top of page
Featured Posts
ދީނީ ލިޔުން

”އެކުއްޖާޔާ ކައިވެނި ކުރުމަށް ތިބާ ރުހިގެންވަމު ހެއްޔެވެ؟ އަދި އެއީ ޝަރުތެއްގެ ގޮތުގައި ތިބާގެ ފުރާނ



ތަރުޖުމާ: އުންމު ކުލްޘޫމް (جزاها الله خير)


މިއީ އުއްމު އިބްރާހީމް އާއި އޭނާގެ ދަރިފުޅުގެ ދެމެދުގައި ހިނގި މަޝްހޫރު ވާހަކަ އެވެ. އަބޫ ޖަޢްފަރު އަލްލުބްނާން ފަދަ ޢިލްމުވެރިންގެ ކިބައިން މިވާހަކަ ރިވާވެގެން އައިސްފައި ވެއެވެ. އަބޫ ޖަޢްފަރު ރިވާ ކުރެއްވި އެވެ. ’ބުނެވޭ ގޮތުގައި އުއްމު އިބްރާހިމް އަލް ހާޝިމީއަކީ ބަޞަރާގެ އެންމެ ޞާލިޙު އަންހެނުންގެ ތެރެއިން ވާ އެކަކެވެ. ދުޝަމަނުން މުސްލިމުންގެ ޝަހަރަކަށް ހަމަލާ ދިނުމާ ގުޅިގެން އެބައިމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެޝަހަރުގެ އަހުލުވެރިންނަށް ގޮވާލެވުނެވެ. ދިފާޢުގައި ހަނގުރާމަ ކުރުމާ ބެހޭގޮތުން ޢަބްދުލް ވާޙިދު ބިން ޒައިދު އަލް ބަޞަރީ ދެއްވި ދަރުސް އަޑުއަހަން އެއްވެ ތިބި މީހުންގެ ތެރޭގައި އުއްމު އިބްރާހީމް ހިމެނުނެވެ.

