الولاء و البراء (ގުޅުންބަދަހިކުރުމާއި ބަރީއަވުމުގެ) ތެރެއިން(2) މުސްލިމަކަށް އަނެއް މުސްލިމެއްގެ މަ
ޝައިޚް މުޙައްމަދު ސަޢީދުލް ޤަހްތާނީ (حفظه الله)
ﷲ އަށްޓަކައި ލޯބިވުމަކީ މުސްލިމުން ހިއްސާކުރާ އެންމެ ވަރުގަދަ ގުޅުމެވެ. މުސްލިމުން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ވާޖިބިއްޔަތުތައް އަންނަނީ މިގުޅުމުގެ ދަށުންނެވެ. އެއީ ބައިވަރު ޙައްޤުތަކެކެވެ. އޭގެތެރޭގައި: އެހީތެރިވުމާއި، ލޯތްބާއި، ޒިޔާރަތްކުރުމާއި، އިޙްތިރާމްކުރުމާއި، ސަލާމްގޮވުމާއި، ޙަމްދަރުދީވުމާއި އަދިވެސް މިނޫންވެސް ޤުރުއާނާއި ސުންނަތުން ކަނޑައެޅިފައިވާ ކަންކަން ހިމެނެއެވެ.
މީގެ ތެރެއިން މިމަޥްޟޫޢުއާއި ގުޅޭގޮތުން ވާހަކަ ދެއްކުން އެންމެ މުހިއްމީ އެހީތެރިވުމާއި ލޯބިކުރުމުގެ މައްޗަށެވެ.
1- المَوَدَّة: އެއީ މުއުމިނުންނަށް ލޯބިކުރުމެވެ. ކާފަރުންނާއި، ފާސިޤުންނާއި، ބިދުޢަވެރީންނަކަށް ނޫނެވެ. މީގެތެރެއިން ހިމެނެނީ މުސްލިމަކު އޭނާގެ އަމިއްލަ ނަފްސަށް ލޯބިވާ ކަމެއް، އޭނާގެ މުސްލިމު އަޚާއަށްވެސް އެދުމެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”لا يؤمن أحدكم حتى يحب لأخيه ما يحب لنفسه“ ”އެމީހެއްގެ ނަފްސު ލޯބިކުރާ އެއްޗެއް އޭނާގެ އަޚާއަށް ލިބުމަށް ލޯބިކުރުމަށް ދާންދެން، ކަލޭމެންގެ ތެރެއިން އެކަކުވެސް އީމާންނެއް ނުވެއެވެ.“(متفق عليه)
2- النُّصْرَة: އެއީ ކޮންމެ ޖިންސެއްގެ، ކޮންމެ ބިމެއްގެ، ކޮންމެ ކުލައެއްގެ މީހެއްކަމުގައިވީ ނަމަވެސް، މުސްލިމުން އޭނާގެ މުސްލިމު އަޚުންނަށް އެހީތެރިވުމަކީ އީމާންކަމުގެ އަދި އަޚުވަންތަކަމުގެ ގޮތުން ވާޖިބެކެވެ. ތިބާގެ މުދަލުންނާއި ނަފްސުން އޭނާއަށް އެހީތެރިވެ އަދި ދިފާޢުކުރަން ޖެހޭނެއެވެ. މިކަމަށް އިންކާރުކޮށްފި މީހާ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅަށް ބިރުވެތިވުން ހުއްޓެވެ. ”ما من امرئ يخذل امرءاً مسلماً في موضع تنتهك فيه حرمته وينتقص فيه من عرضه إلا خذله الله في موطن يحب فيه نصرته وما من امرئ ينصر مسلماً في موضع ينتقص فيه من عرضه وينتهك فيه من حرمته إلا نصره الله في موطن يحب نصرته“ ”އެކަމެއްގެ ސަބަބުން އޭނާ އެހީއަކަށް އެދޭތަނެއްގައި ﷲ އޭނާ އަޅާނުލައްވާ ދޫކޮށްލައްވާ ޙާލުގައި މެނުވީ، އެއްވެސް މީހަކު (އެބަހީ މުސްލިމަކު) އަނެއް މުސްލިމާގެ ޙުރުމަތް ކަނޑާލެވި، އޭނާގެ ޢިއްޒަތް ކުޑަކޮށްލެވޭ ހިނދު، އަޅާނުލައެއް ނުހުންނާނެއެވެ. އަދި އެކަމެއްގެ ސަބަބުން އޭނާ އެހީއަކަށް އެދޭތަނެއްގައި ﷲ އޭނާއަށް އެހީތެރިވެދެއްވާ ޙާލުގައި މެނުވީ، އެއްވެސް މީހަކު (އެބަހީ މުސްލިމަކު) އަނެއް މުސްލިމާގެ ޢިއްޒަތް ކުޑަކޮށްލެވި، އޭނާގެ ޙުރުމަތް ކަނޑާލެވޭ ހިނދު، އެހީއެއް ނުދެވޭނެއެވެ.“ (އަބޫ ދާޥޫދު، އަދި އަލްބާނީ ޙަސަން ކުރެއްވިއެވެ.)
