top of page
Featured Posts

އޭ ޢާލަމްތަކުގެވެރި ރަޙުމާންވަންތަ ރަޙީމްވަންތަ އިލާހެވެ



އިބަﷲ ގެ މަތިވެރި އިސްމުފުޅުތަކުން އިބަﷲއަށް ޘަނާ ދަންނަވަމެވެ. އިބަ އިލާހު ދެއްވި ނިއުމަތްތަކަށް ޝުކުރުކުރާ ހާލު އިބަ ﷲ ދެއްވި ބަހުގެ ނިޢުމަތުން މިއަޅާއަށް އެނގުނު އެންމެ ފުރިހަމަ ބަސްތަކުން ފަރިޔާލުކޮށް އިބަﷲ ޙަޟްރަތުގައި ދަންނަވަމެވެ. އޭ ރަޙުމާންވަންތަ އިލާހެވެ. މިދުނިޔެމަތީގައި މީސްތަކުން އިބަ ﷲގެ ޤާނޫނަށް ފުރަގަސްދެމުންދަނީއެވެ. މިދުނިޔެމަތީގެ އަހުލުވެރިން އިބަﷲ ފޮނުއްވި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތުގެ ޤަދަރުކުޑަކޮށްފިއެވެ. އިބައިލާހު ފޮނުއްވި މާތް ރަސޫލާގެ ސުންނަތް ދޫކޮށްލުމަށް އެބައިމީހުން ބާރު އެބައަޅައެވެ.

