الولاء و البراء (ގުޅުންބަދަހިކުރުމާއި ބަރީއަވުމުގެ) ތެރެއިން (1) ކާފަރުންނަށް ބަރޯސާވުން
ޝައިޚް މުޙައްމަދު ސަޢީދުލް ޤަހްތާނީ (حفظه الله)
ޢާއްމުގޮތެއްގައި އެހީތެރިވުމަށް, ގުޅުންބަދަހިކުރުމަށް ނުވަތަ ރައްކާތެރިކޮށްދިނުމަށް އެދި ކާފަރުންނަށް ބަރޯސާވުން ނުވަތަ އެމީހުންގެ ދީނަށް ވަނުމަކީ މި ގުޅުމުގެ (އެބަހީ ކާފަރުންނާއިއެކު ގުޅުންބަދަހިކުރުމުގެ) ދެވަނަ ވައްތަރެވެ. ﷲ ތަޢާލާވަނީ މިކަން ޙަރާމްކުރައްވަވާފައެވެ. ވަޙީކުރެއްވިއެވެ. ”لا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِنْ دُونِ الْمُؤْمِنِينَ وَمَنْ يَفْعَلْ ذَلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلا أَنْ تَتَّقُوا مِنْهُمْ تُقَاةً وَيُحَذِّرُكُمُ اللَّهُ نَفْسَهُ وَإِلَى اللَّهِ الْمَصِيرُ“ ”މުއުމިނުން، މުއުމިނުން ފިޔަވައި, ކާފަރުން އެއީ އެކުވެރި ވާގިވެރިވާބައެއް ކަމުގައި ނުހަދާ ހުށިކަމެވެ! އެފަދައިން ކަންތައް ކޮށްފިމީހާއަށް ﷲ ގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުވާނެއެވެ. އެއީ އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ބިރުގަންނަ ޙާލެއްގައި މެނުވީއެވެ. އަދި ﷲ އެއިލާހުގެ ޛާތުފުޅަށް (އެބަހީ:ޢަޒާބަށް) ރައްކާތެރިވެ ތިބުމަށް ކަލޭމެންނަށް އިންޛާރުދެއްވަވައެވެ. އަދި އެނބުރިދިއުން ވަނީ ﷲ ގެ ޙަޟްރަތަށެވެ.“ (ސޫރަތު އާލްޢިމްރާން:28)
އިބްނު ޖަރީރުއް ޠަބަރީ (رحمه الله) ތަފްސީރުކުރައްވަމުން ވިދާޅުވާގޮތުގައި އެމީހުންނަކީ ”أَوْلِيَاءَ“”އެކުވެރި ވާގިވެރިވާބައެއް ކަމުގައި“ ނެގުމުގެ މާނައަކީ, އެމީހުންގެ ކިބައިން މަދަދާއި, ނުޞްރަތާއި އަދި އެހީތެރިކަން ހޯދުމެވެ. އެއީ އެމީހުންގެ ދީނަށާއި, ޘަޤާފަތަށާއި, އަދި ދިރިއުޅުމުގެ ނިޒާމަށާއި, މުސްލިމުންގެ މައްޗަށް ގަދަވެގަތުމަށް އެހީތެރިވުމުގައި ވަފާތެރިވާކަން އެންގުމަށްޓަކައެވެ. މިފަދަމީހުން ﷲ އަށް ކުރާނެ އެއްވެސް ދަޢުވާއެއް ނެތެވެ. އެމީހުންވަނީ އެމީހުންގެ ނަފްސުތައް ﷲ ގެ ކިބައިން ބަރީއަކޮށްލާފައެވެ. އަދި އެއިލާހުވަނީ އެމީހުންގެ ކިބައިން ބަރީއަވެވޮޑިގެންނެވެ. އެއީ އެމީހުން އެއިލާހުގެ ދީނަށް އިންކާރުކޮށް ކުފުރު ޤަބޫލުކުރި ކަމަށްޓަކައެވެ.