މި ދަރުހުގައި ޢަބްދުލް ވާހިދު ދެއްކެވި ވާހަކަތަކުގެ ތެރޭގައި’ އަލްޙޫރް‘ (ޖަންނަތުގެ އަނބިން) ގެ ވާހަކަ ހިމެނުނެވެ. މީހުންގަނޑުގެ ތެރެއިން އުއްމު އިބްރާހީމް ކޮޅަށް ތެދުވެ ޢަބްދުލް ވާޙިދުއާ މުޚާޠަބްކޮށް ބުންޏެވެ. ”ކަލޭގެފާނަށް އަހަރެންގެ ދަރިފުޅު އިބްރާހީމް އެނގިލައްވާނެ އެވެ. އަދި ބަޞަރާގައި ތިބި ޤަދަރުވެރި ޢާއިލާތަކުން އެބައިމީހުންގެ އަންހެން ދަރިން އިބްރާހިމްއާ ކައިވެނި ކޮށްދިނުމަށް އެދޭ ކަމާއި އަހަރެން އެއިން އެއްވެސް މީހެއްގެ ދަރިއަކާ ކައިވެނި ކުރުމަށް ރުހި ޤަބޫލު ވެފައި ނުވާކަން ވެސް ކަލޭގެފާނަށް އެނގިލައްވާނެ އެވެ. ނަމަވެސް ކަލޭގެފާނު ތިކިޔާ ދެއްވި އަންހެން ކުއްޖާއާ އަހަރެންގެ ދަރިފުޅު ކައިވެނި ކުރުމަށް އަހަރެން ރުހި ޤަބޫލު ވަމެވެ. އަދި އެއްފަހަރު އެކުއްޖާއާ ބެހޭގޮތުން އަހަރެންނަށް ކިޔާދެއްވަފާނަން ތޯއެވެ.“ ދެން ޢަބްދުލް ވާޙިދު ޙޫރުންނާ ބެހޭގޮތުން ވާ ޅެމެއް ކިއުއްވި އެވެ. ޢުންމު އިބްރާހީމް ބުންޏެވެ. ”އަހަރެންގެ ދަރިފުޅު ތި އަންހެން ކުއްޖާ އާއި ކައިވެނި ކޮށްދިނުމަށް އަހަރެން ބޭނުމެވެ. އަދި އެކުއްޖާގެ ރަނެއްގެ ގޮތުގައި ދިހަ ހާސް ދީނާރު އަހަރެން ދޭނަމެވެ. އަދި ކަލޭގެފާނު އަހަރެންގެ ދަރިފުޅު ކަލޭގެފާނުގެ ލަޝްކަރުގައި ގެންދަވާ ދެއްވާށެވެ. އޭރުން އޭނާ ފަހަރެއްގައި ޝަޙިދުވެ، އާޚިރަތް ދުވަހުން އަހަރެންގެ މައްޗަށް ޝަފާޢަތްތެރި ވާނޭ މީހަކު ކަމުގައި ވެދާނެ އެވެ.“ ޢަބްދުލް ވާޙިދު ވިދާޅުވިއެވެ. ”ކަމަނާ ތިގޮތަށް ކަންތައް ކޮށްފި ނަމަ، ކަމަނާއާއި ކަމަނާގެ ދަރިފުޅަށް ބޮޑުވެގެންވާ ކާމިޔާބީއެއް ލިބޭނެކަން ކަށަވަރެވެ.“ އުއްމު އިބްރާހީމް މީހުންގަނޑު ތެރޭ ހުރެ އޭނާގެ ދަރިފުޅަށް ގޮވާލި އެވެ. އެހިނދު އިބްރާހީމް ތެދުވެ ޖަވާބު ދިނެވެ. ”އާދޭހެވެ. އަހަރެންގެ މަންމާ އެވެ.“ އުއްމު އިބްރާހީމް ބުންޏެވެ. ”ޝަރުތެއްގެ ގޮތުގައި ތިބާގެ ފުރާނަ ﷲ އަށް ހަދިޔާ ކުރާ ގޮތަށް މިބުނެވި ދިޔަ އަންހެން ކުއްޖާގެ ކައިވެންޏަށް ދަރިފުޅު އެއްބަސް ވަމު ހެއްޔެވެ؟“ އިބްރާހީމް ބުންޏެވެ. ”އާދޭހެވެ. ތިކަމަށް އަހަރެން ވަރަށް ޤަބޫލެވެ.“ އެއަށް ފަހު އުއްމު އިބްރާހީމް ބުންޏެވެ. ”އޭ ﷲ އެވެ! އަހަރެން، އަހަރެންގެ ފިރިހެން ދަރިފުޅު މިބުނެވި ދިޔަ، ޖަންނަތުންވާ އަންހެން ކުއްޖައާ ކައިވެނި ކޮށްދީފީމެވެ. އެއީ ޝަރުތެއްގެ ގޮތުގައި އޭނާ އޭނާގެ ފުރާނަ ތިޔަ އިލާހުގެ މަގުގައި ޤުރުބާން ކުރާ ގޮތަށެވެ. އަދި މިކަމުގެ މައްޗަށް އިބަ އިލާހު ހެކިވެވޮޑިގަންނަވާނދޭވެ!“ ދެން އުއްމު އިބްރާހީމް ގެއަށް އެނބުރި ގޮސް ދިހަ ހާސް ދީނާރު ހިފައިގެން އައެވެ. އަދި ޢަބްދުލް ވާޙިދަށް މި ދިހަ ހާސް ދީނާރު އެރުވުމަށް ފަހު އޭނާއާ މުޚާޠަބުކޮށް ބުންޏެވެ. ”މިއީ އެ އަންހެންކުއްޖާގެ ރަނުގެ ގޮތުގައިވާ ދިހަ ހާސް ދީނާރެވެ. މިފައިސާ ގެންގޮސް ﷲ ގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުންނަށް ހޭދަ ކުރާށެވެ.“ ދެން އުއްމު އިބްރާހީމް އޭނާގެ ދަރިފުޅަށް ރަނގަޅު އަހެއް ގަނެދީ ހަނގުރާމައަށް އޭނާ ތައްޔާރު ކޮށްދިނެވެ. ލަޝްކަރު ކުރިއަށް ހިނގައިގަތް ހިނދު އިބްރާހީމް، އޭނާގެ ވަށައިގެން ޤުރުއާން ކިޔަވަމުންދާ މީހުންތަކަކާއި އެކު އައެވެ. މިބައިމީހުން ކިޔަވަމުން ދެއެވެ. ”ހަމަކަށަވަރުން ﷲ ވަނީ މުއުމިނުންގެ ކިބައިން އެބައިމީހުންގެ ނަފްސުތަކާއި މުދާތައް ގަނެ ލައްވާފައެވެ. އެއީ އޭގެ ބަދަލެއްގެ ގޮތުގައި ޖަންނަތު އެބައިމީހުންނަށް ދެއްވުމަށްޓަކައެވެ.