top of page
Featured Posts
ޟައުއުލް އިސްލާމް

ޝިރުކަކީ ކޮބާ؟

ސ. ޝިރުކަކީ ކޮބާ؟ ޖ. ޝިރުކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކު އެހެން ފަރާތަކަށް ގޮވުމެވެ. ސ. ޝިރުކު ބެހިގެންވަނީ ކިތައްބަޔަށް؟ ޖ. ޝިރުކު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ޝިރުކު އަކުބަރު އެބަހީ ބޮޑު ޝިރުކާއި ޝިރުކުލް އަޞްޣަރުއެވެ. އެބަހީ ކުޑަ ޝިރުކެވެ. ސ. ޝިރުކު އަކުބަރަކީ ކޮބާ؟ ( އެބަހީ ބޮޑު ޝިރުކަކީ ކޮބާ؟) ޖ. ޝިރުކު އަކުބަރަކީ އެ ޝިރުކު ކުރާ މީހާ ދީނުން އެއްކިބާ ކުރާ ޝިރުކެވެ. ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ((إِنَّهُ مَنْ يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ)) (އަލްމާއިދާ:72 )

މާނައީ: " ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ޝަރީކުކޮށްފި މީހާ ދަންނާށެވެ. ފަހެ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް ސުވަރުގެ ޙަރާމްކުރައްވައިފިއެވެ. " ސ. ޝިރުކުލް އަޞްޣަރަކީ ކޮބާ؟ ( އެބަހީ ކުޑަ ޝިރުކު)

ޖ. ޝިރުކުލް އަޞްޣަރަކީ އެކުރާމީހާ ދީނުން އެއްކިބާނުވިކަމުގައި ވިޔަސް އެޢަމަލަކަށް އެ ޝިރުކު ވަދެއްޖެނަމަ އެ ޢަމަލު ބާތިލުކޮށްދޭ ޝިރުކެވެ. މިސާލަކަށް ދެއްކުންތެރިކަން އެއީ ޝިރުކުލް އަޞްޣަރެވެ. (ކުޑަ ޝިރުކެވެ. ) އަޅުކަމަކަށް ދެއްކުން ތެރިކަން ވަދެއްޖެނަމަ އެއަޅުކަން ބާތިލުވެގެންވެއެވެ.

ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ((فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلا صَالِحًا وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)) (އަލްކަހްފު:110 ) މާނައީ: "ފަހެ އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުކުރުމަށް އުއްމީދުކުރާމީހާ ދަންނައެވެ. ފަހެ އޭނާ ހެޔޮޢަމަލުކުރާހުށިކަމެވެ. އަދި އޭނާގެ ވެރިރަސްކަލާނގެއަށް ކުރާއަޅުކަމުގައި އެއްވެސް ފަރާތެއް ބައިވެރިނުކުރާހުށިކަމެވެ." ސ. އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤަކީކޮބާ؟ ޖ. އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤަކީ އެންމެހައި އަޅުކަމެއްގައި يعني قوليއަޅުކަންތަކާއި فعليއަޅުކަންތަކާއި إعتقاديއަޅުކަންތަކުގައި ﷲއެއްކައުވަންތަކުރުމެވެ. އެކަލާނގެއާއި އެއްވެސް ޝަރީކަކު ބައިވެރިނުކުރުމެވެ. ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. (( وَاعْبُدُوا اللَّـهَ وَلا تُشْرِكُوا بِهِ شَيْئًا )) (އައްނިސާ:36 ) މާނައީ: "ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއާ އެއްވެސް ފަރާތެއް ޝަރީކުނުކުރާށެވެ." ސ. ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ ކޮބާ؟