”إِلا أَنْ تَتَّقُوا مِنْهُمْ تُقَاةً“ ”އެއީ އެބައިމީހުންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ބިރުގަންނަ ޙާލެއްގައި މެނުވީއެވެ.“ ގެ މާނައަކީ, އެމީހުންގެ ބާރުގެ ދަށުގައި މީހަކުވާނަމަ, އެމީހުންނަށް ވަފާތެރިވުން ދެއްކުމަށްޓަކައި ކޮންމެވެސް ފަދަގޮތަކުން މަޖުބޫރުކަމެއް ނުވަތަ ބިރުވެތިކަމެއް ވުން އެކަށީގެންވަނީ, ހިތުތެރޭގައި އެމީހުންނަށް ރުޅިވެރިކަންވާ ޙާލު, ތިމާގެ ނަފްސު އެމީހުންގެ ކުފުރުގެ ކިބައިން ދުރުވެގެންވާ ޙާލު, އަދި މުސްލިމުންނާ ދެކޮޅަށް އެހީތެރިވުމަށް އިންކާރުކުރާ ޙާލުގައެވެ. (ތަފްސީރުއް ޠަބަރީ 3ވ. 228ޞ)
”يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّهَ لا يَهْدِي الْقَوْمَ الظَّالِمِينَ“
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިން އެކުވެރި ވާގިވެރިންކަމުގައި ތިޔަބައިމީހުން ނުނަގާށެވެ! އެބައިމީހުންނަކީ އެއްބަޔަކު އަނެއްބައެއްގެ އެކުވެރި ވާގިވެރިންނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުން އެކުވެރި ވާގިވެރިކަމުގައި ނަގައިފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން، އެއީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ. އަދި ހަމަކަށަވަރުން, އަނިޔާވެރިންނަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ.“
(ސޫރަތުލް މާއިދާ:51)
އިމާމް އިބްނު ޖަރީރް (رحمه الله) ފާހަގަކުރައްވާގޮތުގައި: "މުސްލިމުންނާއި އެކު ގުޅުންބަދަހި ކުރުމުގެ ބަދަލުގައި, ޔަހޫދީން ނުވަތަ ނަޞާރާއިންނާއި އެކު ގުޅުން ބަދަހިކޮށްފިމީހާ ކަނޑައެޅޭނީ އެމީހުންގެ ތެރެއިންވާ މީހެއްގެ ގޮތުގައެވެ. އޭނާއީ އެމީހުންގެ އީމާންކަމާއި އަދި ޤައުމުގެ ތެރެއިންވާ މީހެކެވެ. އެއްވެސް މީހަކު ވާގިވެރިއެއް އަދި ހިމާޔަތްކޮށްދޭމީހެއް, އޭނާއާއި އެއްބަސްވުމަށް ފަހުގައި މެނުވީ ނުނަގާނެއެވެ. އެމީހާއާއިމެދު އޭނާ ރުހިއްޖެނަމަ, ދެން އޭނާގެ ދީނާއިމެދުވެސް އޭނާ ހަމަ އެފަދައިން ދެކޭނެއެވެ. އޭނާގެ އެކުވެރިޔާ ޚިލާފުވާ އަދި ދެކޮޅުހަދާ ކޮންމެ ކަމަކަށް އޭނާވެސް ދެކޮޅުހަދާނެއެވެ. އެހެންކަމުން, އެ ދެމީހުން އެއް ޙާލަތެއް ހިއްސާކުރަން ޖެހޭނެއެވެ. އަދި އެދެމީހުންގެ މައްޗަށްވާ ޙުކުމަކީވެސް އެއް ޙުކުމެކެވެ." (ތަފްސީރުއް ޠަބަރީ 6ވ. 277ޞ)
އިބްނު ހަޒަމް (رحمه الله) ވިދާޅުވިއެވެ: ﷲ ގެ ބަސްފުޅު ”...وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ...“ ”އަދި ތިޔަބައިމީހުންގެ ތެރެއިން، އެބައިމީހުން އެކުވެރި ވާގިވެރިކަމުގައި ނަގައިފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން، އެއީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ.“ ގެ މާނައަކީ, ހަމަ ޔަޤީނުންވެސް އެއީ އެމީހުން ބުނާ ފަދައިން, ކާފަރުންގެ މެދުގައި ހުރި ކާފަރެކެވެ. އަދި މިއީ ދެ މުސްލިމަކަށް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. (އިބްނު ހަޒަމް, އަލް މުޙައްލާގައި 13ވ. 35ޞ)
އިބްނު ތައިމިއްޔާ (رحمه الله) މި ވަޙީބަސްފުޅާއި މެދު ވާހަކަ ދައްކަވަމުން އެހެން އާޔަތެއް އިތުރުކުރައްވާ ވިދާޅުވިއެވެ.
