އަހަރެމެންގެ ބަހާއި، ޢަމަލު ދިމާވޭބާ؟
- އުންމު ސަކީނާ ( جزاه الله خير)
- Mar 13, 2019
- 3 min read

އޭ އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އަހަރެމެން އެންމެންނަކީ އާޚިރަތަށްޓަކައި މަސައްކަތްކުރުމުގައި އެކަކު އަނެކެއްގެ މައްޗަށްވާ އެހީތެރި މަދަދުވެރިންކަމުގައި ވަނީ ލައްވާފައެވެ. އެކަކު އަނދަވަޅަކަށް ވެއްޓިގެންދާ ހިނދު އޭނާ ސަލާމަތްކުރުމަކީ އަނެކާގެ މައްޗަށްވާ ވާޖިބެއްކަމުގައި ލައްވާފައިވެއެވެ.”..وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلا تَعَاوَنُوا عَلَى الإثْمِ وَالْعُدْوَانِ ... “ ”... ހެޔޮކަންތައްތައް ކުރުމުގައްޔާއި ތަޤުވާވެރިވުމުގައި ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވެ އުޅޭށެވެ. އަދި ނުބައިކަންތައްތައް ކުރުމުގައްޔާއި ޢަދާވާތްތެރިވުމުގައި ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރި ނޫޅޭށެވެ... “ (ސޫރަތުލް މާއިދާ : 2)
ކަންމިހެން އޮތުމާއެކުގައިވެސް ޢަމަލުގެފަތް މީޒާނުގެ ތިލަފަތަށް ލެވޭހިނދުގައި ހިސާބުކުރެވޭހުށީ ތިމާގެ އަމިއްލަ ނަފްސަށްޓަކައި ތިމާކޮށްފައިވާ ކަމެކެވެ. އަނެކާއަށް ކޮށްފައިވާ އެއްވެސްކަމަކާއި ތިމާއާއި ސުވާލު ނުވެވޭ ހުއްޓެވެ. ﷲ ގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އޭއިމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމާތް ކުރާށެވެ!“ މިއާޔަތުގައި ﷲ ތަޢާލާ އެންމެފުރަތަމަ އޭނާގެ ނަފްސާއި މުޚާތަބު ކުރައްވާފައިވާކަމީ އެއްވެސް ޝައްކެއްނެތް ގޮތުގައި މިކަމަށްވާ ވަރަށް ބޮޑު ހެއްކެކެވެ.
އެހެންކަމުން އަޙުންނާއި އުޚްތުނޭވެ. ﷲ އަށް ބިރުވެތިވާށެވެ! ޙަޔާތުގެ މިކުރު ދަތުރުގައި އަޅާ ކޮންމެ ފިޔަވަޅަކީ ތިމާގެ ނަފްސު ﷲ ގެ ކޯފާއާއި އެއިލާހުގެ ޢަޛާބުން ސަލާމަތްވެހުރެ އަޅާ ފިޔަވަޅެއްކަމުގައި ވުން ލާޒިމެވެ. އިންސާނާ އޭނާގެ ޙަޔާތުގެ ދަތުރުގެ ނަވުގައި އޭނާ، އޭނާގެ މަންޒިލަށް ވާޞިލުވުމުގައި، ފަޅުވެރިންގެ ގޮތުގައި އޭނާގެ އަހުލުންނާއި އަޚުންނާއި އުޚްތުންގެ އެހީ ހޯދައެވެ. ނަމަވެސް ވަކިހިސާބަކުން ނަވުގެ ދުވެލިމަޑުވެ ހުންގާނު ދޫކޮށްލަންޖެހޭ ދަނޑިވަޅުގައި އޭނާގެ އެންމެހާ އެހީތެރިންނާއި ވަކިވެއެވެ. އޭނަގެ އެންމެ ފަހުގެ މަންޒިލާއި ހަމައަށް ވާޞިލު ވުމުގައި ބާކީ ހުރި މަރުޙަލާތަކުގައި އޭނާ އެކަނި ފީނަންޖެހިދެއެވެ. މާނައަކީ އޭނާގެ އެހީތެރިން އޭނާގެ ބައިވެރިންކަމުގައި ކައްވަޅާއި ހަމައަށް ދެއެވެ. ކައްވަޅުގައި އޭނާ އެކަނި ދޫކޮށްލުމަށްފަހު އެމީހުން އެނބުރި ދެއެވެ. އަދި މަހުޝަރު ކުރެވޭ ހިނދުގައިވެސް އޭނާ ވާހުށީ އެކަނި މީހެއްގެ ގޮތުގައެވެ. އެދުވަހުން ނަބީންނާއި ރަސޫލުން، މައިންބަފައިންނާއި ދަރިން، މިއެންމެންވެސް 'ނަފްސީ، ނަފްސީ' އޭ ގޮވާ ފިލަން ދުވާނެތެވެ. އެމީހަކާ އެމީހެކެވެ.
”يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ (*)وَأُمِّهِ وَأَبِيهِ (*)وَصَاحِبَتِهِ وَبَنِيهِ “
”މީހާ އޭނާގެ އަޚާގެ ކިބައިން ފިލަން ދުވާ ދުވަހެވެ. އަދި މަންމައާއި ބައްޕަގެ ކިބައިންނެވެ. އަދި ބައިވެރިޔާއާއި ދަރިންގެ ކިބައިންނެވެ.“
(ސޫރަތުލް ޢަބަސަ :34-36)
މިދުވަހުގައި އިންސާނާ އޭނާގެ އެންމެގާތް މީހާގެ ކިބައިން ހެޔޮކަމުގެ ޒައްރެއްގެ މިންވަރުވިޔަސް ލިބޭނެ ނަމަ އެލިބިގަތުމަށް އެދޭނެއެވެ. ފަހެ މިފަދަ ބިރުވެރި ދުވަހެއްގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ތިމާގެ ނަފްސު ތައްޔާރު ކުރުމަށް މިދުނިޔޭގައި ލިބިގެންވަނީ ހީވެސްނުކުރާހާ ކުރުވަގުތު ކޮޅެކެވެ. އެހެނީ އެއްވެސް ނަފްސަކަށް އޭނާގެ އަޖަލުވަނީ ކިހާ ދުރުމިނެއްގައި ނުވަތަ ކައިރި މިނެއްގައި ކަމެއް ނޭގޭނެއެވެ. އެނގޭހާވެސް ކަމަކީ ޙަޔާތުން ހޭދާވާ ކޮންމެދުވަހަކީ އޭނާގެ އަޖަލާ ގާތްވާ ގާތްވުމެއްކަމެވެ.
އަހަރުމެން އެކަކު އަނެކަކަށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީކޮށް ހަދާ ހިނދުގައި ޚުދު ތިމާއަށް އެޢަމަލުތައް ކުރެވޭތޯއާއި އެމުންކަރާތްތަކުން ބަރީއަ ވެވޭތޯ ހިސާބުކޮށްލަމާ ހިނގާށެވެ. އޭލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވިސްނާ ފިކުރުކޮށްލަން ހިނގާށެވެ. ތިމާ އެހެންމީހުނަށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީ ކުރާ ހިނދުގައި ތިމާގެ ކިބައިގައި އެކަންތައްތައް އެގޮތަށް ނުވާނަމަ ތިމާއަކީ ކޮންފަދަ ބޮޑު ބަދުނަސީބު ވެރިއެއް ހެއްޔެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ފަހަރުގައި ތިމާގެ ސަބަބުން އެހެންމީހަކަށް ތެދުމަގު ލިބިދާނެއެވެ. ނަމަވެސް ތިމާއަކީ އަމުރުކޮށް ނަހީ ކުރި އެކަންތައްކުން މަޙްރޫމްވެގެންވާ މީހަކު ކަމުގައިވާނަމަ ﷲ ގެ ހަޟްރަތުން ވަނީ ކޮންފަދަ ޖަޒާއެއްތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟ އެކަމެއްގައި އަވަދިނެތި ތިމާކުރި ޢަމަލުތަކުން ތިމާގެ އަމިއްލަ ނަފްސަށް އެއްވެސް ލާބައެއް ނުކުރުމީ ކިހާބޮޑު ހިތާމައެއްބާވައެވެ.
