ކަލަކުވޭހެއްޔެވެ؟1
އާކިއޮލޮޖިސްޓުން ސަހަރާތެރޭގައި އަދިވެސް އެނޫން ތަންތަން ކޮނެގެން ތަފާތުތަކެތި ހޯދައެވެ. އެގޮތުން އެބައިމީހުން ކުޑަޕޮޓެއް ނުވަތަ އެނޫންވެސް އާލާތްތައް ހޯދައެވެ. އަދި އެ އާލާތްތައް ތަޙުޤީޤުކުރުމަށްފަހު އެއީ މީގެ އެތައް ޤަރުނެއް ކުރިން ކޮންބަޔަކު ކޮންތާކު ބޭނުންކުރި އެއްޗެއްކަން އެމީހުން ބަޔާންކޮށްދެއެވެ.
އަދި އެއުފެއްދި މީހުންގެ ވައްތަރާއި އެއީ ކޮން ޙަޟާރާތެއްކަމާއި އެމީހުން އުޅުނީ ކޮންހިސާބެއްގައިކަން އެމީހުން ބުނެދެއެވެ. އަދި އެ ކުލޭޕޮޓް ހަދާފައިވާ ވަގުތާއި ހަދާފައިވަނީ ކޮންފިނި ހޫނުމިނެއްގައި ކަމާއި އެހެދުމަށް ބޭނުންކުރި މާއްދާތަކާއި ޕޮޓް ހެދި މީހުންގެ ކުޅަދާނަކަންވެސް ބަޔާންކޮށްދެއެވެ. އެއީ ހަމައެކަނި ސަހަރާތެރޭން ވަޅުލެވިފައިވާ ކުޑައެތިކޮޅަކުން އެމީހުންނަށް ހޯދުނުހާ މަޢުލޫމާތެވެ.
ތިބާގެ ސިކުނޑިން މިކަމާމެދު ނިކަން ފުންކޮށް ވިސްނާލައްވާށެވެ. އާކިއޮލޮޖިސްޓުންނަށް އެމީހުން ހޯދި ޢާލާތްތައް ހެދި ޙަޟާރާތް ފެނުނު ހެއްޔެވެ؟ އަދި އެ ޙަޟާރާތްވާކަން އެމީހުންނަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟
އެމީހުންނަށް އެޙަޟާރާތް ވާކަން އެނގުނީ އެމީހުންނަށް ފެނުނު ތާރީޙީ އެތިކޮޅުންނެވެ. އެމީހުންނަށް ފެނުނު އެތިއޮތީ މީހަކުއުފައްދާފައި އޮތް އެއްޗެއްކަމާއި އެބައްޓަންކޮށް އެޔަށް ބަނޑިބަނޑި ލައްވައި އެހެދުމުގެ ހުނަރު ލިބިފައި ހުރި މީހަކު ހެދިއެއްޗެއްކަން އެމީހުންނަށް އެނގުނީ އެތާރީޚީ އެތިކޮޅުންނެވެ. އަދި އޭގެ އިތުރުން އޭނާއަށް ފެނުނުއެތި ތަރައްޤީކޮށް އެއީ ރީތިއެއްޗަކަށް ހެދުމުގެ ބާރުވެސް އޭނާއަށް ލިބިފައިވެއެވެ .
އާރކިއޮލލޮޖިސްޓުން އޭނާއަށް ފެނުނު އެތީފގެ ޒަރީއާއިން އޭނާއަށް ފެނުނު އެތީފެ ޒަރީއާއިން އެއާލާތެއް ހާދާފައިވާ ޙަޟާރާތްވާ ކަމާމެދު އެއްވެސް ޝައްކެއްނުކުރާނެއެވެ. އެއީ އޭނާއަށް ފެނުނު ހެކީގެ ސަބަބުންނެވެ. އަދި އެހެދި މީހުންގެ ވިސްނުމުގެ ބާރާއި ތަކެތި އުފެއްދުމުގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އޭނާއަށް ވަޒަންކުރެވޭފަދަ އާލާތެއް އޭނާއަށް ފެނުމުންނެވެ. ބަލާށެވެ. ތިބާގެ ހަތަރުފަރާތަށް ބަލާށެވެ. ސަނީ ސައިޑުކަމަށް ބުނާ މިރާއްޖޭގެ އިރުއޮއްސޭ ހިތްގައިމު މަންޒަރު ތިބާ ނުދެކެމުހެއްޔެވެ؟ މުރިނގުން އަރާ އެރީތި ހިތްގައިމު ސާދަވިލޭރޭގެ ހަނދު ތިބާ ހަމަ ނުދެކެމުހެއްޔެވެ؟ މާލޭ ދެކުނު ފަރާތު ރާޅުގަނޑުން ނަގާ ހިތްގައިމު ރާޅުތައް ހޮޅިލާފައި މުގުރަމުން ފޮނުނަގަމުން އައިސް ގާގަނޑުގެ މައްޗަށް މުގުރައިލާ މަންޒަރު ހަމަ ނުދެކެމުހެއްޔެވެ؟ މިރާއްޖޭގެ މޫދުއަޑީގައިވާ މުރަކައިގެ ބަގީޗާތަކުގެ ހިތްގައިމު ކަމާއި ޗާލޫކަމުގެ ވާހަކަ ނާހާނަމަ ތިބާ ދިވެއްސަކަށް ވާކަމާއި މެދުވެސް ޝައްކެވެ. އަދި މިރާއްޖޭގެ އެކިރަށްތަކާއި އެކި ގޮނޑުދޮށްތަކުގައި ހެދޭ ތަފާތުގަސްތައް ކުޑަ އޮށެއްގެ ޒަރީއާއިން ފަޅައި ހެދެމުންދާ މަންޒަރު ތިބާއަށް ހަމަ ނުފެނޭހެއްޔެވެ؟ . ވިސްނާށެވެ. ތިބާއާއި މެދު ވިސްނާށެވެ. އެދެލޮލުން ބަލާލޮލާއި، އެދެކަންފަތުން އަޑުއަހާ ދެކަންފަތާއި، ދެއަތާއި ދެފަޔާއި ، ގުންކިޔާފައި ވިންދު ޖަހަމުންދާ ތިބާގެ ހިތާއި ސިކުނޑިއާއި އަދިވެސް އެނޫން އަޖައިބުކުރަނިވި ގޮތްގޮތަށް މސައްކަތްކުރާ ގުނަވަންތަކާއިމެދު ވިސްނާލާށެވެ. މިހުރިހާ އެއްޗެއް އެހާ ފުރިހަމަކަމާއެކު އެއްވެސް ބުރޫއެރުމެއްނެތި މަސައްކަތްކުރާ ގޮތާ މެދު ވިސްނާލާށެވެ. ތިބާ ފޭސްބުކަށް ވަންނަ އިރު ދެއަތާއި ދެލޮލާއި ދެކަންފަތް ފޭސްބުކުގައި ބޭނުންކުރާގޮތާ މެދު ނިކަން ވިސްނާލާށެވެ. އަދި ތިބާގެ އެހެނިހެން ގުނަވަންތައް ތަފާތު އެކިވަގުތުތަކުގައި އެވަގުތަކާއި ގުޅޭގޮތުން އެކި ބޭނުންތައް ކުރަމުންދާ ދިޔުމާމެދު ވިސްނާލުން ކިހިނެއްވާނެބާއެވެ. އެއް ގުނަވަނަކުން އަހަރެމެން ތަފާތު އެތައްކުރަމެވެ. ރަހަބެލުމާއި ވާހަކަދެއްކުމާއި އަކުރުތަކުގެ އަޑުނެރުން މިއީ އަދި އެންމެ ގުނަވަނަކުން ކުރާހާ ކަންތައްތަކެވެ. އަދި އެހެން ގުނަވަންތަކާއި މެދު ނިކަން ފުންކޮށް ވިސްނާލާށެވެ. މިކާއިނާތުގައި ހިނގަމުންދާ ދައުރުވުންތަކުން ފެށިގެން ކުދިކުދި ޒައްރާތަކުގެ ހިނގުމާއި ހިސާބަށް، ބޮޑެތި ޖަނަވާރުތަކުގެ ތިމާވެށިން ފެށިގެން އެތަކެތީގެ ޑީ.އެން.އޭއާއި ހިސާބަށް މިހުރިހާ ކަމެއް ހާމަކޮށްދެނީ މިހުރިހާކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ވަރުގަދަ ޙިކުމަތްތެރިކަމާއި ބާރުގަދަ ރޭއްވުންތެރި ޢިލްމުވެރި ކުޅަދާނަ މޭސްތިރިއެއްވާކަމެވެ. އަދި މިކައުނާއި މުޅި މި ކާއިނާތު ހިންގާ ބާރެއް ވާކަމެވެ. ވިސްނާ ފިކުރުކުރާ މީހަކަށް މިހުރިހާ އުފެއްދެވުންތަކެއްގެ ފަހަތުގައި މޭސްތިރިއެއް ވާކަމާއި އެފަރާތުގެ ޙިކުމަތްވަންތަ ކަމާއި އަދި އެފަރާތެއްގެ ޢިލްމުފުޅުގެ މަތިވެރިކަން ފެންނަމުން މިދަނީ އެފަރާތަކުން އުފައްދަވާފައިވާ ތަކެތީގެ ޒަރީއާއިންނެވެ. ވަރަށް ގިނަ މީހުން ތަބީއީގޮތުން އިލާހަކުވާކަން ދެނެގަނެއެވެ. އާންމުކޮށް ހުރިހާ ދީންތަކަކާއި އަދި ހުރިހާ ސަޤާފަތްތަކެއްގައި މިކަންވަނީ މިހެންނެވެ. ދީން ގަބޫލުނުކުރާ މުލްހިދުންނާއި (އެތީސްޓުން) އަދި ސައިންސުވެރިންވެސް މިކަން ދެނެގަނެއެވެ. ނަމަވެސް ހެއްދެވި ފަރާތް މި