އަލްޙާފިޡް އިބްނު ކަޘީރު رحمه الله
އެކަލޭގެފާނުގެ ނަންފުޅަކީ: އަބުލް ފިދާ ޢިމާދުއްދީން އިސްމާޢީލް ބުން ޢުމަރު ބުން ކަޘީރު އަލްޤުރަޝީ އަލްބުޞްރާވީ (އެބަހީ: ބުޞްރާއަށް އުފަން) ދިމިޝްޤީ (އެބަހީ: ދިމިޝްޤުގައި ކިޔަވައިވިދާޅުވެ ދިރިއުޅުއްވި) އެވެ.
އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 701 ހ ގައި ބުޞްރާގައެވެ. ބައްޕާފުޅަކީ އޭރު އެއަވަށުގައި ޚުޠުބާދެއްވަން އުޅުއްވި ބޭކަލެކެވެ. އިބްނު ކަޘީރުގެ ޢުމުރުފުޅުން 4 ހަތުރުގައި ބައްޕާފުޅު އަވަހާރަވިއެވެ. އެއަށްފަހު އެކަލޭގެފާނު ބައްލަވައި ކިޔަވައިދެއްވީ ބޭބޭފުޅު ޝައިޚު ޢަބްދުލްވައްހާބެވެ. 706 ހ ގައި، އެކަލޭގެފާނުގެ ޢުމުރުފުޅުން 5 އަހަރުވުމުން ދިމިޝްޤަށް ބަދަލުވިއެވެ.
ޢިލްމު ޙާޞިލުކުރެއްވުން
ހިޖުރައިން 711ހ ގައި ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި ޤިރާއަތްތަކަށް ކިޔަވަން ދަސްކުރައްވާ ތަފްސީރުގައި ކުރިއަރާވަޑައިގަތެވެ. އަދި ހިޖުރައިން 718ހ ގައި ޝާފިޢީ މަޛުހަބުގެ ފޮތެއްކަމުގައިވާ ‘އައްތަންބީހު’ ހިތުދަސްކުރެއްވިއެވެ. އަދި މުޚްތަޞަރު އިބްނު ޙާޖިބުވެސް ހިތުދަސްކުރެއްވިއެވެ.
އެކަލޭގެފާނުގެ ފިޤުހު ކިޔަވާވިދާޅުވީ: ބުރްހާނުއްދީން އަލްފިޒާރީ (އ. 729 ހ) އަރިހުންނެވެ.
އަދި ޖަމާލުއްދީން އަލްމިއްޒީއާއެކު (އ. 724ހ) އެކަލޭގެފާނު ދެމިހުންނެވިއެވެ. އެކަލޭގެފާނުގެ ޢިލްމުފުޅުން އިބްނު ކަޘީރު ފައިދާ ޙާޞިލުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތެވެ. އަދި ޝައިޚުލް އިސްލާމް ތަޤިއްޔުއްދީން ބުން ޢަބްދުލްޙަލީމް ބުން އަބްދުއްސަލާމް ބުން ތައިމިއްޔާ (އ. 728 ހ) ގެ އަރިހުންވެސް ކިޔަވާވިދާޅުވިއެވެ. އަދިވެސް މަޝްހޫރު އިމާމު، އަލްޙާފިޡް، އަލްމުއައްރިޚު ޝަމްސުއްދީން މުޙައްމަދު ބުން އަޙްމަދު ބުން އުޘްމާން އައްޒަހަބީ (އ. 748ހ)ގެ އަރިހުންވެސް ކިޔަވާ ވިދާޅުވިއެވެ.
އިމާމު ޛަހަބީގެ ފޮތެއްކަމުގައިވާ މުޢުޖަމުލް މުޚައްޞަޞްގައި އިބްނު ކަޘީރާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ.
“އެއީ އިމާމުވެރި ފަތުވާދެއްވި ޢިލްމުވެރި ޙަދީޘް ޢިލްމުގެ ފަންނުވެރި ފިޤުހުގައި ފުންނާބުއުސް ތަފްސީރުޢިލްމުގެ ޢިލްމުވެރިޔާއެވެ. އެކަލޭގެފާނުވަނީ ފައިދާހުރި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައެވެ.”
އަދިވެސް އައްދުރަރުލް ކާމިނާގައި އަލްޙާފިޡް އިބްނު ޙަޖަރު އަލްޢަސްޤަލާނީ ވިދާވެޅުފައިވެއެވެ.
“ޙަދީޘް ޢިލްމުގައި އިބްނު ކަޘީރުވަނީ މަތަނާއި ސަނަދާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައެވެ. އެކަލޭގެފާނަކީ ސިކުނޑިރަނގަޅު ސަމާސާކުރެއްވާ އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ ފޮތްތައްވަނީ ޙަޔާތްޕުޅުގައިވެސް އެކިކަންކޮޅުތަކަށް ފެތުރިފައެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް މީސްތަކުންވަނީ އޭގެން ފައިދާ ޙާޞިލުކޮށްފައެވެ.”
ލިޔުއްވާފައިވާ ބައެއް ފޮތްތައް
تفسير القرآن العظيم
البداية والنهاية
تحفة الطالب بمعرفة أحاديث مختصر ابن الحاجب
طبقات الشافعيين
الباعث الحثيث إلى اختصار علوم الحديث
جامع المسانيد والسنن
ޢިލްމުގައި އެކަލޭގެފާނުގެ މަޤާމު
އެދުވަސްވަރުގެ ވަރަށް ގިނަ މަދްރަސާތަކުގައި އެކަލޭގެފާނު ކިޔަވައިދެއްވިއެވެ. އެގޮތުން دار الحديث الأشرفية ، والمدرسة الصالحية ، والمدرسة النجيبية ، والمدرسة التنكزية އަދި والمدرسة النورية الكبرى މިހުރިހާ މަދްރަސާއެއްގައިވެސް ކިޔަވައިދެއްވިއެވެ.
އެކަލޭގެފާނު ނިސްބަތްވާ ފިޤުހީ މަޛްހަބު
އެކަލޭގެފާނު ކިޔަވައި ވިދާޅުވީ އެޒަމާނުގައި އުޅުއްވި ޝާފިޢީ މަޛްހަބުގެ ފިޤުހުވެރިންގެ އަރިހުންނެވެ. ފަހެ އެބޭކަލުންގެ ފޮތްތައް ހިދުވަސްކުރައްވާ އެބޭކަލުންގެ ޢިލްމު ޙާޞިލުކުރެއްވިއެވެ. އަދި ޝާފިޢީ މަޛްހަބުގެ ފޮތްތައްވެސް އެކަލޭގެފާނު ލިޔުއްވިއެވެ. އެދުވަސްވަރު މިޞްރާއި ޝާމްކަރައިގައި ފެތުރިފައިވާ މަޛްހަބަކީ ޝާފިޢީ މަޛްހަބެވެ.
އަވަހާރަވުން
އަލްހާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ.
” އިބްނު ކަޘީރު ލޯފަންވެފައިވަނީ އަވަހާރަވުމަށް ކައިރިވެފައި ވަނިކޮށެވެ. އަވަހާރަވީ ހިޖުރައިން 774ހ ގައި ދިމިޝްޤުގައެވެ.”
މާތް ﷲ އިބްނު ކަޘީރަށް ހެޔޮ ރަޙްމަތްލައްވައި އެކަލޭގެފާނު ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ލައްވާނދޭވެ!
Download