top of page
Featured Posts

ޢަދުލުވެރި ޤާޟީ -1



ހެޔޮޙާލަތުގައި ރައްދުކުރައްވާށެވެ!

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު އަލް ޚައްޠާބު ރަޟިޔަﷲ ޢަންހު، އެއްދުވަހަކު ބަދަވީއެއްގެ އަތުން އަހެއް ބައްލަވައިގެންނެވިއެވެ. އަހުގެ އަގުދެއްކެވުމަށްފަހު އަހަށް ސަވާރުވެވަޑައިގެން ދުއްވައިލެއްވިއެވެ. ކުޑަތަންކޮޅަކަށް ވަޑައިގެންނެވުނު ތަނާ އެއްކަލަ އަސް ކޮރުޖަހަން ފެށިއެވެ. އެކަލޭގެފާނު އަވަސްއަވަހަށް އަސް އަނބުރައިލެއްވުމަށްފަހު،އަސް ވިއްކި މީހާގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”މިއަސް އަނބުރާ ގެންދާށެވެ. މިއީ ކޮރު އަހެކެވެ.“ ބަދަވީ މީހާ ދެންނެވިއެވެ. ”މުއުމިނުންގެ އަމީރެވެ! އަޅުގަނޑު ތިޔަ އަހަކާ ޙަވާލެއްނުވާނަމެވެ. އެހެނީ އަޅުގަނޑު ތިޔަ އަސް ކަލޭގެފާނަށް ވިއްކިއިރު ތިޔައީ ގަދަވެސަލާމަތުން ހެޔޮ ޙާލުގައި އޮތް އަހެކެވެ. ކޮރު އެއްޗެއް ނޫނެވެ.“ ޢުމަރުގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ މިކަމުގައި އަހުރެންނާ ކަލެއާ ދެމެދު ޢަދުލާ އިންޞާފުން ޙުކުމްކުރާނެ މީހެއްގެ ކައިރިއަށް ދަމާ ހިނގާށެވެ.“ ބަދަވީ ދެންނެވިއެވެ. ”މިކަމުގައި ޝުރައިޙު ބިން ޙާރިޘް އަލް ކިންދީ ކުރައްވާ ފައިޞަލާއެއް ކަލޭގެފާނު ޤަބޫލުފުޅު ކުރައްވާނަންތޯއެވެ؟“ ޢުމަރުގެފާނު ވިދާޅުވިއެވެ. ”އާނއެކެވެ! އެންމެ ރަގަޅެވެ.“


މިގޮތަށް އެއްބަސްވެގެން ދެބޭފުޅުން، ޝުރައިޙުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ބަދަވީގެ ވާހަކަ ރަގަޅަށް އަޑުއެއްސެވިއެވެ. ދެން ޢުމަރު ރަޟިޔަﷲ ޢަންހަށް ދެންވިއެވެ. ”މުއުމިނުންގެ އަމީރެވެ! ކަލޭގެފާނު މީނާގެ އަތުން މިއަސް ބައްލަވައިގަތްއިރު މިއީ ރަގަޅު ހެޔޮ ޙާލުގައި އޮތް އަހެއްތޯއެވެ؟“ ޢުމަރުގެފާނު އާނއެކޭ ވިދާޅުވިއެވެ. ޝުރައިޙު ދެންނެވިއެވެ. ”އެހެންވިއްޔާ މިއަސް ކަލޭގެފާނުގެ އަރިހުގައި ބާއްވަވާށެވެ. މިއަސް އަނބުރާ ރައްދުކުރައްވަން ބޭނުންފުޅުނަމަ ކަލޭގެފާނަށް ޖެހިވަޑައިގަންނަވާނީ މިއަސް ބައްލަވައިގެންނެވިއިރު އޮތް ޙާލަތުގައި އަނބުރާ ރައްދުކުރައްވާށެވެ.“


ޢުމަރުގެފާނު ވަރަށް ބޮޑަށް ޙައިރާންވެވަޑައިގެން ހުންނަވައި ޝުރައިޙާ ދިމާއަށް ބައްލަވައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. ”އަޅެ ތިޔަކުރެއްވި ފައިޞަލާއަކީ ޢަދުލާ އިންޞާފުން ކުރެއްވި ފައިޞަލާއެއްތޯއެވެ؟“ ޝުރައިޙު ވިދާޅުވިއެވެ. ”އާދޭހެވެ! ޙައްޤާ އިންޞާފަކީ މިއީއެވެ.“ ޢުމަރު ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. ”ތިބާގެ މި ފައިޞަލާގެ އަޑުއިވުމުން އަހުރެން ވަރަށް އުފާވެއްޖެއެވެ. ތިބާ އަވަހަށް ކޫފާއަށް ވަޑައިގަންނަވާށެވެ. އަހުރެން ކޫފާގެ ޤާޟީންގެ ރައީސްކަމުގެ މަޤާމު ތިބާއާ ޙަވާލުކުރަމެވެ. ތިބާ އެއްވެސް ތަޢައްޞުބެއްނެތި ތިޔަކުރެއްވި ފައިޞަލާއިން އަޅުގަނޑަށް ވަރަށް އަސަރުކޮށްފިއެވެ. ޝައްކެތްނެތްގޮތުގައި އެފަދަ މުހިއްމު މަޤާމަކަށް އެކަށީގެންވަނީ ތިބާ ފަދަ ހިތްވަރުގަދަ ކެރޭ ފުރިހަމަ ޞަލާޙިއްޔަތެއްގެ ވެރިއެކެވެ.“


މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުންވެސް ވަރަށް ގިނަ ޢަދަދަކަށް ތިއްބެވި ދުވަސްވަރެއްގައި ކޫފާގެ ޤާޟީންގެ ރައީސްކަން ފަދަ މުހިއްމު މަޤާމެއް ތާބިއީންގެ ބޭކަލަކަށް ޢުމަރުގެފާނު މިދެއްވި ދެއްވުމަކީ ފަހަރެއްގައިވެސް އެކަލޭގެފާނު އަވަސްއަރައިވަޑައިގެން ނިއްމެވި ނިއްމެވުމެއްނޫނެވެ. ޙާލަތާއި ވަގުތު ، ޢުމަރުގެފާނު އެނިންމެވި ނިންމެވުމާއި އެކަލޭގެފަނުގެ ބުއްދިފުޅާ ދުރުވިސްނުންފުޅުގެ ތެދުކަމާ ޞައްޙަކަން ވަނީ ޘާބިތުކޮށްދީފައެވެ.


ޤާޟީ ޝުރައިޙު އެދުވަހުން ފެށިގެން މުސްލިމުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމްކުރެއްވުންމަތީ މެދުކެނޑުމެއްނެތި ފަސްދޮޅަސް އަހަރު ދެމިހުންނެވިއެވެ. އެކަލޭގެފާނު އެމަޤާމުން އިސްތިޢުފާ ދެއްވީ ޙައްޖާޖު ބުނު ޔޫސުފްގެ ވަރިކަމުގެ ދުވަސްވަރުއެވެ.

*****

މަޞްދަރު: حیاتِ تابعين کے درخشاں پہلو / محمود احمد غضَنفَر




telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page