މައްކާއިން ހިޖުރަކުރި މުހާޖިރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން ﷲ ވަނީ އަންޞާރުންނަށް މަދަހަ ކިޔުއްވަވާފައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. ”وَالَّذِينَ آمَنُواْ وَهَاجَرُواْ وَجَاهَدُواْ فِي سَبِيلِ اللّهِ وَالَّذِينَ آوَواْ وَّنَصَرُواْ أُولَـئِكَ هُمُ الْمُؤْمِنُونَ حَقًّا“”އަދި އީމާންވެ ހިޖުރަކޮށް، ﷲގެ މަގުގައި ޖިހާދުކުރި މީހުން، އަދި ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިން މީހުން، ޙައްޤުގޮތުގައި އީމާންވީމީހުންނަކީ އެއީއެވެ.“ (سورة الأنفال: 74)
އެކަކު އަނެކަކަށް އެހީތެރިވުމާއި ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ވެސް ވަނީ އަމުރުކުރައްވަވާފައެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”انصر أخاك ظالماً و مظلوماً“ ”އަނިޔާވެރިއެއްގެ ގޮތުގައި އަދި އަނިޔާވެރިވެވޭ މީހެއްގެ ގޮތުގައިވީ ނަމަވެސް، ތިބާގެ އަޚާއަށް އެހީތެރިވެދޭށެވެ!“ (صحيح البخاري) އަނިޔާވެރިވެވޭ މީހެއްގެ ގޮތުގައި ވަނިކޮށް އޭނާއަށް އެހީތެރިވުމަކީ ފާޅުވެ އެނގިގެންވާ ކަމެކެވެ. އަދި އަނިޔާވެރިޔެއްގެ ގޮތުގައި ވަނިކޮށް އޭނާއަށް އެހީތެރިވުމަކީ އޭނާގެ އަނިޔާވެރިކަން ހުއްޓުވުމެވެ. އަދި އެކަން މަނާކުރުމެވެ. އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”المسلم أخو المسلم لا يظلمه، ولا يسلمه، من كان في حاجة أخيه كان الله عز وجل في حاجته، ومن فرج عن مسلم كربة فرج الله عنه بها كربة من كرب يوم القيامة. ومن ستر مسلماً ستره الله يوم القيامة“ ”އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އެއަޚާއަށް އަނިޔާވެރިވެގެން ނުވާނެއެވެ. އޭނާ އެއަޚާ ހަވާލުކޮށްގެން ނުވާނެއެވެ. އޭނާގެ އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ވެއްޖެ މީހާގެ ބޭނުންތައް ފުއްދައި ދިނުމުގައި ﷲ ވޮޑިގެންވާނެއެވެ. އޭނާގެ މުސްލިމު އަޚާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ބިރުވެރިކަމުން ސަލާމަތްކޮށްދީފި މީހާ، ޤިޔާމަތް ދުވަހުގެ ހިތާމަވެރި ބިރުވެރިކަމުން ﷲ އޭނާ ސަލާމަތްކޮށް ދެއްވާނެއެވެ. އަދި މުސްލިމެއް ފަރުދާކޮށްފިމީހާ، ޤިޔާމަތް ދުވަހުން ﷲ އޭނާ ފަރުދާކޮށްދެއްވަވާނެއެވެ.” (متفق عليه)
