top of page
Featured Posts
Writer's picture@Zauja Saaliha

ނަޞާރާއިންގެ ދީނީ ޢީދު ( ކްރިސްޓމަސް) ގެ ޝިރުކުގައި ބައިވެރި ވުމުގެ ކުރިން ވިސްނާލާށެވެ.




📌 އޭ ލޮބުވެތި މުސްލިމެވެ . ތިބާއަށް އަމުރުވެވިގެންވަނީ ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމަށެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

(فَٱعۡلَمۡ أَنَّهُۥ لَاۤ إِلَـٰهَ إِلَّا ٱللَّهُ )

ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! [سورة محمد ١٩]

ނަމަވެސް ތިބާގެ ވާޖިބަށް ފަރުވާކުޑަކޮށްގެން ވާޙާލު މީސްތަކުންކުރެ ބަޔަކު لا إله إلا اللّه ދުލުން ކިޔާތީވެ ، ތިބާވެސް އެކަލިމަ ކިޔައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމަށް އިޤުރާރު ވެއްޖައީމެވެ.

( قُلۡ هُوَ ٱللَّهُ أَحَدٌ)

ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. [سورة الاخلاص 1]


ނަމަވެސް ތިބާ އެ އިޤުރާރުވީ ޔަޤީންކަމާއެކުގައި ހެއްޔެވެ؟ ނުވަތަ ތިބާއަށް މިކައުނުގައިވާ އެތައް އާޔަތްތަކެއް ފެނި ތަކުރާރުވަމުން ދާހިނދުވެސް ޝައްކުވަނީތޯއެވެ.

އެހެންކަމަށްވާނަމަ މުޅި ޙަޔާތުގެ އެތައްފަހަރަކު ކީރިތި ޤުރުއާން ކިޔަވައި ހަދާއިރު ތިބާގެ ކިބައިން އެ ޝައްކު ފިލާނުދަނީ ކީއްވެ ތޯއެވެ.

( لَا تَغۡلُوا۟ فِی دِینِكُمۡ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلۡحَقَّ إِنَّمَا ٱلۡمَسِیحُ عِیسَى ٱبۡنُ مَرۡیَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥۤ أَلۡقَىٰهَاۤ إِلَىٰ مَرۡیَمَ وَرُوحࣱ مِّنۡهُۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُوا۟ ثَلَـٰثَةٌۚ ٱنتَهُوا۟ خَیۡرࣰا لَّكُمۡۚ إِنَّمَا ٱللَّهُ إِلَـٰهࣱ وَ ٰ⁠حِدࣱۖ سُبۡحَـٰنَهُۥۤ أَن یَكُونَ لَهُۥ وَلَدࣱۘ )


ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. [سورة النساء 171]


ފަހެ ތިބާ ނުވެސް ދަންނަބަޔަކު ، ތިބާއާއި އެއްވެސް ގޮތަކުން ގުޅުމެއްނުވާ ކުއްޖެއް ގޮވައިގެން އައިސް މީ ތިބާގެ ދަރިއެކޭ ބުނުމުން ރުހޭނެ ހެއްޔެވެ؟ އަދި އެހިސާބުން އެ ކުއްޖަކު ތިބާގެ ދަރިއަކަށް ވާނެ ހެއްޔެވެ؟ ނޫނެކެވެ. ތިބާވެސް ކުރާނީ އިންކާރެވެ.


އޭ ﷲ ގެ އަޅާއެވެ. ތިބާގެ ނަފްސަށް އެކަން އިންކާރު ކުރާއިރު ، އެންމެހައި އުނިސިފަތަކުން ހުސްޠާހިރުވަންތަ ވެގެންވާ އިލާހަށް ދަރިކަލަކު ވާކަމަށް ބުނުމަށް ތިބާ ރުހޭނީ ކޮންފަދައަކުން ހެއްޔެވެ؟ ވީއިރު އެ މުޝްރިކުން ( ނަޞާރާއިން) ގެ ދީނީ ޢީދުގައި ތިބާ ބައިވެރިވާނީ ކިހިނެއް ހެއްޔެވެ؟ އެވަރަކުން ފުދެނީއެއްް ނޫނެވެ. ތަހުނިޔާ އާއި މުބާރަކްބާދީ ( ބަރަކާތްލެއްވުން އެދި ދުޢާކުރުން) އަދާ ކުރަނީއެވެ. އެވަރުންވެސް ނުފުދެއެވެ. އެ މުޝްރިކުންނަށް ވުރެ ކުރިއަށް ނިކުމެ އެމީހުންގެ ޢީދު ފާހަގަ ކޮށްދިނުމަށް ފޫގަޅައި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުގައި ކްރިސްމަސް ގަސް ބަހައްޓައި ތަން ޒީނަތް ކުރަނީވެސް ތިބާގެ އަތުންނެވެ . އަދި އެ ޝިރުކުގެ ޙަފުލާއަށް ތިބާ ޒީނަތްތެރިވެގެން ދަނީ ހިނިތުންވުމާއެކީގައެވެ.


ފަހެ އެއީ ޖަހަންނަމައިގައި ވަރުގަދައަށް އަދަމުންދާ އަލިފާނުގެ ވާދީއެއްގެ ގޮތުގައި ތިބާއަށް ސިފަވާނަމަ ތިބާ އެތަނާއި ކައިރިވެސް ނުވާނެއެވެ. އެހެނަސް މުދަލާއި ފައިސާ (ޑޮލަރު) ތިބާ ހެއްލުންތެރި ކުރުވައިފިއެވެ. އަދި ތިބާއެދެނީ ތިބާގެ ރަހުމަތްތެރީންގެ ގޮތުގައި ތިބި އެހެންދީންތަކުގެ އަހުލުވެރީންނަށްވެސް ، ތިބާ އަކީ ވަރަށް ނައިސް މީހެއްގެ ގޮތުގައި ދެކުމަށެވެ. ނަމަވެސް އެމީހުން ތިބާ އާއި ދޭތެރޭ ދެކެނީ ކާފިރެއްގެ ގޮތުގައެވެ. އެއީ ތިބާ އެމީހުންގެ ދީން ފިޔަވައި އެހެން ކޮންމެ ދީނެއް ޚިޔާރުކޮށްގެން ހުރިހާ ހިނދަކުއެވެ. ހަމައެހެންމެ މި ރިވެތި ސާފު ސާދާ އިސްލާމްދީން ނޫން ދީނެއް ޚިޔާރު ކޮށްގެންވާ މީހަކީ ކާފިރެކެވެ. އެއީ މުސްލިމުންގެ ޢަޤީދާކަން އެކާފިރުންނަށްވެސް ރަނގަޅަށް އެނގެއެވެ. ވީއިރު ތިބާއަކީ ނައިސްމީހަކަށް އެމީހުން ދެކޭނެ ހެއްޔެވެ؟ އެހެނެއްކަމަކު ތިބާ ވަނީ ބޮޑުވެގެންވާ ހެއްލުންތެރިކަމަކުން ހައްލުވާލައިފައެވެ. ތިބާއަށް އެކަން އިޙުސާސްވޭ ހެއްޔެވެ؟

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page