ޢަދުލުވެރި ޤާޟީ – 2
ބައްޕަގެ ފައިޞަލާ، ދަރިފުޅާ ދެކޮޅަށް…
ޤާޟީ ޝުރައިޙަކީ ތާބިޢީ ބޭކަލެކެވެ. އިސްލާމީ އުންމަތުގެ އެންމެ ހެޔޮވެގެންވީ ޤަރުނުގައި ޢަދުލާ އިންޞާފުން ޙުކުމްކުރެއްވުމުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވާފައިވާ ޤާޟީއެކެވެ. އޭރުގެ މުސްލިމުންގެ މެދުގައި އަމާންކަމާއި ތަނަވަސްކަމާއި ހަމަހަމަކަން ދެމިއޮތުމުގެ ސިއްރަކީ މިފަދަ ބޭކަލުންގެ ތެދުވެރި އިޚްލާޞްތެރި މަސައްކަތްޕުޅެވެ.
އެއްދުވަހަކު ޝުރައިޙުގެ ދަރިކަލުން ދެންނެވިއެވެ. ”ބައްޕާއެވެ! މިއަދު އަޅުގަނޑާ މިވެނި ބަޔަކާ ދެމެދު ކަމެއްގައި ދެބަސްވުމެއް ހިނގައިފިއެވެ. މި މައްސަލަ ނިމޭނީ އަޅުގަނޑާ އެއްކޮޅަށްނަމަ އަޅުގަނޑު މިމައްސަލަ ޝަރީޢަތަށް ހުށައަޅާނަމެވެ. ނަމަވެސް އެމީހުންގެ ކޮޅަށް މައްސަލަ ނިމޭނެ ނަމަ އަޅުގަނޑު އެމީހުންނާ ޞުލްޙަވާނީއެވެ.“ ދެން އެކަންތައް ހިނގައިދިޔަ ގޮތް އޭނާގެ ބައްޕައަށް ކިޔައިދިނެވެ.
ދަރިފުޅުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ޤާޟީ ވިދާޅުވިއެވެ. ”ދާށެވެ! ގޮސް ތިޔަ ބުނާ ބަޔަކު ގޮވައިގެން އަންނާށެވެ!“
ޤާޟީގެ ދަރިކަލުން ވަރަށް އުފަލުން ހުރެ އޭނާގެ ދެކޮޅުވެރީން ގޮވައިގެން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެއްޖެއެވެ.
ޤާޟީ ޝުރައިޙު ކޯޓަށް ވަޑައިގެން ދެފަރާތުގެ ވާހަކަ އަޑުއެއްސެވުމަށްފަހު މައްސަލަ ނިންމެވީ އޭނާގެ ދަރިކަލުންނާ ދެކޮޅަށެވެ.ޤާޟީގެ ދަރިކަލުން ހިތާމަ އާއި މޮޅިވެރިކަމާ ލަދުވެތިކަމާއެކު ޝަރީޢަތުގެ މަޖިލީހުން ނުކުމެގެން ހިނގައްޖެއެވެ. އޭނާގެ ދެކޮޅުވެރީން އެބައިމީހުންގެ ޙައްޤުގައި މައްސަލަ ނިމުނުކަމަށްޓަކައި ވަރަށް އުފާކުރިއެވެ.
ޤާޟީ ގެއަށް ވަޑައިގަތުމުން ދަރިކަލުން ދެންނެވިއެވެ. ”ބައްޕާއެވެ! މިއަދު ބައްޕަ، އަޅުގަނޑު ނިކަމެތިކުރައްވައިފީމެވެ. މިކަމުގައި އަޅުގަނޑު ކުރީން ބައްޕައާއި މަޝްވަރާވެސް ކުރީމެވެ. ދެރަކަމަކީ އަޅުގަނޑު ބައްޕައާއި މަޝްވަރާކުރުމަށްފަހު ޝަރީޢަތަށް ދިއުމަށް މިޞްރާބުޖެހުނީތީއެވެ. އަދި އެންމެފަހުން އަޅުގަނޑާ ދެކޮޅަށް ބައްޕަ ތިޔަ މައްސަލަ ނިންމެވީއެވެ. މީހުން އަޅުގަނޑާ މެދު ހީކުރާނީ ކީކޭތޯއެވެ؟“
ޤާޟީ ވިދާޅުވިއެވެ. ”ލޯބިވާ ދަރިފުޅާއެވެ! ދުނިޔޭގެ އެންމެންނަށްވުރެ ބޮޑަށް ބައްޕަ ދަރިފުޅުދެކެ ލޯބިވަމެވެ. އެކަމަކު ހަނދާންކުރާށެވެ! ބައްޕަގެ ހިތުގައި ﷲ ތަޢާލާ އަށް އޮތް ލޯބި ، ދަރިފުޅުގެ ލޯތްބަށްވުރެ ގަދަވެގެންވެއެވެ. ދަރިފުޅު ބައްޕަ އާއި މަޝްވަރާކުރި ވަގުތު އެމީހުންގެ ޙައްޤުގައި މައްސަލަނިމޭނެކަމަށް ބައްޕަ ބުނިނަމަ، ދަރިފުޅު އެމީހުންނާ ޞުލަޙަވެދާނެކަމަށް ބައްޕައަށް ހީވިއެވެ. އޭރުން ކުށެތްނެތް ބަޔަކަށް އެމީހުންގެ ޙައްޤު ގެއްލޭނެއެވެ. އެހެންކަމުން ޝަރީޢަތުގެ މަޖިލީހަށް އެމީހުން ގެނައުމަށް ދަރިފުޅު ގާތު ބައްޕަ ބުނީ، ޢަދުލާ އިންޞާފުން އެމީހުންގެ ޙައްޤު އެމީހުންނަށް ލިބިދިނުމަށްޓަކައެވެ.
އަދި އެހެން ފަހަރެއްގައި ޤާޟީ ޝުރައިޙުގެ ދަރިކަލުން މީހަކަށް ޖާމިނުވިއެވެ. ނަމަވެސް އެމީހާ ކަނޑައެޅިފައިވާ ވަގުތަށް ކޯޓަށްޙާޟިރުވުމުގެ ބަދަލުގައި ފިލައި ރައްކާވިއެވެ. އެހެންކަމުން އެމީހާގެ ބަދަލުގައި ޤާޟީ އޭނާގެ ދަރިކަލުން ޖަލުގައި ހައްޔަރުކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު އަމިއްލަފުޅަށް ދަރިކަލުންނަށްޓަކައި ޖަލަށް ކާތަކެތި ފޮނުއްވިއެވެ.
*****
މަޞްދަރު: حیاتِ تابعين کے درخشاں پہلو / محمود احمد غضَنفَ
-ރާއްޖެއިސްލާމް-