“ [ސޫރަތުއް ތައުބާ: 111] އުއްމު އިބްރާހީމް އޭނާގެ ދަރިފުޅަށް ވަދާޢީ ސަލާމް ކުރި ހިނދު ބުންޏެވެ. ”ހުށިޔާރުވެ ހުންނާށެވެ! އަދި ދަރިފުޅުގެ ކިބައިން އެއްވެސް ފަދަ ފިނޑިކަމެއް ފަސްޖެހުމެއް ﷲ އަށް ފެނުނަ ނުދޭށެވެ.“ ދެން އެއަށްފަހު އުއްމު އިބްރާހީމް އޭނާގެ ދަރިފުޅުގެ ގައިގާ ބައްދާލައި ބޮސްދީފައި ބުންޏެވެ. ”މިވަގުތަށް ފަހު ﷲ ތަޢާލާ އަހަރެމެން ދެމައިން ހިސާބު ބެއްލެވޭ ދުވަހާ ހަމަޔަށް މެނުވީ އެއްތަން ނުކުރައްވާށި އެވެ!“ ޢަބްދުލް ވާޙިދު ކިޔާދެއްވިއެވެ. ’ދުޝްމަނުންގެ ސަރަހައްދަށް އަހަރުމެންނަށް ދެވުމަށްފަހު ހަނގުރާމަ ފެށުމަށް އެންމެހާ މުޖާހިދުންނަށް ގޮވާލެވުނެވެ. އެވަގުތު އިބްރާހީމް ހުރީ ލަޝްކަރުގެ އެންމެ ކުރީ ސަފުގައެވެ. އޭނާ ދުޝްމަނުންގެ ގިނަ ޢަދަދެއްގެ މީހުން ޤަތުލު ކުރި އެވެ. މިގޮތުގައި އިބްރާހީމް ހަނގުރާމަ ކުރަމުން ދަނިކޮށް ދުޝްމަނުން އިބްރާހީމްގެ މައްޗަށް ގަދަވެގަނެ އޭނާ ޤަތުލު ކޮށްލި އެވެ. ހަނގުރާމައިން އަވަދިވެ ލަޝްކަރު އެނބުރި އައި މަގުމަތީގައި، ހުރިހާ މުޖާހިދުންނަށް އަހަރެން ބުނީމެވެ. ”އިބްރާހީމް ޤަތުލު ވީ ވަހަކަ އެއްވެސް މީހަކު، އިބްރާހީމްގެ މަންމަ ގާތުގައި ނުބުނާހުށި ކަމެވެ. އެ ޚަބަރު އޭނާއަށް ދޭނީ އަހަންނެވެ.“ ބަޞަރާއަށް ވަދެވުމާ އެކު އިބްރާހީމްގެ މަންމައާ ބައްދަލު ވިއެވެ. އަދި އޭނާ އަހަރެންނާ ސުވާލު ކުރި އެވެ. ”ﷲ ތަޢާލާ އަހަރެންގެ ހަދިޔާ ޤަބޫލު ކުރެއްވި ހެއްޔެވެ؟ އޭރުން އަހަރެން އެކަމާ އުފާފާޅުކުރުމަށްޓަކައެވެ. ނުވަތަ ﷲ ތަޢާލާ އެ ހަދިޔާ އަހަންނަށް ރައްދު ކުރެއްވީ ހެއްޔެވެ. އެހެންކަމުގައި ވާ ނަމަ އަހަރެން އެކަމާ ހިތާމަކޮށް ކަރުނަ އެޅުމަށްޓަކައެވެ.“ އަހަރެން ބުނީމެވެ. ”ﷲ ތަޢާލާ ކަމަނާގެ ހަދިޔާ ޤަބޫލު ކުރެއްވެވިއެވެ. އަދި ކަމަނާގެ ދަރިފުޅު ޝަހީދެއްގެ ގޮތުގައި ޤަތުލުވެދިޔައީ އެވެ.“ މި އުފާވެރި ޚަބަރު ލިބުމާ އެކު އުއްމު އިބްރާހީމް ސަޖިދައަށް ތިރިވި އެވެ. އޭނާގެ ހަދިޔާ ޤަބޫލު ކުރެއްވެވި ކަމަށްޓަކައި ﷲ އަށް ޝުކުރު އަދާ ކުރުމަށެވެ. އަދި ބުންޏެވެ. ”އޭ ﷲ އެވެ! އިބައިލާހަށް ޙަމްދާ ޝުކުރު ހުއްޓެވެ! އަހަރެންގެ ހަދިޔާ ޤަބޫލު ކޮށްދެއްވެވި ކަމަށްޓަކައެވެ.“ އެއާއި ވިދިގެން އައި ދުވަހު އުއްމު އިބްރާހީމް އަހަރެން ގާތަށް މިސްކިތަށް އައެވެ. އަދި އަހަންނަށް ބުންޏެވެ. ”އުފާވެރިކަން ހުއްޓެވެ!“ އަހަރެން ސުވާލު ކުރީމެވެ. ”ކަމަނާ ހިފައިގެން ތިޔަ އައީ ކޮން އުފާވެރި ޚަބަރެއް ހެއްޔެވެ؟“ އުއުމު އިބްރާހީމް ކިޔައިދިނެވެ. ”ރޭގައި ހުވަފެނުން އަހަރެންނަށް އަހަރެންގެ ދަރިފުޅު ފެނުނެވެ. އޭނާ ވީ ރީތިވެގެންވާ ބަގީޗާ އެއްގަ އެވެ. ފެހި ކުލައިގެ ފޭރާމެއް ލައިގެން މުތްތަކުން ވާ ތަޚުތެއްގައި އިންދާ ފެނުނެވެ. އަދި އޭނާގެ ބޮލުގައި ތާޖެއް ވެއެވެ. އޭނަ އަހަރެންނަށް ބުންޏެވެ.“ ”އަހަރެންގެ މަންމާ އެވެ. އުފާ ފާޅު ކުރާށެވެ. މަންމަ އަހަރެން ކައިވެނި ކޮށްދިނުމަށް އެދުނު ކުއްޖާއާ އަހަރެންގެ ކައިވެނި ވެވިއްޖެ އެވެ. ‘“

www.haqqubooks.com

ކުރީގެ ކުލިކްފޯއިސްލާމް ވެބްސައިޓްގެ ލިޔުމެއް

Click4islam




telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page