އެއްފަހަރަކު އިމާމް ޢަބްދު ﷲ ބްނުލް މުބާރަކު ޙައްޖުވުމަށް ރަށުން ދަތުރަށް ހައްދަވައިގެން ....
އެއްފަހަރަކު އިމާމް ޢަބްދު ﷲ ބްނުލް މުބާރަކު ޙައްޖުވުމަށް ރަށުން ދަތުރަށް ހައްދަވައިގެން ބަޔަކާއި އެކުގައި ނިކުމެވަޑައިގަތެވެ.
ދެން ވަޑައިގެންނެވި މަގުމަތީގައި ރަށެއްގެ ކައިރިން ވަޑައިގަންނަވަނިކޮށް އެބޭކަލުންގެ އަތުގައި އޮތް ދޫންޏެއް މަރުވިއެވެ. ދެން އެދޫނި އެތާ އޮތް ކުނިގޮނޑަކަށް އެއްލާލުމަށް އިބްނުލް މުބާރަކު އެންގެވިއެވެ.
ދެން އެކަލޭގެފާނާ އެކުގައިވި މީހުން ކުރިއަށް ދިޔައެވެ. އަދި އެކަލޭގެފާނު ފަހަތުގައި މަޑުކޮށްލެއްވިއެވެ.
ދެން އެއްކަލަ ކުނިގޮނޑު ކައިރިން ވަޑައިގެންނެވިހިނދު، އެތަނާ ކައިރީގައި ހުރި ގެގަނޑަކުން އަންހެން ކުއްޖެއް ނިކުތެވެ. އަދި އެކުއްޖާ ދުވެ ގޮސް، މަރުވެފައި އޮތް އެދޫނި ނެގިއެވެ. އަދި އެއިން ކުނި ފޮޅާލާފައި އެހިފައިގެން އަވަހަށް ގެއަށް ދިޔައެވެ.
ދެން އިބްނުލް މުބާރަކު ވަޑައިގެން އެކުއްޖާގެ މަޢުލޫމާތު އޮޅުންފިލުއްވާ ސުވާލު ކުރެއްވިއެވެ.
އެކުއްޖާ ބުންޏެވެ: 'މިތަނުގައި އުޅެނީ އަހަރެންނާއި އަހަރެންގެ ފިރިހެން ކޮއްކޮއެވެ. އަނދެފައި މިއޮތް ފޭލިގަނޑު ފިޔަވައި އެހެން އެއްޗެއް އަހަރުމެންގެ އަތަކު ނެތެވެ. އަދި މިކުނިގޮނޑަށް އުކާލެވޭ އެއްޗެއް ފިޔަވައި އެހެން ކާއެއްޗެއް އަހަރުމެންނަށް ނުލިބެއެވެ.
އަހަރުމެންނަށް ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން މުޅަމަސް ކެއުން ވަނީ މީގެ ދުވަސްތަކެއް ކުރިން ހުއްދަވެފައެވެ. ކުރިން އަހަރުމެންގެ ބައްޕަގެ ބޮޑު މުދާގަނޑެއް ވިއެވެ. އެކަމަކު ބައްޕައަށް އަނިޔާކުރެވި، މުދާތައް ނިގުޅައިގަނެވި، ޤަތުލުކޮށްލެވުނީއެވެ.'
ދެން އިބްނުލް މުބާރަކު ޤާފިލާއަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ ދަތުރު ކޮއްތު އަރުވާފައި އޮތް ސަވާރީ ގެނައުމަށް އަމުރުކުރެއްވިއެވެ.
އަދި އެކަލޭގެފާނުގެ ވަކީލަށް ވިދާޅުވިއެވެ: 'އަހަރުމެންގެ އަތުގައި އޮތީ ކިހާވަރެއް ހެއްޔެވެ ؟'
ވަކީލު ދެންނެވިއެވެ: ' އެއްހާސް ދީނާރެވެ.'
އެކަލޭގެފާނު ވިދާޅުވިއެވެ: 'އަހަރުމެން އަނބުރާ މަރްވުއަށް ދެވޭވަރަށް ވިހި ދީނާރު ބާއްވާފަ، ބާކީބައި އެއަންހެން ކުއްޖާއަށް ދޭށެވެ. މިއަހަރު އަހަރުމެން ޙައްޖުވުމަށްވުރެ މިކަން މާރަނގަޅެވެ.'
ދެން އެކަލޭގެފާނު ޙައްޖު ދަތުރު ދޫކޮށް އަނބުރާ ރަށަށް ވަޑައިގަތެވެ.
📖 އަލްބިދާޔާ ވައްނިހާޔާ 📖