top of page
Featured Posts

އަންހެނާގެ ފިތުނަވެރިކަން



ެއެއްފަހަރެއްގައި އަލްޙަސަނުލް ބަޞަރީ އާއި އެކު މީސްތަކުން ވަނިކޮށް ބަޔަކުމީހުން އެމީހުންގެ ފަހަތުގައި މަރުވެފައި އޮތް ފިރިހެނެއްގެ މަސްގަނޑެއް ވާ ޖަހާ ދަމަމުން ގެންދަނިކޮށް ފެނިވަޑައިގަތެވެ. އަލްޙަސަނުލް ބަޞަރީއަށް މިތަން ފެނިވަޑައިގަތުމާ އެކު އެކެލޭގެފާނުގެ ހަނދުމަފުޅަށް އައި ޙާދިޘާއެއްގެ ސަބަބުން ލިބިވަޑައިގެންނެވި ކުއްލި ސިހުމަކުން ހޭފުޅު ހުސްވެ ވަޑައިގެން ވެއްޓި ވަޑައިގެންނެވި ކަމުގައި ވިއެވެ.


އަދި އަނބުރާ ހޭފުޅު އައުމުން އެކެލޭގެފާނުގެ އަޞްޙާބުން އެކެލޭގެފާނަށް ވީގޮތާއި މެދު ސުވާލު ދެންނެވުމުން ޖަވާބުގައި ވިދާޅުވިއެވެ.


ބިންމަތީގައި ދަމަމުން ގެންދިޔަ ފިރިހެނާގެ މަސްގަނޑާއި މުޚާޠިބުކޮށް ވިދާޅުވިއެވެ. ”މި މީހަކީ މީސްތަކުންގެ ތެރެއިން ވީ އެންމެ ހެޔޮ އަޅުވެރިއެއް ކަމުގައިވީ މީހެކެވެ. އަދި ދުނިޔެއާއި އެންމެ ބޮޑަށް އެކެހެރި ވެގެން އުޅުނު މީހުންގެ ތެރެއިން މީހެކެވެ. (އޭނާގެ ދުނިޔަވީ އެންމެހައި ކަންތައް ޤުރުބާން ކޮށް އަޅުކަމުގައި އޭނާގެ ވަގުތުތައް މަޝްޣޫލުކޮށް އުޅުނު މީހެކެވެ.)


