލާލުމަށް ފަހު ބުންޏެވެ.” ހެޔޮ ނުވާނެ ތިކިޔެވުން ހުއްޓާލަ ބަލަ، އަހަންނަކަށް ތިއަޑުއަހާކަށް ކެތެއް ނުވާނެ!“


އެހެން ބުނުމަށްފަހު އޭނާ، އޭނާގެ ގޮނޑިން ތެދުވެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން އެނބުރި އަތުވެއްޖެއެވެ. އަދި އަހަންނަށް ސަލާމް ގޮވާލިއެވެ. އެއަށްފަހު މަޢާފަށް އެދުނެވެ. އަދި އޭނާ ހަމަޖެހިލިއެވެ. ވާނުވާ ނޭނގިފައި އަހަރެން ހުރީމެވެ. ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ދެލޯ ކަރުނައިން ފުރިގެންވާ ޙާލު އަހަންނާއި ދިމާލަށް އެނބުރި ބުނެލިއެވެ. ”އަހަރެންގެ ނިތްކުރި ބިންމަތީގައި ޖައްސާ ނުލާތާ މިހާރު ތިން އަހަރު ނުވަތަ އެއަށްވެރު ވެސް ދުވަސް ވެދާނެއެވެ. އަދި ﷲ ގެ ފޮތުން އެންމެ އާޔަތެއްވެސް ނުކިޔަވާތާވެސްމެއެވެ. އެއްމަސް ވަންދެން އަހަރެން މިދަތުރުގައި ވީމެވެ. ނުކުރާކަށް ނުބައިވެގެންވާ ޢަމަލެއް ނުވެއެވެ. ދެން އަހަންނަށް ތިބާ ޤުރުއާން ކިޔަވާތަން ފެނުމުން، އަހަރެންގެ ދުނިޔެ މުޅިން އަނދިރި ވެގެން ދިޔަ ކަހަލައެވެ. އަދި ހިތާމައިން އަހަރެންގެ ހިތް އަޘަރުން ފުރިގެން ދިޔައެވެ. މީހަކު އަހަރެންގެ ނޭވާ ހާސްކޮށްލާހެން ހީވިއެވެ. ތިބާ ކިޔެވި ކޮންމެ އާޔަތެއް ވެގެން ދިޔައީ ޗާބޫކަކުން އަހަރެންގެ ގައިގައި ޖަހާ ފަދައިންނެވެ. އަހަރެންގެ ހިތާ ސުވާލު ކުރީމެވެ.’ ތިޔަހެން ދުވަސްތައް ބޭކާރު ކުރުމުގައި ކިހާ ދުވަހެއް ހޭދަ ކުރާނަން ހެއްޔެވެ؟ ތިމަގު ގޮސް ނިމޭނީ ކޮންތާކަށް ހެއްޔެވެ؟ އެއަށްފަހު ދެންވާނީ ކިހިނެއްބާއެވެ؟‘ ދެން އަހަރެން ދިޔައީ ފާޚާނާއަށެވެ. ކީއްކުރަން ކަން އެނގޭހެއްޔެވެ؟ ވަރަށް ގަދައަށް އަހަރެން ރޯން ބޭނުންވިއެވެ. އެކަމަކު މީސްތަކުންނަށް ނުފެނި އެކަން ކުރެވޭނީ ފާޚާނައިގައި ކަމުން އެތަނަށް ގޮސް ހިތްއެދޭ ވަރަށް ހިތާމަކޮށް ރުއީމެވެ!“


އަހަރެން މިޒުވާނާއަށް ނަޞޭޙަތްތެރިވީމެވެ. އަދި ﷲ ތަޢާލާގެ ކިބައަށް ތަޥްބާވެ ރުޖޫޢަވުމަށް ނަޞޭޙަތްތެރިވީމެވެ. ދެން އޭނާ ވިސްނަން ހަމަހިމޭނުން އިނެވެ.


މަތިންދާބޯޓް ޖެއްސުމަށްފަހު، މީސްތަކުން ބޯޓުން ފައިބަން ހިނގައިގަތުމުން، އެޒުވާނާ އަހަރެން ހުއްޓުވިއެވެ. އޭނާގެ އެކުވެރިންނާއި ދުރަށްދާން އުޅޭކަހަލަ އިޝާރަތެއް އޭނާގެ ކިބައިން ފާހަގަކުރެވުނެވެ. އޭނާ ވަރަށް ސީރިއަސް ކަމާއިއެކު ސުވާލު ކުރިއެވެ. ”ﷲ އަހަރެންގެ ތަޥްބާ ޤަބޫލު ކުރައްވާނެހެން ތިބާއަށް ހީވޭހެއްޔެވެ؟“ އަހަރެން ބުނީމެވެ. ”ތިބާގެ ތަޥްބާ އެއީ އިޚްލާޞްތެރި ތެދުވެރި ތަޥްބާއެއް ކަމުގައި ވަނީނަމަ ﷲ ތަޢާލާ ތިބާގެ ފާފަތައް ފުއްސަވާނެއެވެ.“


”އެކަމަކު އަހަރެން ވަރަށް ގޯސް ކަންތައްތައް ކުރީމެވެ. ވަރަށްވެސް ނުބައި ޢަމަލުތައް ކުރެވުނެވެ.“ އޭނާ ބުންޏެވެ. އަހަރެން ބުނީމެވެ. ”ﷲ ތަޢާލާގެ ވަޙީބަސް ފުޅާއިމެދު ތިބާ އަޑު ނައަހަމު ހެއްޔެވެ؟ އެއިލާހު ވަޙީކުރައްވާފައިވެއެވެ.“


”قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ “


”ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.“

(ސޫރަތުއް ޒުމަރު: 53)


އޭނާ އުފަލުން ގޮސް ހިނިތުންވެލި މަންޒަރު އަހަންނަށް ފެނިގެން ދިޔައެވެ. އެއަށްފަހު އަހަންނަށް ވަދާޢު ކިޔުމަށްފަހު އޭނާ ހިނގައްޖެއެވެ. سبحان الله العظيم !!!


މީހަކު ކިތައްމެ ފާފަވެރި ވެފައި ނުބައި ކަމުގައި ވިޔަސް، އޭނާގެ ހިތުގައި ކޮންމެވެސް މިންވަރެއްގެ ހެޔޮކަމުގެ އޮށްޓަރެއް ވާނެއެވެ. އަހަރެމެންނަށް އެއޮށްޓަރާއި ހިސާބަށް ވާޞިލުވެވި ފެން ދެވިއްޖެނަމަ އެއިން ގަސް ފަޅައި މޭވާ އެޅުން ﷲ އިޛްނަފުޅާއިއެކު ދުރުކަމަކަށް ނުވާނެއެވެ. މިބުނާ ހެޔޮ ކަމުގެ އޮށްޓަރު މީހާގެ ހިތުގައި އަބަދުވެސް ހަނގުރާމަ ކުރަމުންދެއެވެ. އެހެޔޮ ވަށައިލައިގެން އެންމެހައި އެދުންތަކާއި ހަވާނަފްސުގެގޮވުންތައް ވާހިނދުގައިވެސް މެއެވެ. ﷲ ތަޢާލާ އަޅަކާއި މެދު ރަނގަޅު ގޮތް މިންވަރު ކުރައްވަން އިރާދަ ކުރައްވައިފިނަމަ އެއަޅާގެ ހިތަށް އީމާންކަމުގެ ނޫރު ވައްދަވައެވެ. އަދި ހިދާޔަތް ލިބިގެންވާ މީސްތަކުންގެ މަގަށް މަގު ދައްކަވައެވެ.


”فَمَنْ يُرِدِ اللَّهُ أَنْ يَهدِيَهُ يَشْرَحْ صَدْرَهُ لِلإسْلامِ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ كَذَلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لا يُؤْمِنُونَ“


”ﷲ ގެ ތެދުމަގު ދެއްކެވުމަށް އެއިލާހު އިރާދަކުރައްވާ މީހަކަށް އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައެވެ. އަދި އެއިލާހުގެ މަގުފުރެދެއްވުމަށް އިރާދަކުރައްވާ މީހާ، އުޑާ ދިމާއަށް އަރައިގެންދާ މީހެކޭ އެއްފަދައިން އެއިލާހު އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވައެވެ. ހަމައެފަދައިން އީމާން ނުވާ މީހުންގެ މައްޗަށް، ﷲ ގެ ޢަޛާބާއި ކޯފާ ލައްވައެވެ.“

(ސޫރަތުލް އަންޢާމް 125)


އަޞްލު:އަލްބަޔާން މަޖައްލާގެ 152 ޢަދަދުން ނެގި ތަރުޖަމާ ކުރެވިފައި. އަޞްލު ލިޔުއްވީ އަޙްމަދު ބިން ޢަބްދުއް ރަޙްމާން އައްސުފްޔާން

28 އޭޕްރީލް 2010 –

www.click4islam.com



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page