އަޚުންނޭވެ! އެންމެ ފުރަތަމަ ތިމާއަށްވަނީ ތިމާގެ ނަފްސު ނަރަކައިގެ އަލިފާނުން މިންޖު ކުރުމެވެ. މަތިވެރި ޖަންނަތުލް ފިރުދައުސްގެ ގަނޑުވަރުތަކުން އެންމެ ފުރަތަމަ ތިމާ ޖާގަ ހޯދުމެވެ.
ޝައިޠާނާ އޭނާގެ މަގުގައި އަހަރުމެންގެ ތެރެއިން ހަމަ އެކަކުވެސް ދޫކޮށްނުލައެވެ. ޢިލްމުވެރިޔަކަސް ކިޔަވާ ކުއްޖަކަސް ނުވަތަ ތަޤުވާވެރި އަޅުވެރިއަކު ކަމުގައި ވިޔަސް މެއެވެ. އަޅުވެރިޔަކުނަމަ އަޅުކަމުގައި އޭނާ ހައްދުފަހަނަ އަޅުވައެވެ. ދަޢުވަތާއިގެން ތެދުވެއްޖެނަމަ އޭގެތެރެއިން ގަޑުބަޑު އުފައްދައެވެ. އޭނާގެ ކިބައިން ސަލާމަތްކަމެއްނެތް މިކާއިނާތުގައިވާ ހަމައެކަނި ރައްކައުތެރިކަމަކީ ﷲ ރައްބުލްކާއިނާތުގެ މަދަދެވެ. އެއިލާހު ރުހިވޮޑިނުގަންނަވާ ގޮތަށް ކަންތައްކުރާނަމަ އެއިލާހުގެ މަދަދު އަހަރެމެންނާއެކު ވާނީ ކިހިނަކުން ހެއްޔެވެ؟ އަޚުންނާއި އުޚްތުންނޭވެ! ޢަމަލުތަކުގެ ތެރެއިން ﷲ އެންމެ ރުހިވޮޑިގެންނުވާ ޢަމަލެއްކަމުގައި ތިމާ ނުކުރާ ކަންކަމުގައި އެހެންމީހުންނަށް އަމުރު ކުރުން ވެއެވެ. އެކަލާނގެ އަންގަވާފައިވާ ބަސްފުޅެއްގެމާނައިގައި ވެއެވެ.
”يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لا تَفْعَلُونَ (*)كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لا تَفْعَلُونَ“
”އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން ނުކުރާ ކަންތައްތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲގެ ހަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ.“
(ސޫރަތު އައް-ޞައްފު 2-3)
އަހަރެމެން، އަހަރެމެންގެ ދަރިންނަށް، ޤުރުއާން ކިޔަވާ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް ބާރުއަޅަމެވެ. ނަމަވެސް އަހަރުމެން އެގޮތަށް ޢަމަލެއް ނުކުރަމެވެ. ﷲ ގެ މަގުގައި ތިމާ އެންމެ ލޯބިވާ ތަކެތިން ހޭދަކުރުމަށް ފަސްނުޖެހުމަށް އަހަރުމެން ގޮވާލަމުއެވެ. ނަމަވެސް އަހަރުމެން އެކަމަށް ފަސްޖެހެމުއެވެ.