އިސްލާމީ މުޖުތަމަޢުއެއްގައި އުޅޭ ކޮންމެ މުސްލިމަކީވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި މަސައްކަތްކުރާ މީހެކެވެ. ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ގުނަވަނެއް ފަދައިންނެވެ. އެއިން ގުނަވަނެއް ބަލިވެއްޖެނަމަ، ނުވަތަ މަސައްކަތް ނުކޮށްފިނަމަ، ބާކީހުރި ހުރިހާ ބަޔަކަށް އޭގެ އަސަރުކުރާނެއެވެ. އަދި އެފަދައިން ނަބިއްޔާ المصطفى صلى الله عليه وسلم ވަނީ ޙަދީޘްފުޅުގައި ބަޔާންކުރައްވާފައެވެ. ”المؤمن للمؤمن كالبنيان يشد بعضه بعضاً“ ”އެއް މުއުމިނަކާއި އަނެއް މުއުމިނެއްގެ މިޘާލަކީ ޢިމާރާތެއްގެ މިޘާލެވެ. އޭގެ އެއްބައި އަނެއްބަޔަށް ބާރުދޭނެއެވެ.” (متفق عليه) އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ترى المؤمنين في توادهم وتراحمهم وتعاطفهم مثل الجسد إذا اشتكى منه عضو تداعى له سائر الجسد بالسهر والحمى“ ”މުއުމިނުން އެކަކު އަނެކަކަށް ލޯބިވުމުގައި، އަދި ރަޙުމްކުރުމުގައި، އަދި އޯގާތެރިވެމުގައި ވަނީ އެއް ހަށިގަނޑެއްގެ މިޘާލުކަން ތިބާއަށް ފެންނާނެއެވެ. އެހަށިގަނޑުގެ އެއްމެ ގުނަވަނެއްވެސް ކަމެއް ތަޙައްމަލްކުރާނަމަ، މުޅި ހަށިގަނޑަށް ނިދިނުލިބުމާއި ހުން އިޙްސާސްކުރަން ޖެހޭނެއެވެ.“(متفق عليه) އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”المؤمن مرآة أخيه، والمؤمن أخو المؤمن يكف عليه ضيعته، ويحوطه من ورائه“ ”އެއް މުއުމިނަކީ އަނެއް މުއުމިނާގެ މޫނުބަލާ ލޯގަނޑެވެ. އަދި އެއް މުއުމިނަކީ އަނެއް މުއުމިނާގެ އަޚާއެވެ. އޭނާއަށް ލިބޭ ގެއްލުމަކުން ހިމާޔަތްކޮށްދޭނެއެވެ. އަދި އޭނާ ދުރުގައިވާ ހިނދު ރައްކާތެރިކޮށްދޭނެއެވެ.“ (އަލް ބުޚާރީގެ އަލްއަދަބުލް މުފްރަދު، އަބޫ ދާޥޫދު، އަދި އަލްބާނީ ޙަސަން ކުރެއްވިއެވެ.)
މިކަމާއި ބެހޭ ހުރިހާ ނައްޞުތަކެއް ގެނެސްދޭންވެއްޖެނަމަ، ވަރަށް ދިގުވާނެއެވެ. ނަބިއްޔާ صلى الله عليه وسلم އާއި، ޞަޙާބީންނާއި، އޭގެފަހުން އައި އެންމެ ހެޔޮ ޤަރުނުތަކާއި، އެބޭކަލުންގެ ފިޔަވަޅުތަކާއި މަގަށް ތަބަޢަވެވަޑައިގެންނެވި ބޭކަލުންގެ ސީރަތަށް ބަލައިލުމުން، އިސްލާމީ ތާރީޚުން އެނގި ޔަޤީންވަނީ މިމުހިއްމު ޙަޤީޤަތެވެ.
