ޠާޣޫޠުގެ މާނަ ބަޔާންކޮށްދިނުމަށްޓަކައި ރިސާލަތެއް
-ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް -
ދަންނާށެވެ! ތިބާއަށް ﷲ ރަޙްމަތް ލައްވާށެވެ. އާދަމުގެ ދަރިޔާގެ މައްޗަށް ﷲ އެންމެ ފުރަތަމަ ފަރުޟްކުރެއްވި ކަމަކީ ޠާޣޫތަށް ކާފަރުވެ އަދި ﷲ އަށް އީމާންވުމެވެ. މިކަމުގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ
“ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްވެސް ރަސޫލުން ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި ޠާޣޫތުން ދުރުހެލިވުމަށް ގޮވާލެއްވުމަށްޓަކައެވެ.” (ސޫރަތުއް ނަހްލް: 36)
ޠާޣޫތަށް ކާފިރުވުމުގެ ސިފައަކީ (ގޮތަކީ)، ﷲ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ތަކެއްޗަކީ (ނުވަތަ މީހުންނަކީ) ބާޠިލުކަމަށް ޤަބޫލުކޮށް، އަދި އެތަކެތި ދޫކޮށްލާ، އެއަށް ނަފްރަތުކޮށް އަދި އެޔަށް އަޅުކަންކުރާ މީހުންނަށް ތަކްފީރުކޮށް އަދި އެމީހުން ޢަދުއްވުންގެ ގޮތުގައި ނެގުމެވެ. ﷲ އަށް އީމާންވުމުގެ މާނައަކީ، އަޅުކަންކުރުން ޙައްޤު ހަމައެކަނި އިލާހަކީ ﷲ ކަމަށް ޤަބޫލުކުރުމާއި، އަދި ހުރިހާ އަޅުކަމެއްގައި އިޚްލާޞްތެރިވުމާއި، އަދި ﷲ ފިޔަވައި އަޅުކަންކުރެވޭ ހުރިހާ ތަކެއްޗެއް ނަފީކުރުމާއި، އަދި އިޚްލާޞްތެރިކަމުގެ އަޚުލުވެރިން (މުސްލިމުން) ނަށް ލޯބިކުރުމާއި، އަދި އެމީހުން އައުލިޔާއިން (ރަޙްމަތްތެރިން) ކަމުގައި ނެގުމެވެ. އަދި ޝިރުކުގެ އަހުލުވެރިންނަށް ނަފްރަތުކުރުމާއި އެމީހުން ޢަދާވާތްތެރިންގެ ގޮތުގައި ނެގުން ހިމެނެއެވެ. ނަފްސު މޮޔަވެފައިވާ މީހަކު މެނުވީ އެމިއްލަތަކުން މޫނު އަނބުރާނުލާނެ އިބްރާހީމް عليه سلام ގެ މިއްލަތަކީ މިއީއެވެ. އަދި ﷲ، އެކާލާނގެ ވަޙީ ބަސްފުޅުން އަންގަވާފައިވާ ފުރިހަމަވެގެންވާ ނަމޫނާއަކީ މިއީއެވެ. (އެކަލާނގެ ވަޙީކުރައްވާފައިވެއެވެ)
قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّهِ وَحْدَهُ
” އިބުރާހިމްގެފާނާއި، އެކަލޭގެފާނަށް އީމާންވީ މީހުންގެ ކިބައިގައި، ތިޔަބައިމީހުންނަށް ނުހަނު ރިވެތި ނަމޫނާއެއްވެއެވެ. އެއީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި މުހާތަބުކޮށް މިހެންދެންނެވި ހިނދުއެވެ. ‘ހަމަކަށަވަރުން، އަހަރެމެން މިތިބީ ތިޔަބައިމީހުންގެ ފަރާތުން ބަރީއަވެގެންނެވެ. އަދި ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ހުރިހާ އެއްޗެއްގެ ފަރާތުންވެސް ބަރީއަވެގެންވަމެވެ. އަހަރެމެން މިތިބީ ތިޔަބައިމީހުންނަށް އިންކާރުކޮށްގެންނެވެ. އަދި އަބަދުގެ އަބަދަށް، ކަލޭމެންނާއި އަހަރެމެންނާއި ދެމެދުގައިވަނީ އަދާވާތްތެރިކަމާއި ރުޅިވެރިކަމެވެ. ކާލޭމެން، ﷲ އަށް އެކަނި އީމާންވެއްޖައުމަށް ދާންދެނެވެ.” (ސޫރަތުލް މުމްތަހިނާ:4)
ޠާޣޫތަކީ ﷲ ފިޔަވައި އަޅުކަންކުރެވޭ ހިނދު ރުހިގެން ހުންނަ ކޮންމެ އެއްޗެކެވެ. އަދި ﷲ ފިޔަވައި އެފަރާތަކަށް ތަބަޢުވެވޭ ފަރާތް، ﷲ އަށް ނުކިޔަމަންތެރިވުމުގައި ކިޔަމަންތެރިވެވޭ ފަރާތްތަކެވެ. ޠާޣޫތުން ވަރަށް ގިނައެވެ. ނަމަވެސް އޭގެ ބޮޑުންނަކީ ފަހެކެވެ. 1- ފުރަތަމަ: ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރުމަށް ގޮވާލާ ޝައިޠާނާއެވެ. މީގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَن لَّا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
“އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރު ނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވާތްތެރިޔެކެވެ.” (ސޫރަތުލް ޔާސީން: 60)