އިބަ އިލާހު ފުރިހަމަކުރެއްވިކަމަށް އެންގެވި ދީން ބަދަލުކުރުމަށް އެބައިމީހުން އެބަ މަސައްކަތް ކުރެއެވެ. އިބަ އިލާހުގެ ޤާނޫނާއި އިބައިލާހު ފޮނުއްވި މާތް ރަސޫލާގެ ބަސްފުޅުތަކަކީ މުސްކުޅި އެއްޗެއްކަމުގައި އެބައިމީހުން އެބަބުނެއެވެ. އިބަ ﷲ ގެ ދީން ހިމާޔާތްކުރާ މީސްތަކުންގެ ތެރެއިން އަޅުގަނޑުމެން ލައްވާށިއެވެ. އޭ ރަޙީމްވަންތަ ރައްބެވެ މިނިކަމެތި އަޅުގަނޑުމެން އިބަﷲގެ ކިބައިން މިފަދަ ނުބައި ޢަމަލުތަކުން ރައްކާތެރިކަން އެދެމުއެވެ. ހަމަކަށަވަރުން ސަލާމަތްކަމެއް އިބަﷲ ދެއްވި ފަރާތަކަށް މެނުވީ ނުވެއެވެ. އަޅަމެންނަކީ ބިދުޢަވެރިންގެ ތެރެއިން ވާ ބަޔެއްކަމުގައި ނުލައްވާންދޭވެ. ބިދުޢަވެރިންގެ މައްޗަށް ގަދަވެގެންވާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާންދޭވެ. އަޅަމެންނަކީ ޒަމާނުގެ "ޒަމާނީން" ގެ ނަމުގައި އިބަﷲ ބާވައިލެއްވި ފޮތް ދޫކޮށްލާ ބަޔެއްކަމުގައި ނުލައްވާންދޭވެ. އަޅަމެންނަކީ އިބަﷲ ފޮނުއްވި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދޫކޮށްލާ މީހުންގެ ތެރެއިން ނުލައްވާންދޭވެ. އަޅަމެންނަކީ ނަޖާ ނުވާނޭ މަގުގެއްލިގެންވާ މުސްލިމު ޖަމާޢަތްތަކުގެ ތެރެއިން ވާ ބަޔެއްކަމުގައި ނުލައްވާންދޭވެ. އޭ ޢާލާމްތަކުގެ ވެރިރައްބެވެ. މުޅި ކާއިނާތުގެ ވެރިރައްބެވެ. އަޅަމެން އަޅުކަންކޮށް އެހީއާއި މަދަދަށް އެދެނީ އިބަ ﷲގެ ފަރާތުންނެވެ. އަޅަމެންނަށް ހިދާޔަތުދައްކަވައި ހެޔޮވެގެންވާ މަގަށް މަގުދެއްކެވުން އެދެނީ އިބަ ﷲ ގެ ފަރާތުންނެވެ. އަޅަމެން ޝައިތާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދެނީވެސް އިބަﷲ ގެ ޙަޟްރަތުންނެވެ. އަޅަމެންނަކީ ޔަހޫދީންނާއި ނަޞާރާއިން ފަދައިން ހެޔޮމަގެ އެނގުމަށްފަހު ކާފިރުވެގަންނަ ބަޔެއްކަމުގައި ނުލައްވާންދޭވެ. އަޅަމެންގެ ހުރިހާކަމެއް އިބަﷲ އާއި ވަކީލުކުރާ މީހުންގެ ތެރެއިން ލައްވާންދޭވެ. އޭ ޤިޔާމަތްދުވަހާއި ހުރިހާ ތަކެއްގެ ވެރި ޖައްބާރުވަންތަ އިލާހެވެ. އަޅަމެން ފާލުބަލާ ދުނިދަނޑިއުކައި ސިހުރުހަދާ މީހުންގެ ތެރެއިން ނުލައްވާންދޭވެ. އަޅަމެންނަކީ މުސްތަޤުބަލުގައި ވާނެކަންތައްތައް ހޯދަން އަތްބަލައި ތަރިތަކަށްބަލައި ހަދާ ބަޔެއްކަމުގައި ނުލައްވާންދޭވެ. އަޅަމެންނަކީ ޤަބުރަށް އަޅުކަންކޮށް ޤަބުރަށް ދުޢާކޮށް ހަދާބަޔެއްކަމުގައި ނުލައްވާންދޭވެ. ހުރިހާ ބާވަތެއްގެ ޝަރީކުކުރުމަކުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވައި ޝަރީކުކުރަން ގޮވާލާ މީސްތަކުންގެ މައްޗަށް އަޅުގަނޑުމެން ގަދަކުރައްވާންދޭވެ. ހިދާޔަތު ދެއްކެވުމާއި މަގުފުރެއްދުން ވަނީ އިބަﷲއަށެވެ. އިބަ ﷲ ބޭނުންވެ ވޮޑިގެންވާ އަޅަކަށް ތެދުމަގު ދައްކަވުނޫންތޯއެވެ؟ އިބަ ﷲ ބޭނުންވެވޮޑިގެންވާ އަޅަކު މަގުފުރައްދަވަމުއެވެ. އަޅަމެންނަކީ އިބަﷲ ގެ ފުޅާވެގެންވާ މަތިވެރި ރަޙުމަތުން ތެދުމަގު ދައްކަވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބަޔެއްކަމުގައި ލައްވާންދޭވެ. އަޅުގަނޑުމެންގެ މައިންބަފައިންގެ ފާފަފުއްސަވައި ކަންކަން އިސްލާހު ކުރާ މީހުންގެ ތެރެއިން އަޅުގަނޑުމެން ލައްވާންދޭވެ. އޭ އެއްކައުވަންތަ ސަމަދުވަންތަ އިލާހެވެ. އިބަ އިލާހު ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އިބައިލާހަށް އުފަންވުމެއް ދަރިކަލަކު އަދި ބައިވެރިއެއް ނުވެއެވެ. އިބަ އިލާހަކީ އެއްވެސް ފަރާތަކަށް ބޭނުމެއް ޖެހިގެން ނުވާ ނަމަވެސް ހުރިހާ ފަރާތެއް އިބައިލާހަށް ބޭނުންވެވޮޑިގެންވާ ސަމަދުވަންތަ އިލާހެވެ. އަޅަމެން އިބަﷲ އެއްކައުވަންތަކަމަށް ހެކިވެ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަކީ އިބަﷲ ގެ އަޅާ އަދި ރަސޫލާކަމަށް ހެކިވަމެވެ. އަޅަމެންނަކީ އިބަﷲ އެއްކައުވަންތަކުރާ މުވައްޙިދުންކަމުގައި ލައްވާންދޭވެ. އަޅުގަނޑުމެންގެ ބުރަކަށިތަކުން އިބަﷲ އެއްކައުވަންތަ އިސްލާމްދީނަށް ނަޞްރުދޭނެ ޞާލިޙުދަރިން އަޅުގަނޑުމެންނަށް ދެއްވާންދޭވެ. وصلى الله وسلم على محمد و علي آله وصحبه وسلم. والحمد لله رب العالمين. آمين ތައުހީދުގެ ނަސްރުވެރިޔާ

މިލިޔުންނެގިފައިވަނީ أبو عبد الله عبدالرحيم المدني | ގެ ބުލޮގުންނެވެ.




telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page