އަހަރެމެން ރޯދަމަހަށް ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟ (2)
4- ނުހިފިހުރި ފަރުޟު ރޯދަތައް ހިފުން:-
އަބޫ ސަލަމާ (رضي الله عنه) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ޢާއިޝާ (رضي الله عنها) މިފަދައިން ވިދާޅުވި އަޑު އަހުރެން އެހީމެވެ. ”ފާއިތުވި ރޯދަމަހުގެ ރޯދަތައް ތިމަން ކަމަނާއަށް ނުހިފިހުރެއެވެ. އަދި ތިމަން ކަމަނާއަށް ޝަޢުބާން މަހުގައި ނޫނީ އެ ރޯދަތައް ފުރިހަމަ ކުރުން ކުޅަދާނަވެގެންނުވެއެވެ.“ [ބުޚާރީ 1849، މުސްލިމް 1146]
އަލްޙާފިޡު އިބްނު ޙަޖަރު (رحمه الله) ވިދާޅުވިއެވެ. ”ޝަޢުބާން މަހުގައި އެކަން ކުރެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވި މިންވަރުން އެނގެނީ އަނެއް ރޯދަމަސް ފެށެންދެން ރޯދަތައް ނުހިފާ ބެހެއްޓުމަކީ ހުއްދަކަމެއް ނޫންކަމެވެ.“ [ފަތުހުލް ބާރީ 191/4]
5- ރޯދަމަހުގެ ދަރުމަވަންތަކަން އެނގުމަށާއި އެމަހާއި ގުޅޭގޮތުންވާ ޙުކުމްތަކަށް ޢަމަލު ކުރުމަށްޓަކައި ބޭނުންވާ ޢިލްމު އުގެނުން.
6- އަޅުކަން އަދާކުރުމަށް އެއްވެސް މުސްލިމަކަށް އުދަނގޫ ފޯރާފަދަ ހުރިހާ މަސައްކަތެއް ނިންމުމަށް އަވަސްވެގަތުން.
7- އެމީހެއްގެ ޢާއިލާ، އަނބިންނާއި ދަރިންނާއި އެކުގައި އިށީނދެ ރޯދަހިފުމުގެ ޙުކުމްތައް އެމީހުންނަށް ބުނެދީ ކުޑަކުދިންނަށް ރޯދަހިފުމަށް ހިތްވަރު ދިނުން.
8- ރޯދަމަހުގައި ގޭގައި ކިޔުމަށާއި މީސްތަކުންނަށް ކިޔައިދިނުމަށްޓަކައި މިސްކިތުގެ އިމާމަށް ދިނުމަށް ފޮތް ތައްޔާރުކުރުން.
9- ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހުގެ ބައެއްގައި ރޯދައަށް ހުރުން:-
ޢާއިޝާ (رضي الله عنها) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ”ނަބިއްޔާ (صلى الله عليه وسلم) އެކަލޭގެފާނު ދެން ރޯދަ ނުވީއްލަވާނެ ކަމަށް ތިމަންބޭކަލުން ދަންނަވާންދެން އެކަލޭގެފާނު ރޯދައަށް ހުންނަވައެވެ. އަދި އެކަލޭގެފާނު ދެން ރޯދަ ނުހިއްޕަވާނޭ ދަންނަވާންދެން އެކަލޭގެފާނު ރޯދަ ނުހިއްޕަވައެވެ. ރޯދަމަސް މެނުވީ މަސް ނިމެންދެން ރޯދައަށް އެކަލޭގެފާނު ހުންނެވި މަހެއް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ. އަދި ޝަޢުބާން މަސްހާ ގިނައިން ރޯދައަށް ހުންނަވާ މަހެއް ތިމަންކަމަނާ ދެކެވަޑައިނުގަންނަވަމެވެ.“ [އަލްބުޚާރީ 1868 އަދި މުސްލިމް 1156]
10- ޤުރުއާން ކިޔެވުން:-
ސަލަމާ ބިން ޚުޔެއިލު (رحمه الله) ވިދާޅުވިއެވެ. ”ޝަޢުބާންމަހަކީ ޤުރުއާން ކިޔަވާ މީހުންގެ މައްސަރޭ ބުނެވެއެވެ.“
ޝަޢުބާން މަސް ފެށުމުން އަމްރު އިބްނު ޤައިސް (رحمه الله) އެކަލޭގެފާނުގެ ފިހާރަ ބަންދުކުރައްވާ ޤުރުއާން ކިޔަވާ ވިދާޅުވުމަށް ވަގުތު ހުސްކުރައްވައެވެ.
