top of page
Featured Posts

ޙަޔާތުގެ އެންމެ ފަހު ބަސްތަކަކަށް... ”އަހަރެންގެ ލޯބިވެރިޔާ... އަހަރެންގެ ލޯބިވެރިޔާ...“



އައްޝައިޚް މުޙައްމަދު އަލްޢަރީފީ އަށް، ކެނެޑާގައި ދިރިއުޅޭ މުސްލިމް (ޢަރަބި) ޑޮކްޓަރެއް ކިޔާދިން ކަމަށް، ޝައިޚު ކިއުއްވާ ދެއްވިއެވެ. ’އަހަރެން، ޑޮކްޓަރުކަމުގެ ކޯހުގައި ފުރިހަމަ ކުރަން ޖެހޭ ޢަމަލީ ތަޖުރިބާގެ ބައި ފުރިހަމަ ކުރުމަށްޓަކައި ހޮސްޕިޓަލެއްގައި މަސައްކަތް ކުރީމެވެ. އެއްދުވަހެއްގައި، (އަދައިގެ މަތިން) އަހަރެން އެ ހޮސްޕިޓަލަށް ދިޔައީމެވެ. އަދި” އައި.ސީ.ޔޫ“ (އިންޓެންސިވް ކެއަރ ޔުނިޓް) އަށް ވަނީމެވެ. އަދި އަހަރެންނަށް ކުރަން ޖެހޭ މަސައްކަތް ކަމުގައިވާ، އެތަނުގައި އެޑްމިޓް ކުރެވިފައިވާ މީހުންގެ ޙާލާއި، އެމީހުންގެ ރިޕޯރޓްތައް ޗެކްކުރުން ފަދަ ކަންތައްތައް ކުރަން ފެށީމެވެ. މިހެން މިކަން ކުރަމުންދަނިކޮށް އަހަރެންގެ ނަޒަރު ހުއްޓުނީ އެތަނުން އެނދެއްގައި ބާއްވާފައި އޮތް، ޢުމުރުން އެކާވީސް އަހަރުގެ ފިރހެން ކުއްޖަކަށެވެ. އޭނާގެ ނަމަކީ މުޙައްމަދު އެވެ. އަދި އޭނާގެ ނަމުން އެނގޭ ގޮތުގައި އޭނާ އަކީ މުސްލިމެކެވެ.


އަހަރެން އޭނާ ގާތަށް ގޮސް އޭނާގެ މެޑިކަލް ފައިލް ޗެކް ކުރީމެވެ. އަދި އަހަންނަށް އެގުނު ގޮތުގައި އޭނާއަށް ވަނީ އެއިޑްސް ބަލި ޖެހިފައެވެ. އަދި އޭނާ އެނދުމަތި ކުރެވިފައިވަނީ މޭގެ ބައްޔެއްގެ ސަބަބުން ކަމެވެ. އެންމެނަށް ވެސް އެނގޭނޭ ފަދައިން އެއިޑްސް ޖެހިފައިވާ މީހެއްގެ ދިފާޢީ ނިޒާމުގައި، އެއްވެސް ބައްޔަކުން ދިފާޢު ވުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ. އޭނާއަށް ޖެހިފައިވާ މޭގެ ބަލި ޖެހުމަށް، އަދި އެކަމުން ފަސޭހަ ނުވެ ގިނަ ދުވަސް ވުމަށް މެދުވެރިވާ ސަބަބަކީ އެއީއެވެ. މިބަލި ފިރިހެން ކުއްޖާޔާ ވާހަކަ ދައްކާލުމަށް އަހަރެން ބޭނުންވިއެވެ. އެހެނަސް އޭނާވަނީ ހޭވެރިކަން ގެއްލިފައިވާ މީހެއް ފަދައިންނެވެ. އޭނާގެ ގައިގައި އަޅާ، ކެއް ކުރަން ދަތި، ވޭނުގެ ސަބަބުން ރުއިން ފިޔަވާ އެހެން ކަމެއް އޭނާ ނުކުރެއެވެ. ކޮންމެ އަކަސް އޭނާއާ ވާހަކަ ދެއްކުމަށްޓަކައި، އަހަރެން އޭނާގެ ނަމުން ގޮވާ ސަލާމް ގޮވާ ހެދީމެވެ. އެއިރު އޭނާއަށް ފުންކޮށް މައިނޭވާ ލެވެމުން ވެސް ދެއެވެ. އަނެއްކާ ވެސް އަހަރެން އޭނާގެ ނަމުން (މުޙައްމަދު ... މުޙައްމަދު... މުޙައްމަދު) ގޮވަން