ޖ. ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެކަލާނގެއަށް ޝަރީކުނުކުރާ މުވައްޙިދުންނަށް ޢަޒާބުނުދެއްވުމެވެ. ދަލީލު: މާތްﷲ ރުއްސުންލެއްވި މުޢާޛު ބިން ޖަބަލުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުފުޅުކުރެއްވިއެވެ. ((حق الله على العباد أن يعبدوه ولا يشركوا به شيئاً، وحق العباد على الله أن لا يعذب من لا يشرك به شيئاً.)) (متفق عليه) މާނައީ: "އަޅުތަކުންގެ މައްޗައްވާ ﷲގެ ޙައްޤަކީ އެކަލާނގެއަށް އަޅުކަންކުރުމާއި އެކަލާނގެއާ އެއްވެސް ފަރާތެއް ޝަރީކުނުކުރުމެވެ. އަދި ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެކަލާނގެއަށް ޝަރީކުނުކުރާ މީހުންނަށް ޢަޒާބުނުދެއްވުމެވެ." ސ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާކުރުމުގައި ވަސީލަތްމެދުވެރިކުރެވިދާނެ ހެއްޔެވެ؟ ޖ. ދަންނައެވެ. ވަސީލަތްބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ހުއްދަވަސީލަތާއި މަނާވަސީލަތެވެ. ހުއްދަ ވަސީލަތަކީ:- ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތައް މެދުވެރިކުރުމާއި ޞާލިޙުޢަމަލު މެދުވެރިކުރުމާއި ދިރިތިބި ޞާލިޙުއަޅުންގެ ކިބައިން ދުޢާކޮށްދިނުމަށް އެދުމެވެ. ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ((وَلِلَّـهِ الأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا)) (އަލްއަޢުރާފް:180 ) މާނައީ: "އެންމެހައި ރިވެތި އިސްމުފުޅުތަކެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އެނަންފުޅުތައް މެދުވެރިކޮށް އެކަލާނގެއަށް ތިޔަބައިމީހުން ދުޢާކުރާށެވެ." މަނާވަސީލަތަކީ:- މަރުވެފައިވާ މައްޔިތުންގެ ކިބައިން ކަންތަކަށް އެދިގޮވުމާއި އެމީހުންގެ ކިބައިން މަދަދަށް އެދުމެވެ. ދަލީލު: ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. (( وَلا تَدْعُ مِنْ دُونِ اللَّـهِ مَا لا يَنْفَعُكَ وَلا يَضُرُّكَ ۖ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ)) (ޔޫނުސް:106 ) މާނައީ: "އަދި ﷲފިޔަވައި ތިބާއަށް އެއްވެސް މަންފާއެއް އަދި އެއްވެސް ގެއްލުމެއް ނުދެވޭ ފަރާތްތަކަށް ތިބާ ގޮވާ ދުޢާނުކުރާށެވެ. އެގޮތަށް ތިބާ ކަންތައް ކޮށްފިނަމަ އޭރުން ތިބާވާހުށީ އަނިޔާވެރިންގެ ތެރެއިންނެވެ. (އެބަހީ މުޝްރިކުންގެ ތެރެއިންނެވެ.)" ނިމުނީ މި ލިޔުމުގެ ފުރަތަމަބައި، ދެވަނަ ބައި ވިދާޅުވެލައްވާ މިލިޔުން ޓައިޕުކޮށްދެއްވާފައިވަނީ ހެޔޮއެދޭ އަޚެކެވެ. ވީމާ އެއަޚާއަށް ހެޔޮ ރަޙުމަތްލައްވައި އަޅުގަނޑުމެންގެ މި މަސައްކަތުގައި ﷲ ތަބާރަކަ ވަތަޢާލާގެ ހެޔޮ ބަރަކާތްލައްވައި އަޅުގަނޑުމެންނަށް ހެޔޮ ރަޙުމަތްލައްވާށިއެވެ. އާމީން ނޯޓު: މި ލިޔުމަކީ ޕާކިސްތާނުގައި ކިޔަވަންތިބި ދިވެހި ކިޔަވާކުދިން 25 ޖޫން 2001 ގައި ނެރެފައިވާ "ޟައުއުލް އިސްލާމް" މަޖައްލާގެ 9 ވަނަ ޢަދަދުގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަސައްކަތުގައި ބަރަކާތްލައްވައި އެލިޔުންތަކުން ފައިދާކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page