top of page
Featured Posts
ކުލިކް4އިސްލާމް

އިސްލާމްކަން ގެއްލޭ ކަންތައްތައް


-ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް -

ޝެއިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު (رحمه الله) ވިދާޅުވެލައްވާފައިވެއެވެ. “ދަންނާށެވެ! މީހާ އިސްލާމްދީނުން ބޭރުކުރާ ކަންތައް ދިހައެކެވެ. ފުރަތަމަ: އަޅުކަމުގައި ﷲ تعالى އާއި ބައިވެރިކުރުމެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ وَمَن يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا "ހަމަކަށަވަރުން ﷲ تعالى، އެއިލާހުގެ ހަޟްރަތަށް ޝަރީކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެނޫން ފާފަތައް އެއިލާހު އިރާދަކުރެއްވި އަޅަކަށް ފުއްސަވާދެއްވައެވެ." (ސޫރަތުއް ނިސާ: 116) އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ "ހަމަކަށަވަރުން ﷲ تعالى ގެ ހަޟްރަތަށް ޝަރީކު ކުރާ މީހާ، ހަމަކަށަވަރުން ﷲ تعالى އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އެމީހާގެ ޖާގައަކީ ނަރަކައެވެ. އަނިޔާވެރީންނަށް ނަޞްރުވެރީންނެއް ނުވެއެވެ." (ސޫރަތުލް މާއިދާ: 72) ދެވަނައަށް: ﷲ تعالى އާއި އެމީހަކާއި ދެމެދުގައި މެދުވެރިއެއްލާ، އެމީހުންގާތުން ކަންތަކަށް އެދި، ޝަފާޢަތްތެރިވުމަށް އެދި، އެބައިމީހުންނަށް ތަވައްކަލުކުރާ މީހާއަކީ ހުރިހާ ޢިލްމުވެރިންގެ އިޖްމާޢު (އެއްބަސްވުމު) ގެ ދަށުން ކާފަރެކެވެ . މިބައިގެ ތެރެއަށް ވެއްޓޭ ކަންތައްތަކުގެ ތެރޭގައި ﷲ تعالى ފިޔަވާ އެހެން ފަރާތަކަށް ގުރުބާންކުރުން ހިމެނެއެވެ. އެގޮތުން ޖިންނީންނަށާއި ގަބުރުތަކަށް ގުރުބާންކުރާ މީހުން ހިމެނެއެވެ. ތިންވަނައަށް: ކާފަރުންނަކީ ކާފަރުންކަމުގައި ނުދެކޭ މީހާ، ނުވަތަ އެބައިމީހުންގެ ކުފުރާއި މެދު ޝައްކުކުރާ މީހާ، ނުވަތަ އެބައިމީހުންގެ ޢަމަލުތަކަކީ ރަނގަޅު ޢަމަލުތަކެއް ކަމުގައި ދެކެފި މީހަކީ މުރުތައްދުވެއްޖެ މީހެކެވެ. ހަތަރުވަނައަށް: ރަސޫލު ﷲ صلى الله عليه وسلم ދެއްކެވި މަގު ފިޔަވައި އެހެން މަގެއް، ނުވަތަ އެކަލޭގެފާނު ގެންނެވި ޙުކުމްފުޅު ފިޔަވައި އެހެން ޙުކުމެއް އެއީ ރަނގަޅު މަގު ނުވަތަ ޙުކުމް ކަމުގައި ދެކެފިމީހާ ކާފަރުވެއްޖެއެވެ. އެގޮތުން ރަސޫލު ﷲ صلى الله عليه وسلم ގެ ޙުކުމްފުޅުގެ ބަދަލުގައި ޠާޣޫތުންގެ ގާތަށް ޙުކުމް ހޯދަންދާ މީހާ ހިމެނެއެވެ ފަސްވަނައަށް: މީހަކު އެޢަމަލަކަށް ޢަމަލުކުރިނަމަވެސް، ރަސޫލު ﷲ صلى الله عليه وسلم ވަޑައިގެންނެވި ރިސާލަތުގެ އެއްވެސް ކަމަކާއިގެން ހިތްހަމަ ނުޖެހިއްޖެ މީހާ ކާފަރުވެއްޖެއެވެ. ހަވަނައަށް: ރަސޫލު ﷲ صلى الله عليه وسلم ގެނެސްދެއްވި ދީނުގެ އެއްވެސް ބަޔަކަށް، އޭގެ ސަވާބަށް ވިޔަސް އަޒާބަށް ވިޔަސް ހަޖޫޖަހައި މަލާމާތްކޮށްފި މީހަކު ކާފަރުވެއްޖެއެވެ. މިކަމަށްވާ ދަލީލަކީ: وقُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ. لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ "(ކަލޭގެފާނު) ވިދާޅުވާށެވެ. ތިޔަބައިމީހުން މަލާމަތްކުރަނީ ﷲ އަށާއި، އެއިލާހުގެ އާޔަތްތަކަށާއި، އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ! ހަމަކަށަވަރުންވެސް ތިޔަބައިމީހުންގެ އީމާނަށްފަހު ތިޔަބައިމީހުން ކާފަރުވެއްޖެއެވެ." (ސޫރަތުއް ތައުބާ: 65-66) ހަތްވަނައަށް: ސިހުރެވެ. އޭގެތެރޭގައި މީހަކު ނުރުހޭ ކަންތަކަށް ލޯބިޖައްސުވާ، ރުހޭ ކަންތަކަށް ނުރުހުން ކުރުވާ ކަންތައްތައް ހިމެނެއެވެ. ވީމާ އެކަންކުރާ މީހާއާއި އެކަމަށް ރުހިގެންހުންނަ މީހާ މުރުތައްދުވެއްޖެއެވެ. މިކަމުގެ ދަލީލަކީ: وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ "ތިމަންމެންނަކީ ފިތުނައެކޭ، އިމްތިހާނެކޭ، ތިބާ އެދަސްކޮށްގެން ކާފަރުނުވާށޭ ވިދާޅުވެ ނަސޭހަތް ދެއްވުމަށްފަހުގައި މެނުވީ އެއްވެސް މީހަކަށް އުނގަންނައެއް ނުދެއްވައެވެ." (ސޫރަތުލް ބަޤަރާ: 102) އަށްވަނައަށް: މުސްލިމުންނާއި އިދިކޮޅަށް ކާފަރުންނަށް އެއްވެސްފަދަ އެހީއެއް ވެދިނުމެވެ. މިކަމަށްވާ ދަލީލަކީ: وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ "ތިޔަބައި މީހުންގެ ތެރެއިން، އެމީހުން އައުލިޔާއިން (އެކުވެރީން، ރައްޓެހީން، އެހީތެރީން) ކަމުގައި ނަގައިފި މީހަކީ ހަމަކަށަވަރުންވެސް އެމީހުންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުންވެސް އަނިޔާވެރިންނަށް ﷲ تعالى ތެދުމަގު ނުދައްކަވާނެތެވެ." (ސޫރަތުލް މާއިދާ: 51) ނުވަވަނައަށް: މޫސާ (عليه السلام) ގެ ޝަރީޢަތުން އަލްޚިޟްރު ބަރީއަވެފައިވާ ފަދައިން، މުޙައްމަދު صلى الله عليه وسلم ގެ ޝަރީޢަތަށް (އިސްލާމަށް) ޙުކުމް ކުރުމުން އިސްތިސްނާވެފައިވާ ކަމަށް ދެކިއްޖެ މީހަކު ކާފަރުވާ ހުއްޓެވެ. ދިހަވަނައަށް: ﷲ تعالى ގެ ދީނުން މޫނު އަނބުރާލުން، އަދި އެއުނގެނުމަށް މަސައްކަތްނުކުރުން، އަދި އެކަމަށް ޢަމަލީގޮތުން ސިފައެއް ނުގެންނަ މީހާ ކާފަރުވާ ހުއްޓެވެ. މިކަމަށްވާ ދަލީލަކީ ﷲ تعالى ގެ އާޔަތް: وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ "އެމީހާގެ ވެރިރައްބު ބާވާލެއްވި އާޔަތްތައް އެމީހަކަށް ކިޔައިދެއްވުމަށްފަހުގައި، އެއަށް އިންކާރުކޮށް ކާފަރުވާމީހާފަދަ ފާފަވެރި އެހެންމީހަކުވޭ ހެއްޔެވެ؟ ހަމަކަށަވަރުންވެސް ފާފަވެރި މުޖުރިމުންނަށް ތިމަންއިލާހު އަޒާބު ދެއްވާހުށީމެވެ." (ސޫރަތުއް ސަޖްދަ: 22) މިކަންތައްތައް ކުރުމުގައި، މަޖަލަކަށްކުރާ މީހެއް،ވަރަށް ސީރިއަސްކޮށް ދެކިގެންކުރާ މީހެއް، ނުވަތަ ބިރުންހުރެ ކުރާ މީހެއް އިސްތިސްނާއެއް ނުކުރައްވައެވެ. މަޖުބޫރުކުރެވިގެންވާ މީހާ ފިޔަވައެވެ. ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން އެންމެ ބިރުބޮޑުވެގެންވާ ޢަމަލުތަކަކީ މިއީއެވެ. ވީމާ މުސްލިމުން، މިޢަމަލުތައް ދެނެގަނެ ރައްކާތެރިވެގެން ހުރުން މުހިންމެވެ. ﷲ تعالى ނުރުއްސަވާ ކަންތައްތަކުން އެހީއަށް އެދެނީ އެއިލާހުގެ ފަރާތުންނެވެ.

وصلى الله وسلم على نبينا محمد (صلى الله عليه وسلم)" ________________________ އަޞްލު: "ނަވާޤިޟުލް އިސްލާމް"


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page