ފެށިމެވެ. އެހެނަސް އެފިރިހެން ކުއްޖާ ވަނީ ހަމަހޭވެރިކަމުގައެއް ނޫނެވެ. އެހެންކަމުން އަހަރެން އޭނާއާއި ބެހޭ މަޢުލޫމާތު އޮޅުން ފިލުވުމަށްޓަކައި އޭނާގެ ޢާއިލާ މީހުންނާ ގުޅީމެވެ. އަހަރެން ގުޅުމުން ފޯނަށް ޖަވާބު ދިނީ އެފިރިހެން ކުއްޖާގެ މަންމައެވެ. ސަލާމް ގޮވުމުން، އަހަރެން ސަލާމަށް ޖަވާބު ދިނީމެވެ. އަދި އަހަރެންނަކީ ތިބާގެ ދަރިފުޅު އެނދުމަތި ކުރެވިފައިވާ ހަސްފަތާލުގެ ޑޮކްޓަރެއް ކަމުގައި ބުނީމެވެ. އަދި ތިބާގެ ދަރިފުޅު އުޅެނީ އޭނާގެ ބަލީގެ ސަބަބުން ވަރަށް ވޭން އަޅާތީކަމަށާއި، އަދި އޭނާ ގާތަށް އައުމަށް އަހަރެން ބުނީމެވެ. އެހެނަސް އެކުއްޖާގެ މަންމަ ބުނި ގޮތުގައި އޭނާ އުޅެނީ ވަރަށް ބުރަކޮށްނެވެ. އަދި އޭނާގެ ދަރިފުޅުގެ ގާތަށް ދެވޭނީ މަސައްކަތުން އަވަދި ވުމުން ކަމުގައި ބުންޏެވެ. އެހެންކަމުން، އެކުއްޖާ ގާތަށް އަވަހަށް އައުމަށް ތަކުރާރުކޮށް އަހަރެން ބުނަމުން ދިޔައީމެވެ. މިގޮތަށް އޭނާގެ މަންމަޔާ ވާހަކަ ދައްކަމުން ދަނިކޮށް، އޭނާގެ ހަޑިގަނޑަށް ގުޅާފައިވާ، ހިތުގެ ތެޅުން ހުރިމިންވަރު ދައްކައިދޭ މެށިނުން އެލާރމް އަޅަށް ފެށިއެވެ. އެހެންކަމުން، މަސައްކަތް ނިމިގެން އަންނަން ވެއްޖެ ނަމަ މާ ލަސްވެދާނެކަމަށް އަހަރެން އޭނާގެ މަންމަ ގާތުގައި ބުނީމެވެ. އަދި އަވަސް އަވަހަށް ފޯނު ބާއްވާފައި އެފިރިހެން ކުއްޖާ ގާތަށް ދިޔައީމެވެ. ގޮސް ބެލިއިރު، އެކުއްޖާގެ ވިންދާއި، ނޭވާލުމާއި އަދި ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދައްވަމުން ދިޔައެވެ. އަދި އޭނާގެ ޙާލަތު މަރުވުމާ ގާތަށް ދިޔައެވެ. އެހެންކަމުން އަހަރެން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދިޔައީމެވެ. ކުޑަ ވަގުތުކޮޅެއް ފަހުން އެކުއްޖާގެ މަންމަ އެތަނަށް އަތުވެއްޖެއެވެ. އަހަރެން އެފިރިހެން ކުއްޖާގެ މަންމަ ގާތުގައި އޭނާގެ ނަމަކީ ކޮބައިތޯ ސުވާލުކުރުމުން، ނަމަކީ މުޙައްމަދު ކަމަށް ބުންޏެވެ. އޭނާގެ ޢުމުރަކީ ކިހާވަރެއްތޯ އެހުމުން، 21 އަހަރު ކަމުގައި ބުންޏެވެ. ދެން އޭނާ ނަމާދުކޮށް އުޅުނުތޯ އަހަރެން އޭނާގެ މަންމަ ގާތު އެހުމުން، އޭނާ (ފިރިހެން ކުއްޖާ) އަކީ ނަމާދުކޮށް އުޅޭމީހެއް ނޫންކަމަށް ބުންޏެވެ. އަހަރެން ހައިރާން ކަމާ އެކު އެސުވާލު ތަކުރާރު ކުރުމުން އޭނާގެ މަންމަ ޖަވާބުގައި ހަމަ އެހެން ބުނަމުންދެއެވެ. އަދި އިތުރަށް ބުންޏެވެ. ”އޭނާ ގަސްތުކޮށްފައިވަނީ އޭނާގެ މުސްކުޅި ޢުމުރަށް ދިއުމުން ޙައްޖަށް ގޮސް ޙައްޖުގެ އަޅުކަންއަދާކުރުމަށެވެ . އެއީ އެއަށް ފަހު ތައުބާވެ ރަނގަޅަށް އުޅުމަށެވެ.