އިސްލާމްދީން ޤާއިމްކުރަން އޮތް މަގަކީ "ޑިމޮކްރަސީ" ދައްކައިދިން މަގުބާ؟
މިއަދުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުންގެ ބިންތަކަށް ވަނީ ކުއްފާރުންނާއި އެމީހުންގެ ތާޣޫތީ ވެރިންތައް ވެރިވަގެނެފައެވެ. އެމީހުން ދަނީ މުސްލިމުންނާއި ދެކޮޅަށް މާއްދީ ގޮތުންނާއި ފިކުރީ ގޮތުން ހަނގުރާމަ ކުރަމުންނެވެ. މިގޮތުން ކުއްފާރުން މުސްލިމުންގެ ތެރެއަށް ވައްޓާލި އެންމެ ބޮޑު ބޮމަކީ "ޑިމޮކްރަސީ"ގެ ނިޒާމެވެ. މިއީ މުސްލިމުންގެ ތެރޭގައި އޮތް އަޚުވަންތަކަމާއި އިސްލާމީ އަޚްލާޤް ފުނޑުފުނޑުކޮށްލި ނުރައްކާތެރި ވަބާއެވެ.
އެންމެ ފުރަތަމަ އަހަރެމެން ނޭގިނަމަވެސް ތަބައުވެ ޤުރުބާންވާން ތައްޔާރަށްތިބި މި "ޑިމޮކްރަސީ" އަކީ ކޮބާތޯ ބަލާލަމާ ހިނގާށެވެ. "ޑިމޮކްރަސީ" މި ލަފްޒުގެ އަސްލަކީ ގްރީކް ބަހެކެވެ. މީގެ މާނަ އަކީ ‘ރައްޔިތުންެ ވެރިކަމެވެ.’ މި ނިޒާމުގައިި އާންމު ގޮތެއްގައި ސިޔާސީ ޕާރޓިތަކެއް އެކުލަވާލެވިފައިވެއެވެ. މި ޕާރޓީތަކުގެ ތެރެއިން ރައްޔިތުންނަށް ވެރިކަން ކުރުމަށް ބޭނުންވާ ޕާރޓީއެއް ނުވަތަ ބަޔަކު މި ނިޒާމުގައި ވޯޓުލައިގެން ހޮވައެވެ. އަދި ގިނަ ބަޔަކު ވޯޓުލާ ފަރާތްތައް މަޖިލީހަކަށް ހޮވައެވެ. މި މަޖިލީހުގައި އެކިއެކި ޤާނޫނު ތަކާއި މެދު ޚިޔާލު ބަދަލުކުރެވި، ޤާނޫނުތައް ހަދައި ޤާނޫނުތައް އުނިކޮށް ހަދައެވެ. އެއީވެސް އެ މަޖިލީހުގެ މެންބަރުން ކުރެން ވޯޓަށް އަހައިގެންނެވެ. މި ނިޒާމުގައި އަޣުލަބިއްޔަތުގެ ވޯޓަކުން ބާއްވައިލެއްވި ޝަރީޢަތުގެ ޙުކުމްތައްވެސް އުނިވެސް ކުރެވެއެވެ. އަދި ބަދަލުވެސް ކުރެވެއެވެ. އަދި މިފާސްކުރާ ޤާނޫނުތަކަށް އާންމުން ތަބަޢު ވާންޖެހެއެވެ. ތަބަޢު ނުވާކަމުގައިވާނަމަ އެމީހަކު ޤާނޫނާއި ޚިިލާފުވީއެވެ، ކުށްވެރިވީއެވެ.
