'އޭ އަބޫ ޢަބްދުއްރަޙްމާނުއެވެ! ތިބާގެ ގާތުގައި ދައްކަންޖެހޭ ވާހަކައެއް އެބައޮތެވެ.'
ޢުޘްމާނު ބްނު ޢައްފާނުގެ ޚިލާފަތުގައި، އެއްފަހަރަކު މިނާގެ ބިމުގައި އެކަލޭގެފާނާއި އިބްނު މަސްޢޫދުއާއި ބައްދަލުވިއެވެ. އެއިރު އިބްނު މަސްޢޫދުގެ ޢުމުރުފުޅުން ފަންސާހަށްވުރެ މަތިވެއްޖެއެވެ.
ދެން ޢުޘްމާނުގެފާނު ވިދާޅުވިއެވެ: 'އޭ އަބޫ ޢަބްދުއްރަޙްމާނުއެވެ! ތިބާގެ ގާތުގައި ދައްކަންޖެހޭ ވާހަކައެއް އެބައޮތެވެ.'
ދެން އެދެބޭކަލުން އެކަހެރިވެލެއްވުމުން ޢުޘްމާނުގެފާނު އިބްނު މަސްޢޫދަށް ވިދާޅުވިއެވެ:
'އޭ އަބޫ ޢަބްދުއްރަޙްމާނުއެވެ! އަހަރުމެން ތިބާ ބިކުރުވެރި ޒުވާން އަންހެން ކުއްޖަކާ ކައިވެނިކޮށްދެން ހެއްޔެވެ؟ އެއީ ތިބާގެ ކުރީގެ ދުވަސްތަކުގެ ހަނދާން އާކޮށްލުމަށެވެ... '
-ބުޚާރީ އަދި މުސްލިމް-
ޝަރަޙަ ކުރެއްވި ބައެއް ޢިލްމުވެރިން ބަޔާންކުރިއެވެ:
"އެބަހީ: އެކަލޭގެފާނުގެ ޒުވާންކަމުގެ ދުވަސްތަކާއި ހީވާގިކަމާއި ހަރަކާތްތެރިކަން ހިލުވައިލުމަށެވެ. އެއީ އެކަލޭގެފާނު ޢުމުރުން ދުވަސްވެ، އަދި އަޅުކަމުގައި އުޅުއްވުމުގައި މަޝްޣޫލުވުމުން އަންހެނުންނަށް އޮންނަ ޝައުޤުވެރިކަން ކުޑަވުމުންނެވެ.
އަދި އެއިން ނެގޭ އަނެއްކަމަކީ ޒުވާން އަންހެނުންނާ ކައިވެނިކޮށްގެން ގާތްވެ އުޅުމަކީ ޙަރަކާތްތެރިކަމާއި ބާރު އިތުރުވާ ކަމެއްކަމެވެ.."
-ފަތުޙުލް ބާރީ-