މުސްލިމުންގެ އޮނިގަނޑުގެ، އަދި ޢަދުއްވުން ވަށާލައި ހަނގުރާމަކުރުމުގެ، އަދި އެމީހުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދިނުމުގެ ތާރީޚަށް ބަލައިލުމުން އެނގިގެންދަނީ، އެމީހުންގެ އެއްބައިވަންތަކަމާއި އަދި އޭގެތެރެއިން ކޮންމެ މީހަކު އޭނާގެ އަޚާއަށް އެހީތެރިވެފައިވަނީ ވަރަށް ނުފެންނަ މިޘާލެއް ފަދައިންކަމެވެ. އެއީ އެއް އުއްމަތެއްގެ ގޮތުގައި ނުވަތަ ވަކިވަކި ފަރުދުންތަކެއްގެ ގޮތުގައިވީ ނަމަވެސް މެއެވެ. މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ލޯބިކުރުމާއި، އަދި ޢަދުއްވުންނަށް ޢަދާވާތްތެރިވެ ރުޅިއައުން އަދާކޮށްފައިވަނީ އޭގެ އެންމެ ސާފު ފުރިހަމަ ގޮތުގައެވެ. (އެބަހީ ޚާލިޞްކަމާއިއެކު ﷲ އަށްޓަކައެވެ.)
ސާފު ޢަޤީދާއަކާއިއެކު މިޙަޤީޤަތް އެމީހުންގެ މެދުގައި އަދާކޮށްފުމަށް ދާންދެން މުސްލިމުންނަކަށް ކާމިޔާބެއް ނުލިބޭނެއެވެ. މުސްލިމާ އޭނާގެ އަޚާއަށް ލޯބިކުރުންވަނީ އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރުންވާ ފަދައިންނެވެ. އަދި އޭނާގެ އަޚާގެ ވޭނީ އިޙްސާސަކީ، އޭނާއަށް ކުރިމަތިވެފައިވާ ވޭނީ އިޙްސާސެކެވެ. އަދި އޭނާގެ އަޚާއަށް ކާމިޔާބު ލިބުމަށް ލޯބިކުރަނީ، އޭނާއަށް ލިބޭ ކާމިޔާބީއެއް ފަދައިންނެވެ. އަދި ﷲ އީ އެއިލާހަށް ނަޞްރުވެރިވާ ބަޔަކަށް ނަޞްރުވެރިވެދެއްވާ އިލާހެވެ. ހަމަކަށަވަރުން ﷲ އީ އެންމެ ބާރުވެރިވަންތަ އެންމެ ޢިއްޒަތްވަންތަ އިލާހެވެ.
އަދި النصرة ގެ ތެރޭގައި ހިމެނެނީ، މުސްލިމު އަޚާއަށްޓަކައި ތިމާގެ ނަފްސުން ދިފާޢުކޮށް އަނިޔާވެރިންގެ ބާރު ދެރަކޮށްލުން، އަދި މުދަލުންނާއި އަދި ލޯތްބާއި އަޅާލުމުގެގޮތުން އޭނާއަށް ހިއްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އޭނާގެ ޤަދަރުވެރިކަން ރައްކާތެރިކޮށް، މުސްލިމުންގެ ކަރާމާތުގައި ކޫރު އަޅަން އެދޭ ބާޠިލުގެ އަހުލުވެރިންނަށް ރައްދުދިނުމެވެ. އަދި އެމީހުންނަށް އެހީތެރިވެދެއްވުން އެދި ދުޢާކުރުމާއި އަދި އެމީހުންވީ ކޮންމެ ތަނެއްގައިމެ، އެމީހުންގެ ޚަބަރުތައް ބަލައިހޯދާ، ވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިހުރިހާ ކަމަކީ މުސްލިމުންގެ މެދުގައިވާ އެހީތެރިކަމުގެ ގުޅުން ވަރުގަދަކުރުމަށްޓަކައި އަދާކުރަންޖެހޭ ކަންތައްތަކެވެ. އެއީ އެމީހުން ބަހާއި ޢަމަލުން، އިސްލާމީ ގިއުގަނޑުގެ ތެރޭގައި އެކަތިގަނޑަކަށް ވުމަށްޓަކައެވެ.
އަޞްލު: ސުޢޫދީ ޢަރަބިއްޔާގެ ލަޖްނާ ފަތުވާ ކޮމިޓީގެ ކުރީގެ ނައިބު ރައީސް الشيخ عبد الرزاق عفيفي (رحمه الله) އިސްބަސް ދެއްވާފައިވާ، الشيخ محمد بن سعيد القحطاني (حفظه الله) ގެ ”الولاء والبراء في الإسلام“ (އިސްލާމްދީނުގައި ގުޅުންބަދަހިކުރުމާއި ބަރީއަވުން) މި ފޮތުން ތަރުޖަމާކުރެވިފައި.
www.click4islam.com
12 މެއި 2010 -