ބައެއް މީހުން ހުތުރު ވަނީ ކީއްވެބާ؟
رَقَائِق (ހިތްތައް މަޑުމޮޅިކުރުން) ގެ ތެރެއިން...
ޝެއިޚުލް އިސްލާމް އިބްން ތައިމިއްޔާ (رحمه الله) 1328 މ. / 728 ހ.
- ވަރަށް ގިނަ މީހުން، އެމީހުން ކުޑަކުދިންގެ ގޮތުގައި ތިބޭ ހިނދު، އެކުދިން އެހާ ރީތިވެ އުޖާލާ ވަނީ ކީއްވެކަމާއި މެދު، ތިބާއަށް އެއްވެސް ވަރަކަށް ފިކުރު ކުރެވޭ ހެއްޔެވެ؟ ނަމަވެސް އެކުދީން ބޮޑެތިވުމުން އެ މައުސޫމްކަމާއި ރީތިކަން ގެއްލިގެން ދެއެވެ؟ އާއެކެވެ. އޭގެ އެއްވެސް އަޡަރެއް ނުހުރެއެވެ. ޝެއިޚުލް އިސްލާމް އިބްން ތައިމިއްޔާ (رحمه الله) މީގެ ސަބަބު ބަޔާން ކޮށްދެއްވިއެވެ.:-
ތެދުވެރި އަދި ތަޤްވާވެރި މީހާގެ މޫނު މަތީގައިވާ އުޖާލާކަމުން އޭނާގެ ތެދުވެރިކަން ފެންނަން ހުރެއެވެ. އަދި އޭނާގެ ތެދުވެރިކަން އޭނާގެ މޫނުގެ ކުލަވަރުން އެނގެން ހުރެއެވެ. އެއާއި އިދިކޮޅަށް ވަނީ ފާފަވެރި ދޮގުވެރި މީހާއެވެ.
މީހާ އުމުރުން ދުވަސްވާ ވަރަކަށް މި ނިޝާންގެ ފާޅުކަން ބޮޑުވެގެން ދެއެވެ.
އެހެން ކަމުން ކުއްޖަކު އޭނާގެ ޅައުމުރުގައި ވަރަށް އުޖާލާ މޫނެއް ހުރެފައި، އެކަމަކު އޭނާ ފާފަވެރި މީހަކަށްވެ ފާފަ ކުރުމުގައި ދެމިހުރުމުން އޭނާގެ ޙަޔާތުގެ ފަހު ބައިގައި އޭނާގެ މޫނު ހުތުރު މޫނަކަށް ވެއެވެ. އަދި މީގެ އިދިކޮޅަކީ ވެސް ހަމަ ހަޤީޤަތެކެވެ.
އިބްން ޢައްބާސް (رضي الله عنه) ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. "ހަމަކަށަވަރުން ތަޤްވާވެރިކަން ހިތް އަލިކޮށްލައެވެ. އަދި މޫނު އުޖާލާކޮށްދެއެވެ. ހަށިގަނޑު ވަރުގަދަ ކޮށްދެއެވެ. ރިޒްޤު އިތުރުކޮށްދެއެވެ. އަދި އޭނާއާއިމެދު ޚަލްޤުތަކުންގެ ހިތްތަކުގައި ލޯބިވެތިކަން އުފައްދައެވެ."
އެއާއި ޚިލާފަށް ފާފަވެރިކަން ހިތް އަނދިރިކޮށްދެއެވެ. މޫނު އަޅިވެގެން ދެއެވެ. ހަށިގަނޑު ނިކަމެތިވެދެއެވެ.އަދި ޚަލްޤު ތަކުންގެ ހިތްތަކުގައި އޭނާއާއިމެދު ރުޅިވެރިކަން އުފައްދައެވެ.
މީހާއަކީ ގަސްތުގައި ދޮގުހަދާ މީހަކަށް ނުވެދާނެއެވެ. އަދި އޭނާއަކީ އަޅުކަމުގައި ގަދައަޅާ މަސައްކަތް ކުރާ އަދި ޒާހިދު (ޙަލާލް ކުރެވިގެންވާ ދުނިޔެވީ އުފާތަކުން އެއްކިބާވާ) މީހަކަށް ވެދާނެއެވެ. އެހެން ނަމަވެސް އޭނާ ﷲ އާއި، އޭނާގެ ދީނާއި، އޭނާގެ ރަސޫލާ (صلى الله عليه وسلم) އާއި ނުވަތަ ﷲގެ ތަޤްވާވެރި އަޅުންނާއިމެދު ނުރަނގަޅު ނުވަތަ ބާޠިލް އަޤީދާއެއް ގެންގުޅެފާނެއެވެ. އަދި އެތެރޭގައިވާ އެއްޗެއްގެ ސަބަބުން ބޭރުފުށުގައިވާ އެއްޗަކަށް އަސަރުކުރާނެއެވެ.