“ ޝައިޠާނާ އޭނާގެ މި މަޅީގައި ވަރަށް ގިނަ މީހުން ޖައްސައެވެ. އެމީހުންގެ ޅަ ދުވަހުގައި އެމީހުން ބޭނުން ކަމެއް ކޮށް ބޭނުން ގޮތަކަށް އުޅުމަށް ވަސްވާސް ދެއެވެ. އަދި ފަހުން ތައުބާ ވާނީ ކަމުގައި ބުނެދެއެވެ. މިފިރިހެން ކުއްޖާއަށް ވެސް ދިމާވެފައިވަނީ ހަމަ އެހެންނެވެ. ދެން އަހަރެން އޭނާއަށް އެއްވެސް ވަރަކަށް ޤުރުއާން ހިތުން އިނގޭތޯ ސުވާލު ކުރީމެވެ. އެނާގެ މަންމަ ބުނި ގޮތުގައި އޭނާ އަކީ ޤުރުއާން ހިތުދަސްވާން ކީއްކުރަން، ޤުރުއާން އަކުރެއް ކިޔަވާލާ ވެސް ކުއްޖެއް ނޫނެވެ. މިހެން އަހަރުމެން ވާހަކަ ދައްކަން ތިއްބާ ކުއްޖާއަށް ގުޅާފައިވާ މެށިނުން އަޅަމުން ދިޔަ އެލާރމް މާބޮޑަށް ގަދަވާން ފެށިއެވެ. އަހަރެން އަވަސް އަވަހަށް އޭނާ ގާތަށް ދިޔައީމެވެ. އޭރުން އޭނާ ވަނީ މަރުގެ ސަކަރާތުގައި ވާ މީހެއް ފަދައިންނެވެ. އަހަރެން އަނެއްކާވެސް އޭނާގެ ނަމުން ގޮވަން ފެށީމެވެ. އަހަރެން އުޅޭ ގޮތުން ނަރުސް ކުދިންތައް ވެސް ތިބީ ހައިރާން ވެފައެވެ. އަހަރެން މުޙައްމަދަށް ގޮވާފައި ބުނީމެވެ. ”މުޙައްދުއެވެ. ކިޔާށެވެ!......“ އެހެނަސް އެކުއްޖާއަށް ކުކުރުން ފިޔަވާ އެހެން ކަމެއް ނުކުރެވެއެވެ. އަހަރެން ތަކުރާރުކޮށް އޭނާގާތު ޝަހާދަތް ކިއުމަށް ބުނަމުން ދިޔައީމެވެ. ﷲ ގަންދީ ބުނަމެވެ. އަހަރެން މިފަދައިން އޭނާގާތު ބުނަމުން ރޮމުން ދިޔައީމެވެ. އެހެނީ ދެން އޭނާ ސަލާމަތް ކުރެވޭނެ ބޭސްވެރިމަކެއް ފަންޑިތަ ވެރިކަމެއް ނުވާކަން އަހަންނަށް އެނގޭތީ އެވެ. އޭނާގެ ހަށިގަނޑަށް ގުޅާނެ ބޭސްވެރިކަމުގެ އާލާތްތަކުން ކުރާނެ ފައިދާއެއް ނޯންނާނެތީއެވެ. އަދި އޭނާއަށް ހަމައެކަނި ފައިދާ ކުރާނެ އެއްޗަކީ ޝަހާދަތުގެ ދެކަލިމަ ކިއުންކަމުގައިވާތީމެވެ. އަހަރެން އަނެއްކާވެސް ތަކުރާރުކޮށް ބުނަމުން ގެންދިޔައީމެވެ. ”އޭ މުޙައްމަދެވެ. ޝަހާދަތުގެ ދެކަލިމަ ކިޔާށެވެ.