”وَلَوْ كَانُوا يُؤْمِنُونَ بِاللَّهِ وَالنَّبِيِّ وَمَا أُنْزِلَ إِلَيْهِ مَا اتَّخَذُوهُمْ أَوْلِيَاءَ...
”އަދި އެމީހުން ﷲ އަށާއި ނަބިއްޔާ (صلى الله عليه وسلم) އަށް އީމާންވީނަމަ, އަދި އެކަލޭގެފާނަށް ބާވާލެއްވުނު ފޮތަށް އީމާންވީނަމަ, އެބައިމީހުންނަކީ (ކާފަރުން) އެކުވެރި ވާގިވެރިންކަމުގައި ނަގައި ނުހެދީހެވެ.“
(ސޫރަތުލް މާއިދާ:81)
މީގެން އަންގައިދޭގޮތުގައި, އެންމެ ފުރަތަމަ ބަޔާންކުރެވިފައިވާ "އީމާންކަން" ހުރުމަކީ, މިބައިމީހުން އެކުވެރި ވާގިވެރިންކަމުގައި ނެގުމުން ދުރުކޮށްދޭ ކަމެކެވެ. އަދި އެފަދަ ޢަމަލެއް ކުރުމާ ޚިލާފުވާނެއެވެ. އެހެންކަމުން, އެމީހުންނަށް ވަފާތެރިވުން އަދި އީމާންކަން އެއް ހިތެއްގެ ތެރޭގައި އެކެއްނުކުރެވޭނެއެވެ. މިއީ ޤުރުއާނުން އެކަން ތަފްސީރުކޮށްދޭ އަދި އެއިން އަމިއްލައަށް ބާރުދޭގޮތެވެ. (އިބްނު ތައިމިއްޔާ "އަލް އީމާން" 14ޞ)
އިބްނުލް ޤައްޔިމް (رحمه الله) ވިދާޅުވާގޮތުގައި ޔަހޫދީންނާއި ނަޞާރާއިންނާ ގުޅުންބަދަހިކޮށް އެމީހުންނަށް ވަފާތެރިވެއްޖެމީހާ އީ, އެމީހުންގެ ތެރެއިންވާ މީހެއްކަމަށް ﷲ ވަނީ ނިންމަވާފައެވެ. އަދި އެއިލާހަށް ވުރެ އެކަން ކުރުމުގައި ކުޅަދާނަ ފަރާތެއް ނުވެއެވެ. އެހެނީ ޤުރުއާނުގެ ނައްސުން އަހަރެމެންނަށް އެނގޭގޮތުގައި އެމީހުންގެ ވާގިވެރީންނަކީ އެއްބައެކެވެ. އަދި އެބައިމީހުންނާއި މެދުވެސް ވަނީ އެގޮތަށެވެ. އެހެންކަމުން, ޝަރީޢަތުގެ ދަށުގައި އެބައިމީހުންނަށް ކަނޑައެޅެން ޖެހޭނީ އެ ޙުކުމްތަކެވެ. މިއީ ތަބަޢުވާންޖެހޭ ޢާއްމު އުޞޫލެވެ. އެހެންނަމެވެސް, ޚުޞޫޞީކޮށް މުސްލިމަކު, އެބައިމީހުންނަށް ވާގިވެރިއެއްގެ ގޮތުގައި އަދި އިސްލާމްވުމަށް ފަހު އެބައިމީހުންގެ ދީނަށް ވަދެއްޖެމީހާގެ ކިބައިން ޖިޒްޔަ ނެގުމެއް އަދި ޤަބޫލުކުރުމެއްވެސް ނުވެއެވެ. މި ޙާލަތުގައި އޮތީ އިސްލާމްވުން ނުވަތަ މަރާލުމެވެ. އެހެނީ މިއީ ސާފުކޮށް މުރުތައްދުވުމުގެ ޙާލަތަކަށްވާތީއެވެ. އެއީ ލަފްޡީ އަދި ޝަރީޢަތުގެ ރޫޙުގައިވެސްމެއެވެ. އިސްލާމްދީން އައުމުގެ ކުރިން ޔަހޫދީންގެ ދީނަށާއި ނަޞާރާއިންގެ ދީނަށް ވަތް މުޝްރިކުންނާއި, މިދީންތައް މިހާރު އިޚްތިޔާރުކުރާ މުސްލިމުންނާއި އަޅާކިޔުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ޤުރުއާން ބާވާލެއްވުމުގެ ކުރިން, މި ދީންތަކަށް ވަތް މީހުން