އެހެން ކަމުން އޭނާ މި ނުބައި ބާޠިލް އަޤީދާގެ ފިކުރުގެ އަނދިރިކަން އޭނާގެ މޫނު މަތިން ފެންނަން ހުރެއެވެ. އަދި އޭނާގެ މޫނުމަތީގެ އަނދިރިކަން ބިނާވެގެންވަނީ ބާޠިލްކަން އެކުލެވިގެންވާ މިންވަރަކަށެވެ.
ޢުޘްމާން ބިން އައްފާން (رضي الله عنه) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. "އެއްވެސް މީހަކަށް އެމީހެއްގެ ކިބައިގައިވާ ނުބައިކަން ވަންހަނައެއް ނުކުރެވޭނެއެވެ. އޭނާގެ މޫނުމަތިން ފެންނަ ފެނުމުންނާއި އޭނާގެ ދުލުން ބޭރުކުރާ ބަސްތަކުން ﷲ ތަޢާލާ އެކަން ދައްކަވާނެއެވެ."
މިހެން ކަމުން ބައެއް ސަލަފުން ވިދާޅުވެއެވެ. "ބިދުޢަ ވެރިއަކު އޭނާގެ ތުބުޅި ކޮންމެ ދުވަހަކު ޑައި (ރަތް) ކުރާ ނަމަ ޑައި ކުރުމުގެ ބިދުޢަ އޭނާގެ މޫނު މަތިންވެސް ފެންނަން ހުންނާނެއެވެ."
މިކަން ޤިޔާމަތް ދުވަހުން ވަރަށް ސާފްވެގެންވާނެއެވެ. އެހެނީ ﷲ ވަޙީ ކުރެއްވިއެވެ.
وَيَوْمَ الْقِيَامَةِ تَرَى الَّذِينَ كَذَبُوا عَلَى اللَّهِ وُجُوهُهُمْ مُسْوَدَّةٌ أَلَيْسَ فِي جَهَنَّمَ مَثْوًى لِلْمُتَكَبِّرِينَ
"ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އާއިމެދު ދޮގުހެދި މީހުންގެ މޫނުތައް އަނދިރިވެގެންވާތީ ތިބާ ދެކޭނެއެވެ. ކިނބުރު ވެރިންނަށް ނަރަކާގައި ޖާގައެއް ނުވޭހެއްޔެވެ؟" (ސޫރަތުއް ޒުމަރް:60)
ﷲ ތަޢާލާ އަދިވެސް ވަޙީ ކުރެއްވިއެވެ.
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُمْ بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ
"އެއީ މޫނު ތަކެއް އަލިވެ، އަދި މޫނުތަކެއް އަނދިރިވެގެންވާ ދުވަހެވެ. އަދި އެބައެއްގެ މޫނުތައް އަނދިރިވެގެންވާ މީހުންނަށް ބުނެވޭނެއެވެ. [ތިޔަބައިމީހުން އީމާން ވުމަށްފަހު ކާފިރު ވީހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ކާފިރުވިކަމަށްޓަކައި (ހުރި) ޢަޒާބުގެ ރަހަ ތިޔަބައިމީހުން ލިބިގަނަނާށެވެ!] (ސޫރަތު އާލް ޢިމްރާން:106)
މި އާޔަތާއި މެދު އިބްން ޢައްބާސް (رضي الله عنه) އާއި އެހެން ބޭކަލުން ދެންނެވިއެވެ. [އުޖާލާ މޫނުތަކަކީ ސުންނަތުގެ އަހުލުވެރީންގެ މޫނުތަކެވެ. އަދި އަނދިރި މޫނުތަކަކީ ބިދުޢަ ވެރިންނާއި ފިރުޤާތަކުގެ މީހުންގެ މޫނުތަކެވެ."
www.haqqubooks.com
ކުރީގެ ކުލިކްފޯއިސްލާމްގެ ވެބްސައިޓްއިން ނެގިފައި
08 އޮކްޓޯބަރު 2009
Click4islam
'އައް-ޖަވާބުއް-ޞަޙީޙް' ( ވޮލިއުމް. 4 ، ޞަފްޙާ. 307 306 )