ﷲ ރުހިވޮޑިގެންނުވާ މިފަދަ ކަމެއް އަހަރުމެންގެ ކިބައިގައި ވާނަމަ އެކަންތައް އަވަހަށް އިޞްލާހު ކުރަމާ ހިނގާށެވެ. ﷲގެ ދީން ފެތުރުމުގައި ތިމާ ކުރާ މިންނެތް މަސައްކަތުގައި ލިޔާ ލިޔުންތަކާއި ބުނެވޭބަސްތަކަކީ އެންމެފުރަތަމަ ތިމާއަށްވާ ވައުޟެއް ކަމުގައި ހަދަމާ ހިނގާށެވެ. ނޫންނަމަ، ﷲ ރުހުމާއި ލޯބި ހޯދުމަށް އަދި އެއިލާހުގެ ދީން މަތިވެރިކޮށް ތަވްހީދުގެ ކަލިމަ މުޅިބިންމަތީގައި ޤާއިމްކުރަމަށް ތިމާ ދިން ޙިއްސާއަކީ އެއިލާހަށް ނުކިޔަމަންތެރިވީކަމުގެ މައްޗަށްވާ ޙުއްޖަތެއްކަމުގައި ވެދާނެއެވެ.
ބަހާއި ޢަމަލު ދިމާނުވާ މީހެއްގެ ބަސް ޤަބޫލު ކުރާނީ ފަހެ ކާކުހެއްޔެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ އެއިލާހުގެ ދީން ފެތުރުމުގައި އިޚްލާސްތެރި އަޅުންނެވެ. އެއިލާހު އެދިވޮޑިގަންނަވައިފިނަމަ އަހަރުމެންނެތިކޮށް އެފަދަ އެހެން ބަޔަކު ގެންނަވާފާނެތެވެ. (”ﷲ ގެ ހަޟްރަތުންމިކަމުން ރައްކާތެރިކަމަށް އެދެމެވެ.“) މިއުންމަތައް އުފަންވި އެންމެ ހެޔޮ މީސްތަކުން ކަމުގައިވާ ނަބިއްޔާގެ ޞަހާބީން ކަންތައްކުރައްވަވާ ގޮތް ބަލާލަމާ ހިނގާށެވެ! ޤުރުއާނުގެ އާޔަތެއް ބާވާލެއްވިއްޖެނަމަ އެބޭކަލުން އެއާޔަތެއް ދަސްކުރައްވައެވެ. އަދި އެއަށް ޢަމަލު ކުރައްވައެވެ. ދެން އެއަށް ފަހުގައި މީސްތަކުންނަށް އެކަމަށް ގޮވާލައްވައެވެ.
”ދުޢާއަކީ މިކުޑަ ނަޞޭޙަތުގެ ބަސްކޮޅަކީ އެންމެ ފުރަތަމަ އަހަރެންގެ އަމިއްލަ ނަފްސަށްވާ ވައުޟެއްކަމުގައި ވުމެވެ. އަދި ތިޔަ އަޚުންނާއި އުޚްތުންނަށް ފައިދާ ކުރަނިވި ބަސްތަކަކަށް ވުމެވެ. އަދި އަހަރުމެންނަކީ ބުނާ ބަހާއި އެއްގޮތަށް ޢަމަލުކުރާ އަދި ﷲ ނަހީ ކުރެއްވި އެންމެހާ ކަންތައްތަކުން ސަލާމަތްވެފައިވާ ބަޔަކުކަމުގައި ލެއްވުމެވެ.“
އަހަރުމެންގެ ލޮބުވެތި ނަބިއްޔާ (ސައްލަﷲ އަލައިހި ވަސައްލަމް) ގެ އަރިހުގައި ޞަޙާބީއަކު ހެޔޮކަމަކަށް އަމުރުކޮށްދެއްވުމަށް އެދުނެވެ. ނަބިއްޔާ (ސައްލަﷲ އަލައިހި ވަސައްލަމް) ހަދީޘް ކުރެއްވި ކަމަށް ވެއެވެ. ”ހަމަކަށަވަރުން ތިޔަބއިމީހުންގެ މައްޗަށް ވެއެވެ. އަޑުއަހާ ކިޔަމަންވުން“ މިފަދައިންނެވެ.
އަޞްލު: ލިޔުންތެރިޔާ
27 ފެބްރުއަރީ 2010 –
www.cick4islam.com