އިޚްތިޔާރުކޮށްފައިވަނީ ކުރިން އޭނާ ހުރިގޮތަށްވުރެ ރަނގަޅު ގޮތެކެވެ. އެއީ އެއިން އެއްވެސް ގޮތަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވިޔަސް, އެކަމަކު, މުސްލިމަކު އީމާންވުމަށްފަހު, އޭނާގެ ތެދުވެރި އީމާންކަން, ބާޠިލަށްޓަކައި ދޫކޮށްލުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ. (އިބްނުލް ޤައްޔިމް ގެ "އަޙްކާމް އަހްލުއްޛިއްމާ" 1ވ. 67-69ޞ)
ސައްޔިދް ޤުޠުބް (رحمه الله) ވަނީ އައްޠަބަރާނީއާއި މި ނުޤުތާގައި ތަފާތުވެފައެވެ. ވިދާޅުވާގޮތުގައި ޔަހޫދީންނާއި ނަޞާރާއިންނަށް ލެނބިއްޖެ މުސްލިމަކީ, އެބައިމީހުންގެ ދީނަށް ވަނުމާއި އަދި ދުރުގައިވާ މީހެކެވެ. ޙަޤީޤަތުގައި މި އާޔަތުގައިވާ މާނަކުރެވިފައިވަނީ ސިޔާސީ ގޮތުން ވެވޭ އެއްބަސްވުންތަކާއި އަދި އެކުވެރި ވާގިވެރިކަމަކާއި އަދި ޢަސްކަރީ އެހީތެރިކަމުގެ ވާހަކައެވެ. އޭނާ ވިދާޅުވާ ގޮތުގައި އާޔަތުން ޞަރީޚަކޮށް ބަޔާންކޮށްދެއްނީ މި ކަންތައްތަކެވެ. އަދި އެބައިމީހުންގެ ދީނަށް ތަބަޢުވުމާއި އެއްވެސް ގުޅުމެއް ނެތެވެ. އޭގެ ބަދަލުގައި, ކާފަރުންނާއިއެކު އެކިވައްތަރުގެ އެއްބަސްވުންތަކާއި ގުޅުންތައް ބަދަހިކުރުން އެމީހުންގެ ބޭނުންތައް ފުދުންވަނީ އެކަންކަމުގައިކަން އަދި އެމީހުންގެ ޢާއްމު ބޭނުންތަކަށާއި އަދި ޢަހުދުތައް ހެދުމުން, މިފަދަ ކަންތައްތައް ހުއްދަވެގެން ދާނެކަމަށް މުސްލިމުންނަށް ވިސްނެން ފެށިއެވެ. މިއީ ޙަޤީޤަތުގައި އިސްލާމްދީން އައުމުގެ ކުރިން ޢަރަބިން ޔަހޫދީންގެ ޤަބީލާތަކާއިއެކު ގުޅުން ބަދަހިކޮށް އުޅުނު ގޮތެވެ. އަދި ﷲ އެކަން މަނާކުރެއްވުމަށް ދާންދެން އަދި އެ އެއްބަސްވުންތައް ބާޠިލުކުރެއްވުމަށް ދާންދެން, ހިޖުރައިގެ ފުރަތަމަ ދުވަސްވަރުގައިވެސް ކަންއޮތްގޮތަކީ މިއީއެވެ. ހިޖުރަ ނުކުރި މުސްލިމުންނާއި މެދު މިކަން އޮތްގޮތް ﷲ ވަނީ ސާފުކޮށްދެއްވަވާފައެވެ. ”...وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُمْ مِنْ وَلايَتِهِمْ مِنْ شَيْءٍ حَتَّى يُهَاجِرُوا...“ ”އަދި އީމާންވެ ހިޖުރަ ނުކުރިމީހުން, އެމީހުން ހިޖުރަކުރުމަށް ދާންދެން ތިޔަބައިމީހުންނަށް އެމީހުން ރައްކާތެރިކޮށް ދިނުމުގައި އެއްވެސް ޒިންމާއެއް ނެތެވެ.“ (ސޫރަތުލް އަންފާލް:72) އެހެނީ އެ ގުޅުމަކީ ސިޔާސީ އަދި ޢަސްކަރީ ގުޅުމެކެވެ. އަދި ދީނީ ގުޅުމެއް ނޫނެވެ.