2- ދެވަނަ: ﷲ ގެ ޙުކުމް ބަދަލުކުރާ އަނިޔާވެރި ވެރިޔާއެވެ. މީގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا
“ކަލޭގެފާނަށް ބާވާލެއްވުނު ތަކެއްޗަށާއި، ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު ތަކެއްޗަށް އީމާންވެގެން ތިބިކަމަށް ދަޢުވާ ކުރާބަޔަކު ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެމީހުން އެދެނީ ޠޯޣޫތުންގެ ގާތަށް ޙުކުމް ހޯދަން ދިޔުމަށެވެ. އެހެނަސް، އެމީހުންނަށް އަމުރުވެވިގެންވަނީ އެޠޯޣޫތުންނަށް ކާފަރުވުމަށެވެ. އަދި ޝައިޠާނާ އެދެނީ ބޮޑުވެގެންވާ މަގުފުރެދުމަކުން އެބައިމީހުން މަގުފުރައްދާލުމަށެވެ.” (ސޫރަތުއް ނިސާ: 60)
3- ތިންވަނަ: ﷲ ބާވާލެއްވި ޙުކުމް ފިޔަވައި އެހެން ޙުކުމުން ޙުކުމްކުރާ މީހާއެވެ. މީގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ
“اللَّه ބާވައިލެއްވި ތަކެތިން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފިރު ންނެވެ” (ސޫރަތުލް މާއިދާ: 44)
4- ހަތަރުވަނަ: ﷲ ބާޔާންކޮށްދީފައިނުވާ ޣައިބުގެ ޢިލްމެއް ލިބިގެންވާކަމަށް ދަޢުވާކުރާ މީހާއެވެ. މީގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا. إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا.
“(އެކަލާނގެއީ) ޣައިބް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ޣައިބް އެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ. އެކަލާނގެ ރުހިވޮޑިގެންވާ ރަސޫލަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެރަސޫލެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ މަލާއިކަތުން ފޮނުއްވަތެވެ.” (ސޫރަތުލް ޖިންނި: 26-27)
އަދި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ
“އަދި ޣައިބްގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.” (ސޫރަތުލް އަންޢާމް: 59)
5- ފަސްވަނަ: ﷲ ފިޔަވައި އެފަރާތަކަށް އަޅުކަންކުރެވޭ ހިނދު ރުހިގެން ހުންނަ މީހާއެވެ. މީގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
وَمَن يَقُلْ مِنْهُمْ إِنِّي إِلَٰهٌ مِّن دُونِهِ فَذَٰلِكَ نَجْزِيهِ جَهَنَّمَ كَذَٰلِكَ نَجْزِي الظَّالِمِينَ
“އެއުރެންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި އިލާހެކޭ ބުނާ މީހަކަށް، ފަހެ، ތިމަންރަސްކަލާނގެ ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.” (ސޫރަތުލް އަންބިއާ: 29)
އަދި ދަންނާށެވެ. ޠާޣޫތަށް ކާފިރުވެގެން މެނުވީ ﷲ އަށް އީމާންވާ މީހެއްކަމުގައި ނުވާނެއެވެ. މިކަމުގެ ދަލީލަކީ ﷲ ގެ ބަސްފުޅެވެ.
لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا
“ދީނުގައި މަޖުބޫރުކަމެއް ނުވެއެވެ. ހަމަކަށަވަރުން ނުބައިމަގުން ރަނގަޅުމަގު ބާޔަންވެއްޖެއެވެ. ފަހެ، ޠާޣޫތަށް ކާފިރުވެ، ދެން ﷲ އަށް އީމާން ވެއްޖެމީހާ ދަންނާށެވެ! އެމީހަކު އެއަތް މަހާލީ އިރި، ކެނޑި، ވަކިވެގެން ނުދާނޭފަދަ ވަރުގަދަ އުޅައްގަނޑެއްގައެވެ.” (ސޫރަތުލް ބަޤަރާ: 256)
الرُّشْدُ އަކީ މުޙައްމަދު صلى الله عليه وسلم ގެ ދީނެވެ. އަދި الْغَيِّ އަކީ އަބޫ ޖަހުލުގެ ދީނެވެ. އަދި الْعُرْوَةِ الْوُثْقَىٰ އަކީ ނަފީއަކާއި އިޘްބާތެއް އެކުލެވިގެންވާ ޝަހާދަތުގެ ކަލިމަ لاَ إِلَهَ إِلاَّ اللهُ އެވެ. އެކަލިމަ ﷲ ފިޔަވައި އެހެންފަރާތްތަކަށް ކުރެވޭ ހުރިހާ އަޅުކަންތަކެއް ނަފީކުރެއެވެ. އަދި، އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ، ﷲ އަށް ހުރިހާ އަޅުކަންތަކެއް ޘާބިތުކުރެއެވެ.
- ނިމުނީ –