ލަފުޒު ބޭނުން ކުރުމުގެ ބަދަލުގައި އެބައިމީހުން އެހެން ލަފުޒެއް ބޭނުންކޮށްލައެވެ. މިސާލަކަށް " ތަބީޢަތުގެ މަންމަ" ނުވަތަ ޤުދުރަތުގެ އަޖައިބުކަން ފަދަ ނަމަކުން ހެއްދެވި ފަރާތަކަށް މުޚާތަބުކޮށް އެބައިމީހުން ކަލަކުވާކަން ގަބޫލުކުރުމުން ބަރީއަވެގަނެއެވެ. މިކަމުން މީސްތަކުން އަޖައިބުކުރުވާ ކަމަކީ މިބައިމީހުން މިކަމަށް އިންކާރު ނުކުރާ އިރު ހެއްދެވި އިލާހެއްވާކަމަށް ޤަބޫލުނުކުރާ ނުކުރުމެވެ. ގިނަ ފަހަރަށް ސަބަބަކަށް ވަނީ ދުނިޔޭގެ މާއްދީ ދިރިއުޅުމުގައި ކަންނެތްކަމާއި އެކު ދެމިހުރުން ފިޔަވައި އެހެންކަމެއް ނޫނެވެ. އޭރުން އެއްވެސް އަޅުކަމެއް ކުރާކަށް ނުޖެހޭނެއެވެ. އަދި އެއްވެސް ކަމަކުން މަނާވެގެން ހުރުމަށް ބަހަނާއެއް ނޯންނާނެއެވެ. އަނެއް ސަބަބަކީ ބައެއް މީހުން ޤަބޫލުކުރަނީ މިދުނިޔޭގައި އުޅެފައިވާ ފަރާތްތަކަކީ ކަލާންގެކަމަށެވެ. މިފަދައިން ޤަބޫލުކުރާ މީހުން ވިސްނަން ވީ މިހުރިހާ ކަމެއް އުފެއްދެވި އިލާހު އާދައިގެ އިންސާނަކަށް ވެގެން އައިސް ނުވަތަ އެނޫންގޮތަކަށްވެގެންވެސް އައުމަކީ ބުއްދިޤަބޫލުކުރާ ކަމެއް ނޫންކަމެވެ. ސަބަބަކީ މިސާލަކަށް ކުރިސްޓިއަނުން ގަބޫލުކުރާ ފަދައިން ޢީސާގެފާނު ކަލާންގެ އެއްކަމުގައި ވާނަމަ އެކަލޭގެފާނު އަމިއްލައަށް އެކަލޭގެފާނަށް އަޅުކަންކުރައްވަފާނެބާވައެވެ؟ އަދި އެކަލޭގެފާނަށް އަޅުކަން ކުރުމަށް އެކަލޭގެފާނު ވިދާޅުވެފައި ނުވާއިރުވެސް އެކަލޭގެފާނަށް ބައެއްމީހުން އަޅުކަން ކުރަމުން ދިޔުމަކީވެސް މިކަމުގެ ހަމަނުޖެހޭ ކަމުގެ ހެއްކެކެވެ. އަހަރެމެން ހެއްދެވިފައިވަނީ އަހަރެމެންގެ މައިންގެ ރަޙިމުގެ ތެރެއަށް އޮހިގެންދާ ފެންތިކިތަކަކުން ކަމާއި އަދި މަންމަގެ ރަހިމުގެ ބަނޑުގައި ގަރުބަގަތުމަށްފަހު ކުޑަކުއްޖެއްގެ ގޮތުގައިއެއްވެސް ބާރެއްނެތި ކުޑަކަމާއި ބޮޑުކަމު ، ދެކަމު ދެވެމުންދާ ހާލުގައި ކަމާއި އަދި ކާ އެއްޗެއް ބޯ އެއްޗެއް ނުލިބިއްޖެނަމަ އަހަރެމެން މަރުވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ވީމާ މިއީ އެއްވެސް ހާލެއްގައި އިލާހަކަށް ނިސްބަތްކުރަން ހެޔޮވާފަދަ ސިފަތަކެއް ނޫންކަން އަހަރެމެންނަށް އެނގެއެވެ. ހެއްދެވިފަރާތަކަށް މި ސިފަތަކެއް އެކަށީގެނެއް ނުވެއެވެ. ވީމާ އިންސާނުންނަށް އަޅުކަން ކުރާ ފަރާތްތަކުން މިކަމާއި މެދު ފުންކޮށް ވިސްނާލުން ކީއްތޯއެވެ؟ ނުނިމޭ ހަވާލާ: މިއީ ޙަރަމައިން ފައުންޑޭޝަނުން ނެރެފައިވާ ލީފުލެޓް "ކަލަކުވޭތަ؟" މި ލިޔުން އަސްލަކަށް ބެލިގެން ލިޔެވިފައިވާ ލިޔުމެކެވެ.
މިލިޔުންނެގިފައިވަނީ أبو عبد الله عبدالرحيم المدني | ގެ ބުލޮގުންނެވެ.