ޢިބްރަތްތެރިި ވާހަކަ/ ޙަޔާތުގެ ދަތުރު
ޙަޔާތުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.
އަޙުމަދު އޭނާގެ އަނބިދަރީން ގޮވައިގެން ދަތުރުކުރަމުން ދިޔައެވެ.
މާދުރަށް ދަތުރުނުކުރެވެނީސް މަގުގެ އެއްފަރާތެއްގައި ކޮޅަށް ހުރި މީހެއް އަޙުމަދަށް ފެނުނެވެ.
އަޙުމަދު، އެމީހާ އާއި ސުވާލުކުރިއެވެ. ”ކަލެއަކީ ކާކު ހެއްޔެވެ؟“
އެމީހާ ޖަވާބު ދިނެވެ. ”އަހަރެންނަކީ ފައިސާއެވެ.“
އަހުމަދު، އޭނާގެ އަންހެނުންނާއި ދަރީންނާ ސުވާލުކުރިއެވެ. ”އަހަރަމެންނާއެކު މީނާ ދަތުރުގައި ބައިވެރިކުރަންވީ ހެއްޔެވެ؟“
އެމީހުން އެއް އަޑަކުން ބުންޏެވެ. ”އާނއެކެވެ! އާނއެކެވެ! އޭރުން އަހަރަމެން ކުރަން ބޭނުންވާ ކަންތައްތަކުގައި ފައިސާއަށް އަހަރަމެންނަށް އެހިތެރިވެވިދާނެއެވެ. އަދި އަހަރަމެން ބޭނުން އެއްޗެއް ގަނެދެވިދާނެއެވެ.“
އެހެންކަމުން އެބައިމީހުންގެ ދަތުރުގައި ފައިސާ ބައިވެރިކުރިއެވެ.
އެބައިމީހުންގެ ދަތުރުގެ ސަވާރީ ކުރިއަށް ދުވަމުންދިޔައެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އަނެއްކާވެސް މަގުގެ އެއްފަރާތުގައި ކޮޅަށް ހުރި މީހަކު ފެނިއްޖެއެވެ.
”ކަލެއަކީ ކާކު ހެއްޔެވެ؟“ އަޙުމަދު ސުވާލުކުރިއެވެ.
”އަހަރެންނަކީ މަތީ މަޤާމާއި ބާރެވެ.“ އެމީހާ ޖަވާބު ދިނެވެ.
އަޙުމަދު، އަނެއްކާވެސް އޭނާގެ ޢާއިލާ އާއި ސުވާލުކުރިއެވެ. ”އަހަރަމެންނާއެކު މީނާ ދަތުރުގައި ބައިވެރިކުރަންވީ ހެއްޔެވެ؟“
އެބައިމީހުން އެއްއަޑަކުން ޖަވާބުދިނެވެ. ”އާނއެކެވެ! އެހެނީ މަތީމަޤާމާއި ބާރު ލިބިއްޖެނަމަ އަހަރަމެން ބޭނުން ކޮންމެ ކަމެއްކުރެވޭނެއެވެ. އަދި އަހަރަމެން އެދޭ ކޮންމެ އެއްޗެއް ޙާޞިލްކުރެވޭނެއެވެ.“
އެހެންކަމުން މަތީމަޤާމާއި ބާރުވެސް އަޙުމަދުގެ ދަތުރުގެ އެކުވެރިޔަކަށް ހެދިއެވެ.
ދެން އަނެއްކާވެސް ސަވާރީ ކުރިއަށް ދުއްވައިލިއެވެ.
އެމީހުންގެ ދަތުރުކުރިއަށް ދިޔަވަރަކަށް ތަފާތު ބާވަތްބާވަތުގެ މިހުންނާ ބައްދަލުވަމުން ދިޔައެވެ. އެއެންމެންވެސް އެމީހުންގެ ދަތުރަށް އިތުރު އުފަލާއި ހިތްހަމަޖެހުމާއި މަޖާތައް ގެނެސްދޭނެކަމަށް ބުންޏެވެ. އަދި ޢާއިލާގެ އެދުމުގެ މަތީން އެ އެންމެންނަކީވެސް އޭނާގެ ދަތުރުގެ އެކުވެރީންކަމުގައި ހަދަމުން ދިޔައެވެ. ދެން އަނެއްކާވެސް މަގުގެ އެއްފަރާތުގައި ހުރި މީހަކު އަތްހޫރާ އެބައިމީހުންގެ ސަވާރީ ހުއްޓުވިއެވެ. އަދި އެބައިމީހުންނާއެކު ދަތުރުގައި ބައިވެރިކުރުމަށް އެދުނެވެ.