އެއްދުވަހަކު އޭނާ ނަމާދަށް މިސްކިތަށް ދިއުމަށްޓަކައި ގެއިންނުކުތެވެ. ނަމަވެސް ދިޔަ މަގުމަތީގައި ނަޞާރާއިންގެ ޅަޒުވާން އަންހެންކުއްޖަކު އޭނާއަށް ފެނުނެވެ. ހަމަ ވަގުތުން މިކުއްޖާއަށް މީނާގެ ހިތް ކިޔައި އެދުންވެރި ވެއްޖެއެވެ. މީނާ މިއަންހެން ކުއްޖާ ގާތު އިންނަން އެހުމުން އެ އަންހެން ކުއްޖާ ބުންޏެވެ. ’ކަލޭ އަހަރެންގެ ދީނަށް އުޅެއްޖެއުމަށް ދާންދެން އަހަރެން ކަލެއާއި ކައިވެންޏެއް ނުކުރާނަމެވެ.‘ އެހެންކަމުން އޭނާ އޭނާގެ ގޮތުގައި ކުރިޔަށް ދާންފެށިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާ މި އަންހެންކުއްޖާ ބޭނުންވެ އޭނާއަށް އެދުންވެރި ވާލެއް އިތުރު ވަމުން ދިޔައެވެ. އެންމެފަހުން އޭނާ އެ އަންހެން ކުއްޖާގެ ޝަރުޠު ފުއްދައިދީ އިސްލާމްދީނުގެ އިމުން ބޭރު ވެގެންފިއެވެ. މި ސާފު ޠާހިރު އެއްކައުވަންތަ އިލާހަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނިސްބަތް ވެގެން ނުވާ މި ރިވެތި ދީން ދޫކޮށްލިއެވެ. މީނާ ނަޞާރާއަކަށް ބަދަލުވިތާ ދުވަސްކޮޅެއް ފާއިތުވި ފަހުން، އަންހެން ކުއްޖާ މީނާގެ ގާތަށް އައިސް ފަރުދާއެއްގެ ފުރަގަހުގައި ހުރެގެން އޭނާއާއި މުޚާޠަބުކޮށް ބުންޏެވެ. ’ކަލެއަކީ ތިއީ ކަލޭގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވާ މީހެކެވެ. ކަލޭ ތިޔަ ވަނީ ކަލޭގެ މުޅި ޙަޔާތް ކަމުގައިވާ ކަލޭގެ ދީން އެއްވެސް އަގެއް މަންފާއެއް ނުކުރަނިވި ކުޑަ އުފާކޮޅަކަށްޓަކައި ޤުރުބާން ކޮށްފައެވެ. މިއަދު އަހަރެންވެސް އަހަރެންގެ ދީން ޤުރުބާން ކުރަމެވެ. ނަމަވެސް އެއީ ތިފަދަ ސަބަބަކަށްޓަކައެއް ނޫނެވެ. އެހެނެއްކަމަކު އަހަރެން މިކަން މިކުރަނީ ނިމުމެއް ނުވާ އުފާވެރި ދިރުމެއް ޙާޞިލު ކުރުމަށްޓަކައެވެ. އެފަރާތަކީ އައްޞަމަދު ކަމުގައިވާ ފަރާތުގެ އަޅާލުމާއި އެކު ތާއަބަދަށް ދެމިގެންވާ ދިރުމަކަށެވެ.‘ (ﷲ އެއީ ފުދިވޮޑިގެންވާ ފަރާތެވެ. އެކަލާނގެއަށް އެންމެހައި މަޚްލޫގުންތައް ވަނީ ބޭނުން ޖެހިފައެވެ. އެކަލާނގެއީ ކެއުމެއް ބުއިމެއް ބޭނުންވެ ވޮޑިގެން ނުވާ އިލާހެވެ.)


އެއަށްފަހު އޭނާ ސޫރަތުލް އިޚްލާޞް ގެ މި އާޔަތްތައް ކިޔަވަން ފެށިއެވެ.


”قُلْ هُوَ اللَّهُ أَحَدٌ ، اللَّهُ الصَّمَدُ ، لَمْ يَلِدْ وَلَمْ يُولَدْ ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ“


”(ކަލޭގެފާނު) ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. އެއިލާހީ ފުދިވޮޑިގެންވާ، އެންމެހާ ތަކެތި އެއިލާހަށް ބޭނުވެގެންވާ އިލާހެވެ. އެއިލާހަށް ދަރިކަލަކު ލިބިވޮޑިގެން ނުވެއެވެ. އެއިލާހަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެއިލާހު އުފަންވެވޮޑިގެނެއް ނުވެއެވެ. އަދި އެއިލާހާ އެއްފަދަވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ.“

(ސޫރަތުލް އިޚްލާޞް 1-4)