ނޯޓް: އެކަން ސާފުވެގެންދަނީ, އެ އާޔަތުގައި ދެން ﷲ ވަޙީކުރައްވަނީ: ”...وَإِنِ اسْتَنْصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلا عَلَى قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ...“”ނަމަވެސް އެމީހުން ދީނީގޮތުން ތިޔަބައިމީހުންގެ ކިބައިން އެހީއަކަށް އެދިއްޖެނަމަ, އެބައިމީހުންނަށް ނަޞްރުދިނުން ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ. އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި މުޢާހަދާ އެއް ކޮށްފައިވާ ޤައުމަކާ ދެކޮޅަށް މެނުވީއެވެ.“ (ސޫރަތުލް އަންފާލް:72)
މިކަންކަން މިތަނުގައި ފާހަގަކޮށްލުމަކީ ކޮންމެހެން މުހިއްމުކަމެކެވެ. އެއީ ފޮތުގެ އަހުލުވެރިންނަށް ވާގިވެރިވުމާއި އަދި ގުޅުންބަދަހިކުރުމާ ދެމެދު ބައެއްމީހުން އޮޅުންބޮޅުން ކުރާތީއެވެ. ވަފާތެރިވުންވަނީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށާއި އަދި މުސްލިމުންނަށެވެ. ފޮތުގެ އަހުލުވެރިން އިސްލާމްދީނާއި ދެކޮޅަށް އެމީހުން އެކުވެ ކުރާ މަސައްކަތުގައި, އެއްބަޔަކު އަނެއްބައެއްގެ އެކުވެރި ވާގިވެރިންކަމަށް ޤުރުއާނުގައި ބަޔާންވެގެންވާ ކަމާއިމެދު ބައެއްމީހުން ހަނދާން ނެތެއެއެވެ. މިއީ އަހަރެމެންނަށް ޔަޤީނުންވެސް އެނގޭކަމެކެވެ. އަދި އެހެންމެ, އެއްވެސް މުސްލިމަކު އޭނާގެ ދީން އެބައިމީހުންގެ ދީނަށްޓަކައި ދޫކޮށްލައިފުމަށް ދާންދެން އެބައިމީހުން އަބަދުވެސް ނުރުހޭނެއެވެ.
އަހަރެމެން ދެބައި މީހުންގެ މެދުގައި އެއްބަސްވެވޭފަދަ އެއް މިސްރާބަކަށް ދަތުރުކުރާ މަގެއް އޮވެދާނެކަމަށް, އޮޅުވާލެވެން ފަސޭހަ މީހުންނާއި ކަނު މީހުން ހީކޮށްކޮށް ތިބެދާނެއެވެ. އެމީހުންނަށް މަގު ދައްކުވައިދެނީ ކުފުރާއި އިންކާރުގެ ބޯތަކުންނެވެ. މިބައިމީހުން އިސްލާމްދީނާއި ދެކޮޅުވެރިވާހާ ހިނދަކު އެބައިމީހުންވަނީ ކާފަރުންނާއި އެކުގައެވެ. އެހެންކަމުން, މިފަދައިން ކަންތައް ކުރާމީހާ ދޫކޮށްލަމާ ހިނގާށެވެ. އަދި ޤުރުއާނުން ހިދާޔަތް، ހިތައް ލިބިގަންނަން ހިނގާށެވެ. ”يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا الْيَهُودَ وَالنَّصَارَى أَوْلِيَاءَ...“ ”އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން އެކުވެރި ވާގިވެރިންކަމުގައި ނުނަގާށެވެ!“ (ސޫރަތުލް މާއިދާ:51) (ސައްޔިދް ޤުޠުބް, "ފީ ޡިލާލިލް ޤުރުއާން", 2ވ. 909-910ޞ)
އަޞްލު: ސުޢޫދީ ޢަރަބިއްޔާގެ ލަޖްނާ ފަތުވާ ކޮމިޓީގެ ކުރީގެ ނައިބު ރައީސް الشيخ عبد الرزاق عفيفي (رحمه الله) އިސްބަސް ދެއްވާފައިވާ، الشيخ محمد بن سعيد القحطاني (حفظه الله) ގެ ”الولاء والبراء في الإسلام“ (އިސްލާމްދީނުގައި ގުޅުންބަދަހިކުރުމާއި ބަރީއަވުން) މި ފޮތުން ތަރުޖަމާކުރެވިފައި.
www.click4islam.com
06 ޖެނުއަރީ 2010 -