އަޙުމަދު ސުވާލުކުރިއެވެ. ”ކަލެއަކީ ކާކު ހެއްޔެވެ؟“
އެމީހާ ބުންޏެވެ. ”އަހަރެންނަކީ ދީނެވެ.“
އެކަމަކު މިފަހަރު ހުރިހާ އެންމެން އެއްއަޑަކުން ބުންޏެވެ. ”ނޫނެކެވެ! ނޫނެކެވެ! މިއީ އަދި ކަލޭ އަހަރަމެންނާ ބައިވެރިވުމުގެ ވަގުތެއްނޫނެވެ. އަހަރަމެންގެ މިދަތުރަކީ އުފާކޮށް މަޖާކޮށްލުމުގެ ދަތުރެކެވެ. ކަލޭ އަހަރަމެންނާ ބައިވެރިވެއްޖެނަމަ އަހަރަމެންގެ މަޖަލަށް ހުރަސްއަޅާނެއެވެ. އަދި އަހަރަމެންގެ މައްޗަށް ބާރު ހިންގާނެއެވެ. އަދި އަހަރަމެންނަށް ކަލޭގެ ވާހަކަ އަޑުއަހަންޖެހޭނެއެވެ. އަދި އެވާހަކަތައް ޤަބޫލުކުރަންޖެހޭނެއެވެ.“
އެހެންކަމުން އަޙުމަދު ބުންޏެވެ. ”އޭ ދީނެވެ! އަހުރެންނަކަށް މިބައިމީހުންގެ ނުރުހުމުގައި ކަލެޔާ އެކުވެރިވެ ދަތުރުގައި ބައިވެރިކުރެވޭކަށްނެތެވެ. ކަލޭ އަދި މަޑުކޮށްލާށެވެ. މިތާގައި އަރާމުކޮށްލަން ހުންނާށެވެ. ހަމަ ޔަޤީނުންވެސް އަހަރެން ވަރަށް އަވަހަށް އެނބުރިއައިސް ކަލޭ ދަތުރުގައި ބައިވެރިކުރާނަމެވެ.“
އެންމެފަހުން ދީން އެތަނަށް ދޫކޮށްލުމަށްފަހު އަހުމަދުގެ ސަވާރީ ކުރިއަށް ދުއްވައިލިއެވެ.
އެހެންނަމަވެސް ހަމަ ތަންކޮޅަކަށްދެވުނުތަނާ އައިނައިތަނެއްވެސް ނޭގި ކުއްލިއަކަށް މަގުމެދުން މީހަކު ފާޅުވެއްޖެއެވެ.
”ހުއްޓޭށެވެ!!!“ އެމީހަކު ގޮވައިލިއެވެ.
އަދި އަތުގެ އިޝާރާތުން ސަވާރީން ފޭބުމަށް އަޙުމަދަށް އަންގަމުންދިޔައެވެ.
އަދި ބުންޏެވެ. ”އޭ އަޙުމަދެވެ! ކަލޭގެ ދަތުރު މިހިސާބުން ނިމުނީއެވެ. ސަވާރީން ފައިބައިގެން އަހަންނާއެކު އަންނާށެވެ!“
އަޙުމަދަށް ލިބުނީ ކުއްލި ސިހުމަކާއި ޙައިރާންކަމެކެވެ.
”ކަލެޔާއެކު އާދެވޭނީ ހަމައެކަނި ދީނަށެވެ. އޭނާ ކޮބައިހެއްޔެވެ؟ ކަލެޔާއެކު އެބަހުރި ހެއްޔެވެ؟؟؟“ އެމީހާ ސުވާލުކުރިއެވެ.
”ނޫނެކެވެ! އެކަމަކު އަހަރެން ދީން ދޫކޮށްލީ މިތަނާ މާދުރަކަށް ނޫނެވެ. ކަލޭ އަހަރެންނަށް އެނބުރި ދިއުމުގެ ހުއްދަދީފިނަމަ ވަރަށް އަވަހަށް އޭނާ ގޮވައިގެން އަތުވެދާނަމެވެ.“ އަޙުމަދު ޖަވާބު ދިނެވެ.