“ އަހަރެން ވަރަށް ގިނަ ގޮތްގޮތުން އޭނާ ލައްވާ ޝަހާދަތުގެ ދެކަލިމަ ކިއުއްވުމަށް މަސައްކަތް ކުރީމެވެ. އެހެނަސް އޭނާގެ އަނގައިން ބޭރުވާހަވެސް އަޑަކީ (އާހް... އާހް... އާހް...) ކުކުރުމުގެ އަޑެވެ. ދެން އޭނާ ހިނދުކޮޅަކު ހަމަހިމޭން ވެލިއެވެ. އަދި ދޫ ތަޅުވާ ވާހަކަ ދައްކަން އުޅޭހެން ހީވިއެވެ. އަހަރެން ހީކުރީ އޭނާ ޝަހާދަތުގެ ދެކަލިމަ ކިޔަން އުޅެނީ ކަމަށެވެ. އެހެނަސް އޭނާ ކިޔަން ފެށީ އެހެން އެއްޗެކެވެ. ”އަހަރެންނަކަށް ނުވާނެއެވެ. އަހަރެންނަކަށް ނުކިއުނެވެ. އަހަރެންނަކަށް ނުކިއުނެވެ. އަހަރެން ބޭނުމީ އަހަރެންގެ ލޯބިވެރިޔާ އެވެ. އޭނާ މިތަނަށް އައުމަށެވެ. އޭނާ މިތަނަށް އައުމަށެވެ.“ އަދި އެއަށްފަހު އޭނާ އެކުއްޖަކާ، ކައިވެނި ނުކޮށް، ބަދުއަޚުލާޤީ ޢަމަލުތައް ހިންގަމުން، އެކުގައި އުޅުނު އަންހެން ކުއްޖާގެ ނަމުން ގޮވަން ފެށިއެވެ. އަހަރެންނަށް ކެއްތެރިކަމެއް ނުލިބުނެވެ. ނަފްސު ކޮންޓްރޯލް ނުކުރިވި ރޯންވެސް ފެށުނެވެ. އަދި އަނެއްކާވެސް އޭނާ ގާތު އާދޭސް ކުރަން ފެށީމެވެ. ”މުޙައްމަދެވެ. މުޙައްމަދެވެ. ހެޔޮނުވާނެއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔޭތޯ މަސައްކަތް ކުރާށެވެ.“ އެހެނަސް އޭނާގެ ގޮވުމަކީ ހަމަ އޭނާގެ ލޯބިވެރިޔާ ބޭނުންވާ ވާހަކައެވެ. އެތަނުގައި ހުރި އޭނާގެ މަންމަ ވެސް އޭރުގައި ރޮއެރޮއެ ހުއްޓެވެ. އެތަނުގައި ތިބި ނަރުސްކުދިންތައް ވާނުވާ ނޭނގިފައި ހައިރާން ވެފައި ތިއްބެވެ. އެންމެ ފަހުން އޭނާ (ފިރިހެން ކުއްޖާ) ގެ ވިންދު މުޅިން ހުއްޓި ލޭގެ ޕްރެޝަރު އެއްކޮށް ދަށްވެ، އޭނާޔަށް ގުޅާފައިވާ މެޝިން ހުއްޓުނެވެ. އެހިސާބުން އޭނާ މިދުނިޔެއާ ވަކިވީއެވެ. މަންޒަރު ބަލަން ހުރި އޭނާގެ މަންމަ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގާ ރޯން ފެށިއެވެ. އަދި އެތަނުގައި ތިބި އެހެނިހެން ޑޮކްޓަރުން އެތަނުން ދިޔައެވެ. ހައިރާން ކަންމަތީ ތިބި ނަރުސް ކުދިންތައް އޭރުވެސް ހަމަ ތިބީ އެ ޙާލުގައެވެ.‘ ޢުމުރުން އެންމެ އެކާވީސް އަހަރުގެ އެ ކުއްޖާ ދުނިޔެ ދޫކޮށް ދިޔައީއެވެ. އޭނާގެ ޅަ ޢުމުރާ ޒުވާން ކަމުގެ އެއްވެސް ފައިދާއެއް އޭނާއާ އަކަށް ނުކުރިއެވެ. އޭނާ ތައުބާވެ އިސްލާޙް ވުމަށް އިންތިޒާރު ކުރަމުން ދިޔަ މުސްކުޅި ޢުމުރަކީ އޭނާގެ އަޖަލުގައި ލިޔެވިގެން ވީ ކަމެއް ނޫނެވެ. އޭނާ އަތުގައި ވީ މުދާވެރިކަމާއި މަތިވެރި މަޤާމުގެ އެއްވެސް ފައިދާއެއް ނުކުރިއެވެ.


ކުލިކްފޯއިސްލާމް ކުރީގެ ވެބްސައިޓުގެ ލިޔުމެއް



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page