ޝަޢުބާން މަސް ވެސް ނިމުމަކާއި ގާތްވެ ރޯދަމަސް ފެށެން ކުޑަތަންވެފައިވާ އިރުގައި ވިސްނަންވީ ކުރިއަށް އޮތް ބާކީ ދުވަސްތަކުގައި ފަރުވާތެރިވެ، ރޯދަމަހަށް ފުރިހަމައަށް ތައްޔާރު ވުމަށެވެ. ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ތިމާގެ ނަފްސު ރޯދަމަހަށް ތައްޔާރުކުރުމެވެ. ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ރޯދަމަހަށް ތައްޔާރުވުމަށް އެންމެ ފުރިހަމައަށް ކަންތައްތައް ނުކުރެވިފައި ވީ ނަމަވެސް، ހިތްވަރު އާކޮށް ކުރިއަށް އުއްމީދާއި އެކު ފަށައިގަތުމެވެ.
ރޯދަމަހާއި ބެހޭގޮތުން ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.
”شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ“
”ރަމަޟާންމަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެމައްސަރުގައި ހާޒިރުވެ ހުރެއްޖެ މީހާ، އެމަހުގައި ރޯދަހިފާ ހުށިކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފި ނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ. ﷲ، ތިޔަބައިމީހުންނަށް ލުއި ފަސޭހަގޮތް އިރާދަކުރައްވައެވެ. އަދި ދަތި އުދަނގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެ މައްޗަށް ﷲ އަށް ތަކްބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރިވުމަށްޓަކައެވެ.“ [ސޫރަތުލް ބަޤަރާ: 170]
މިބަރަކާތްތެރި ރަމަޟާން މަހަކީ ކޮންމެ އަހަރަކު ﷲ ތަޢާލާގެ އޯގާވަންތަވެރިކަމުން އެކަލާނގެ އަޅުތަކުންގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރުމުގެ ފުރުސަތު ދެއްވުމަށްޓަކައި އެކަލާނގެ ލައްވަވާފައި ޚާއްޞަ މައްސަރެވެ. ހެޔޮކަމާއި، ރަޙްމަތާއި، އަޅުކަމާއި އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުގެ މައްސަރެވެ. ކޮންމެ މަހަކީވެސް މުސްލިމުން ކިޔަމަންތެރިކަމާއި އެކުގައި ﷲ އަށް އަޅުކަން އަދާކުރަންޖެހޭ މައްސަރެކެވެ. ނަމަވެސް ރޯދަމަހަކީ ހުރިހާ މައްސަރެއްގެ މައްޗަށް ﷲ ތަޢާލާ ހޮއްވަވާފައިވާ ރަޙްމަތާއި ދަރުމައިގެ މައްސަރެވެ.
މި މާތް މޫސުމުގައި ހެޔޮކަންތައްތައް ގިނަވެ އިތުރުވެ، އެހެނިހެން މައްސަރުތަކަށް ވުރެ މިމަހުގައި ނުބައި ޢަމަލުތައް ކުރުމުގެ ނުރައްކާތެރިކަން ބޮޑުވެ ނުބައި ވެގެންވެއެވެ. އަދި އެ މައްސަރަކީ ފާފަވެރިންގެ ތައުބާ ޤަބޫލުކުރައްވަވާ މައްސަރެވެ. އެމަހުގެ ފެށުމުގައި ރަޙްމަތްވާ، މެދުގައި ފާފަފުއްސެވުންވާ އަދި އެމަހުގެ ނިމުމުގައި ނަރަކައިން މިންޖުކުރެވުން ލައްވަވާފައި މައްސަރެވެ.
އެހެންކަމުން މިމަތިވެރި ބަރަކާތުގެ މައްސަރު ގާތްވެ ކުޑަތަންވުމުގެ އުފަލުގައި ﷲ ތަޢާލާއަށް ޙަމްދުކޮށް ޝުކުރު ކުރުން ހުއްޓެވެ. މިމަހުގެ ގިނަ ދުވަސްތައް އަޅުކަންތައް އަދާކުރުމުގައި ހޭދަކޮށް، ﷲ ޙަރާމްކުރެއްވި ކަންތައްތަކުން އެއްކިބާވެ ހުރުމަށް ވިސްނާށެވެ. އެއީ، މިދުނިޔެއާއި އާޚިރަތުގައި އަހަރެމެންނަށް ހެޔޮ ޙަޔާތެއް ލިބުމަށްޓަކައެވެ.