”ނޫނެކެވެ! ތިޔަކަމެއް ފަހަރެއްގައިވެސް ނުވާނެއެވެ. މިހިސާބަށް އައުމަށްފަހު ދެން ފަހަތަކަށް އެނބުރިއެއް ނުދެވޭނެއެވެ.“ އެމީހާ ބުންޏެވެ.
”އާހް!! އަހަރެންގެ އަތުގައި ފައިސާ އެބަހުއްޓެވެ. މަތީ މަޤާމާއި ބާރުވެސް ވެއެވެ. އަހުރެންގެ އަންހެނުންނާއި ދަރީންވެސް އެބަތިއްބެވެ. އެއިން އެކަކަށްވެސް ހަމަ ނާދެވޭނެތޯއެވެ؟“ އަޙުމަދު ރޮއި އާދޭސްކުރިއެވެ.
”އާނއެކެވެ! އެއިން އެކަކަށްވެސް ކަލެޔާއެކު ނާދެވޭނެއެވެ. އެމީހުންގެ ސަބަބުން ކަލެޔަށް ވާނެ އެއްވެސް ފައިދާއެއްނެތެވެ. އެމީހުންނަކަށް ކަލޭ ސަލާމަތެއްނުކުރެވޭނެއެވެ.“ އެމީހާ ޖަވާބުދިނެވެ.
”އެހެންވީއިރު ކަލެއަކީ ކާކު ހެއްޔެވެ؟“ އަޙުމަދު ސުވާލުކުރިއެވެ.
”އަހަރެންނަކީ މަރެވެ. އޭގެ މަތީން ކަލޭ ފަރުވާކުޑަކޮށް ހަނދާންނައްތާލައިފައިވީ މަރެވެ.“ އެމީހާ ޖަވާބުދިނެވެ.
އަޙުމަދަށް ހީވީ ހަތަރުއުދަރެސް ފެނުޖެހުނުހެންނެވެ. އޭނާގެ ގައިގެ ބާރު ދޫވެއްޖެއެވެ. ބަސްހުއްޓިއްޖެއެވެ. އޭނާ ފަސްއެނބުރި އޭނާގެ ޢާއިލާ ކޮބައިތޯ ބަލައިލިއެވެ. އޭނާއަށް ފެނުނީ އޭނާގެ އަންހެނުން ސަވާރީގެ ލަގަނުގައި ހިފައި ދަތުރަށް ފެށިތަނެވެ. އެ ސަވާރީގެ އެންމެންނާއެކުއެވެ. އޭނާ ފިޔަވައެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّـهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُولَـٰئِكَ هُمُ الْخَاسِرُونَ ﴿٩﴾وَأَنفِقُوا مِن مَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ أَحَدَكُمُ الْمَوْتُ فَيَقُولَ رَبِّ لَوْلَا أَخَّرْتَنِي إِلَىٰ أَجَلٍ قَرِيبٍ فَأَصَّدَّقَ وَأَكُن مِّنَ الصَّالِحِينَ ﴿١٠﴾ وَلَن يُؤَخِّرَ اللَّـهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّـهُ خَبِيرٌ بِمَا تَعْمَلُونَ ﴿١١﴾ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް اللَّه ހަނދުމަކުރުމުން ތިޔަބައިމީހުން مشغول ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ.އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި أجل އަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ صدقات ކޮށް، صالح އަޅުންގެތެރެއިން ވާހުށީމެވެ.އަދި اللَّه، އެއްވެސް نفس އެއް، އޭގެ أجل އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (ސޫރަތުލް މުނާފިޤޫން 9 ’ 10 ’ 11)
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެންގެ ޙަޔާތުގެ ދަތުރުވެސް ހަމަ ކޮންމެ ވަގުތަކުވެސް ނިމިދާނެކަން ހަނދާންކުރަމާތޯއެވެ؟ އަދި އެވަގުތު އަޅުގަނޑުމެންގެ އެކުވެރިޔަކީ އަޅުގަނޑުމެންގެ ދީން (ހެޔޮޢަމަލު) ކަމުގައި ހެދުމަށް މަސައްކަތްކުރަމާތޯއެވެ.
*****