رسول الله صلى الله عليه وسلم ދެކެ ލޯބިވުން (1)
- އަބޫ އުކާޝާ (جزاه الله خير)
- Dec 12, 2018
- 2 min read

رسول الله صلى الله عليه وسلم, އަށް ލޯބި ކުރުމަކީ އީމާންތެރިކަމާއި ޢަޤީދާއާއި ގުޅިފައިވާ ކަމެކެވެ. ކޮންމެމީހަކު ވެސް އެމީހެއްގެ އަމިއްލަ ނަފްސާއި މައިންބަފައިންނާއި އަނބިދަރިންނާއި މުދަލާއި އަދި އެހެން ހުރިހާ މީހުންނަށް ވުރެވެސް ބޮޑަށް رسول الله صلى الله عليه وسلم ދެކެ ލޯބިވުމަކީ ވާޖިބެކެވެ.
ޢަބްދު ﷲ ބުނު ޙިޝާމް (رضى الله عنه) ގެ އަރިހުން އިމާމު ބުޚާރީ (رحمه الله) ރިވާކުރެއްވިއެވެ:
”رسول الله صلى الله عليه وسلم އަރިހުގައި ތިމަންބޭކަލުން ތިއްބެވީމެވެ. އެކަލޭގެފާނު ހުންނެވީ ޢުމަރު ބްނު އަލްޚައްތާބު (رضى الله عنه) ގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. رسول الله صلى الله عليه وسلم އަށް، ޢުމަރު (رضى الله عنه) ދެންނެވިއެވެ: ’އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސު ފިޔަވައި ދެން ތިމަންކަލޭގެފާނު އެންމެ ލޯބިވާ މީހަކީ ކަލޭގެފާނެވެ.‘ رسول الله صلى الله عليه وسلم، ޙަދީޘް ކުރެއްވިއެވެ: ’ނޫނެކެވެ! ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ކިބައިގައި ވާފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ކަލޭގެފާނުގެ އީމާންކަން ފުރިހަމަވާކަމުގައި ނުވެއެވެ.‘ ޢުމަރު (رضى الله عنه) ދެންނެވިއެވެ: ’ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ވެސް މިހާރު ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް ތިމަންކަލޭގެފާނުގެ އަރިހުގައި ކަލޭގެފާނުގެ ލޮބުވެތިކަން ބޮޑުވެގެންވެއެވެ.‘ رسول الله صلى الله عليه وسلم، ޙަދީޘްކުރެއްވިއެވެ: ’އޭ ޢުމަރު އެވެ! މިހާރު ކަލޭގެފާނުގެ އީމާންކަން ފުރިހަމަވެއްޖެއެވެ.‘“
رسول الله صلى الله عليه وسلم މިޙަދީޘްފުޅުގައި އެވަނީ ﷲ سبحانه وتعالى ގަންދެއްވައި ހުވާކުރައްވާފައެވެ. އެކަލޭގެފާނަކީ ހުވާ ނުކުރެއްވި ކަމުގައިވިޔަސް ވިދާޅުވާ ކޮންމެ ބަސްފުޅެއްގައިމެ ތެދުވެރި ބޭކަލެކެވެ. ފަހެ އެކަލޭގެފާނު ހުވައެއް ވިދާޅުވެއްޖެ ނަމަ އެކަމުން ދޭހަކޮށްދެނީ އެވިދާޅުވާ ބަސްފުޅެއްގެ ޔަޤީންކަމާއި ކަށަވަރުކަމެވެ. އަބޫ ހުރައިރާ (رضى الله عنه) ގެ އަރިހުން އިމާމް ބުޚާރީ (رحمه الله) ރިވާކުރެއްވިއެވެ: رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
”ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. އެމީހެއްގެ ބައްޕަ އާއި އެމީހެއްގެ ދަރިއަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުން ކުރެ އެކަކުވެސް އީމާންވާ ކަމުގައި ނުވެއެވެ.“
މިޙަދީޘްފުޅުގައި ’ބައްޕައެވެ.‘ ބުނެފައި އޮތްބަސްފުޅުގެ މާނައިގައި މަންމަވެސް ހިމެނޭނެއެވެ. އެހެނީ މައިންބަފައިންކުރެ އެކަކު ޛިކުރުކުރުމުން ފުދޭނެއެވެ. އަނަސް (رضى الله عنه) ގެ ކިބައިން އިމާމް މުސްލިމް (رحمه الله) ރިވާކުރެއްވިއެވެ:
رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
”އެމީހެއްގެ ކައިރީގައި އެމީހެއްގެ އަނބިދަރިންނާއި އޭނާގެ މުދަލާއި އަދި އެހެންހުރިހާ މީހުނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން އެމީހަކު އީމާންވީ ކަމުގައި ނުވެއެވެ.“
**** ނުނިމޭ ****
މަޞްދަރު: ލިޔުންތެރިޔާ
www.click4islam.com