މީސްތަކުންނަށް މިއަންހެން ކުއްޖާ ކިޔެވި އެއްޗެއް އިވުނު ހިނދު މީސްތަކުން އޭނާގެ ގާތަށް ޖަމާވެއްޖެއެވެ. އަދި ސުވާލު ކުރަން ފެށިއެވެ. މި ސޫރަތް އެއްކޮށް ހިތުދަސް ކުރީތޯ އޭނާގާތު ސުވާލު ކުރުމުން އޭނާ ޖަވާބުގައި ބުންޏެވެ. ’ނޫނެކެވެ! ﷲ ގަންދީ ބުނަމެވެ. މީގެ ކުރިން ދުވަހަކު ވެސް އަހަންނަށް މިސޫރަތެއް އެނގިފައެއް ނުވެއެވެ. މިފިރިހެނާ އަހަރެން ޙާޞިލު ކުރުމަށްޓަކައި ގަދައަޅަން ފެށި ފަހުން އަހަންނަށް ހުވަފެނެއް ފެނުނެވެ. އަހަންނަށް އެހުވަފެނުގައި ނަރަކަޔާއި އެނަރަކައިގައިވާ އަހަރެންގެ ޖާގަ ދެއްކުނެވެ. ބިރުންގޮސް އަހަރެން ރޫރޫއަޅަން ފެށިއެވެ. ހަރުކަށި މަލާއިކަތާ މާލިކް ގެފާނު (ނަރަކައިގެ ދޮރު ފާރަ ވެރިޔާ) އަހަންނަށް ވިދާޅުވިއެވެ. ”ތިބާ ބިރު ނުގަންނާށެވެ. އަދި ދެރަވެސް ނުވާށެވެ. ﷲ ތިބާ މިފިރިހެނާގެ ސަބަބުން ނަރަކައިން ސަލާމަތް ކޮށް ރައްކާތެރި ކުރައްވައިފިއެވެ. މި ނަރަކައިގައި ވާ ތިބާގެ ޖާގަޔަށް އޭނާ ވެއްދޭނެއެވެ. ﷲ ތިބާ ސަލާމަތް ނުކުރައްވަވާ ހެއްޔެވެ؟“ ދެން އެ މަލާއިކަތާ އަހަރެން ގޮވައިގެން ގޮސް ޖަންނަތަށް ވެއްދެވިއެވެ. އެތަނުގައި ލިޔެފައިވަނިކޮށް މިއާޔަތް ތައް އަހަރެން ދެކުނީމެވެ.‘


”يَمْحُوا اللَّهُ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ“


”ﷲ، އެއިލާހު އިރާދަ ކުރައްވާ ކޮންމެ ކަމެއް ފުހެލައްވައެވެ. އަދި އެއިލާހު އިރާދަ ކުރައްވާ ކޮންމެ ކަމެއް ޘާބިތު ކުރައްވައެވެ. އަދި އެއިލާހުގެ ޙަޟްރަތުގައި މައިފޮތް (އެބަހީ: الاوح المحفوظ) ވެއެވެ.“

(ސޫރަތުއް ރަޢްދް 39)


’އެއަށްފަހު އެމަލާއިކަތާ އަހަންނަށް ސޫރަތުލް އިޚްލާޞް ކިޔަވައި ދެއްވެވިއެވެ. އަހަރެން ފަހަތުން ތަކުރާރުކޮށް ކިޔަމުން ގެންދިޔައީމެވެ. ދެން އަހަރެންނަށް ނިދިން ހޭލެވުނު އިރު އަހަންނަށް ވަނީ އެސޫރަތް (ސޫރަތުލް އިޚްލާޞް) ހިތު ދަސްވެފައެވެ.“‘ އަލްޙަސަނުލް ބަޞަރީ ދެން ވިދާޅުވިއެވެ. ”އެއަށްފަހު މި އަންހެން މީހާ އިސްލާމްވިއެވެ. އަދި މީސްތަކުން ދަމާފައި އެގެންދިޔަ ފިރިހެނާ އޭނާގެ ދީން ދޫކޮށްލި ކަމަށްޓަކައި މަރައި ލެވުނެވެ. އަދި އަހަރެންގެ ދުޢާ އަކީ ﷲ އަހަރެމެން އެންމެންނަށް، މިދީންމަތީ ޘާބިތުވުމުގެ ތައުފީޤު ދެއްވަވައި ރައްކާތެރިކަމާއި ކާމިޔާބު މިންވަރު ކޮށްދެއްވުމެވެ.“



އަޞްލު: ދާރުއްސަލާމް ޕަބްލިކޭޝަންގެ ’ހެޔޮލަފާ މީހުންގެ ދިރިއުޅުމަށް އަލިއަޅުވާލުމެއް‘ މިފޮތުގެ ޞަފްޙާ 53-55 އިން ނެގިފައި

26 މެއި 2010 -

www.click4islam.com


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page