ރޯދަމަހަށް މަރުޙަބާ ކިޔަންވާނީ އަހަރެމެންނަށް ކުރެވިފައި ހުރި ފާފަތަކަށް އިޢުތިރާފުވާ ޙާލު އެވެ. އަހަރެމެންގެ ނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަތުމާއި އަހަރެމެންނަށް ވާޖިބު ކުރައްވަވާފައިވާ އަޅުކަންތައް ފުރިހަމައަށް އަދާ ކުރުމަށް އިޙުމާލުވެފައި ވުމަށް ޢިއުތިރާފުވާ ޙާލުއެވެ. އޭރުން ރަމަޟާން މަހުގެ ބުރަދަން އަހަރެމެންނަށް ވިސްނި އެމަހުން ކުޑަމިންވަރުގެ ދަރުމައެއް ވެސް އުނިވެގެން ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ހިތްވަރު ލިބިގެންދާނެ އެވެ.
ރޯދަމަހަކީ އަހަރެމެންގެ އީމާންކަން އިތުރަށް ވަރުގަދަ ކޮށްދެނިވި މަހެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަންވާނެ އެވެ. އެހެނީ އީމާންކަމަކީ ބަލިކަށިވެ ވަރުގަދަވާ އެއްޗެކެވެ. އީމާންކަން ވަރުގަދަވަނީ ﷲ އަށް ކިޔަމަންވުމުންނެވެ. އަދި އީމާންކަން ބަލިކަށިވަނީ އެކަލާނގެއަށް ނުކިޔަމަންތެރިވުމުންނާއި ފާފައިގެ ސަބަބުންނެވެ. ކިޔަމަންތެރި ވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ﷲ ތަޢާލާގެ ތެދުވެރި އަޅެއް ކަމުގައި ވުމަށާއި ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހަކު ނެތްކަމަށް ހެކިވުމެވެ. ޝަހާދަތުގެ ދެކަލައިމައިގައި ހެކިވެފައިވާ ހެކިވުމަށް ބުރުއަރާ އެއްވެސް ކަމެއް ނުކުރުމަށް ޢަޒުމް ކަނޑައަޅަންޖެހޭނެއެވެ. މީގެ މާނައަކީ ދީނަށް އަލަށްވެއްދޭ ކަންތައްތައް ކަމުގައިވާ ބިދުޢަތައް ނުކުރުމެވެ. އަދި އަލްވަލާ ވަލްބަރާ (ﷲ އަށްޓަކައި ލޯބިވުމާއި ﷲ އަށްޓަކައި ރުޅިވެރިވުން) ގެ އަސާސްތަކަށް ފުރިހަމައަށް ޢަމަލު ކުރަންޖެހޭނެ އެވެ. މުއުމިނުންނަކީ އަހަރެމެންގެ ރަޙްމަތްތެރިން ކަމުގައި ހަދާ ކުއްފާރުންނާއި މުނާފިޤުންނަކީ އަހަރެމެންގެ ދުޝްމަނުން ކަމުގައި ހެދުމެވެ. އަދި މުސްލިމުންނަށް ކާފިރުންގެ މައްޗަށް ނަޞްރު ލިބުމުން އަހަރެމެން އެކަމާއި އުފާކުރަންޖެހޭނެއެވެ. ނަބިއްޔާ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ސުންނަތަށް ތަބާވެ ޚުލަފާއުއް ރާޝިދީންގެ ގޮތްތަކަށް ތަބަޢަވާންޖެހޭނެ އެވެ. ސުންނަތަށާއި ސުންނަތަށް ޢަމަލުކުރާ މީހުން ދެކެ ލޯބިވެ ސުންނަތް ދިފާޢު ކުރަންޖެހޭނެއެވެ. އަދި ކޮންމެފަދަ ޤައުމެއްގައި، ކޮންމެ ފަދަ ކުލައެއްގެ މީހެއްކަމުގައި ވިޔަސްމެއެވެ.
www.click4islam.com
04 އޮގަސްޓު 2010