"އަލް ޙާކިމް" އެއީ ﷲ ތަޢާލާގެ އިސްމަފުޅެކެވެ. ޙުކުމް ކުރެއްވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އަދި ޙުކުމް ކުރެއްވުމުގައި އެކަލާނގެ އެއްވެސް ފަރާތެް ބައިވެރި ނުކުރައްވައެވެ. ނަމަވެސް "ޑިމޮކްރަސީ"ގައި ޙުކުމް ކުރުން މިވަނީ އިންސާނުންގެ ހަވާ ނަފްސު އެދޭގޮތަށެވެ. މި ނިޒާމުގައި އިސްތިޙާލު (ޙރާމް އާއި ޙަލާލް ކަނޑައެޅުމަށް) ކުރުމަށް މަޚްލޫޤުންނަށް ދީފައިވާ މިވާ ބާރަކީ އިސްލާމީ ޝަރީޢަތާއި މުޅިން ޚިލާފް ކަމެކެވެ. އަދި މިއީ މި ނިޒާމަކީ ޝިރުކުގެ ނިޒާމަކަށްވާ ސަބަބެއްވެސް މެއެވެ. މިފަދަ ނިޒާމަކީ އިންސާނާ ފާފައަކުން ފެށިގެންގޮސް ޝިރުކަށްވެސް ވާސިލްކޮށްދިނުން ގާތް ނިޒާމެކެވެ.
ރަނގަޅު ވާހަކައެކެވެ، އިސްލާމް ދީނުގައި ޙާލާތްތަކުގައި ޙަރާމް ކަންތައްތައް ހުއްދަވެއެވެ. ނަމަވެސް އެއީ މަޖުބޫރީ ޙާލަތްތަކުގައެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން ނުކައި ހުރެއްޖެނަމަ މަރުވެދާނެ ޙާލަތުގައި ހަމަ އެކަނި އޫރުމަސް ހުރިނަމަ އެޙާލަތުގައު ހުއްދަވެއެވެ. އަޅުގަނޑުމެންނަށް "ޑިމޮކްރަސީ"ގައި ބައިވެރިވުމަށް މިއަދު އޮތީ ކޮން މަޖުބޫރީ ޙާލަތެއް ތޯއެވެ؟ އަޅުގަނޑުމެން ޕާރޓީއަކަށް ނުވަދެއްޖެ ނަމަ ނުވަތަ ވޯޓު ނުދީފިކަމުގައިވަނީނަމަ މަރާލެވިގެން ދަނީތޯއެވެ؟
މުސްލިމުންނަކީ އެހެން ނިޒާމުތަކުގެ ތެރެއިނ ކަންކަން ކުރާ ބައެއް ނޫނެވެ. އެއީ މުސްލިމުންގެ ގޮތެއް ނޫނެވެ. އެހެނީ އިސްލާމް ދީނަކީ ފުރިހަމަ ދީނަކަށް ވުމާއިއެކު އެހެން ނިޒާމުތަކަކަށް އެއްވެސް ބޭނުމެއް ނުޖެއެވެ. އެގޮތަށް ޢަމަލު ކުރަނީ ޔަހޫދީންނާއި މުނާފިޤުން އެބައިމީހުން ކުރަން ބޭނުންވާކަންތައްތައް ކުރުމަށެވެ. މިފަދަ ގޮތަަކަށް "ޑިމޮކްރަސީ" ފަދަ ނިޒާމުތަކަށް އިސްލާހު ކުރުމުގެ ނަމުގައި ވަތް ބައެއް މީހުންވަނީ އޭގެ އަސަރުކޮށް މީހާގެ ވިސްނުމާއި ފިކުރު އެެއްކޮށް ބަދަލުކޮށްލާފައެވެ. އެހެނިހެން ސިޔާސީ މަކަރުވެރި ލީޑަރުން ފަދަ ބަޔަކަށް ވެގެންދާއިރު އަނެއްބަޔަކު އަލްމާނީ ފިކުރުގެ ސިޔާސީ ލީޑަރުން ދިފާޢުކުރުން މަތީ ދެމިތިބޭތަން އަހަރެމެންގެ ލޯތަކުން ނުދެކެމު ހެއްޔެވެ؟
"ޑިމޮކްރަސީ"ގެ ތެރެއަށްވަދެ އިސްލާމްދީން ޤާއިމުކުރަން މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ފުރަތަމަ ވަންނަނީ "ޑިމޮކްރަސީ" އަކީ ކުފުރުގެ ނިޒާމެއް ކަމަށް ޤަބޫލުކުރާ ޙާލުގައެވެ. ނަމަވެސް ނިމިގެންދަނީ "ޑިމޮކްރަސީ"ގެ މުޑުދާރު ނަޖިހުގައި ޖެހި ކޮންމެވެސް ޢަލްމާނީ ފިކުރަކަށް ވަދެވިގެންނެވެ. ނުވަތަ "ޑިމޮކްރަސީ"ގެ އަވައިގައި ޖެހި އެ މެދުވެރިކޮށް ލިބޭ ވަޒީފާތަކުގައު ތައްވެ ޙަޤީޤީ މަޤްސަދު ހަނދާން ނެތިގެންނެވެ.
އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ ހަމަ ޤައިމުވެސް ތިންވަނަ ގޮތެވެ. އެއީ އެއްވެސް ވަލަޢީ ވެރިކަމުގެ ނިޒާމެއްގައި ބައިވެރި ނުވުމެވެ. އިސްލާމްދީނަކީ ފުރިހަމަވެގެންވާ ދީނެއްކަން ކަށަވަރެވެ. އަދި މުޖުތަމަޢުތައް އިސްލާޙު ކުރެވޭނެ މަގުތައް މިދީނުގައި ވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިދީނުުގައި އޮންނަނީ “ޑިމޮކްރަސީ”ގެ ތެރެއިން ކަންކަން ކުރުމެއް ނޫނެވެ. އިސްލާމްދީނުގައި އޮންނަނީ ޝިރުކުންނާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރިޢަވުމެވެ. އަދު އިސްލާމްދީނުގައި ބަދަލެއް ގެނައުމަށް މަގުތައްވެސް އެބަ ހުއްޓެވެ. ދަޢުވަތު ފެތުރުމާއި ހެޔޮކަންތައްތަކަށް ޢަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމާއި ޖިހާދަކީ ބަދަލެއް ގެނައުމަށް ހުރި މަގުތަކެވެ.
މީސްތަކުން މިފަދަ ޝިރުކާއި ކުފުރުގެ ނިޒާމްތަކުން ރައްކާތެރިވުމަށްޓަކައި ތަޥްޙީދާއި ޝިރުކު ވަކިކުރަން އެނގެން ޖެހެއެވެ. މިއީ އެންމެ ބޮޑަށް މިއަދު ބޭނުން ޖެހިފައިވާ ކަންތަކެވެ. އެއީ ހުރިހާ ތާޣޫތަކަށް ކާފަރުވެ، ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ދެވޭ ދަޢުވަތެކެވެ. މި ދަޢުވަތުގެ މައިދާނަށް އެޅޭ ހުރަސްތައް ނައްތާލުމަށް އޮތްމަގަކީ ނުބައިކަންތައް ނަޙީ ކުރުމުވެ. އަތުން ކުރެވޭ ނަމަ އަތުންނެވެ. އަތުން ނުކުރެވޭނަމަ ދުލުންނެވެ. ދުލުން މަނާ ނުކުރެވޭނަމަ ހިތުންނެވެ. އަދި މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންތައްތައް އިސްލާޙުކުރުމަށް އޮތް މަގަކީވެސް ހެޔޮކަންތައްތަކަށް ޢަމުރުކޮށް ނުބައިކަންތައްތައް ނަޙީކުރުމެވެ. ހިތުންނާއި، ދުލުންނާއި އަތުންނެވެ. އަހަރެމެންގެ ބިންތަކުން އިސްލާމްދީނާއި ޚިލާފު ނިޒާމުތައް ނައްތާލުމަށްޓަކައި ވަރުގަދަ ޖިހާދެއް ކުރަން އެބެ ޖެހެއެވެ. އަހަރެމެންގެ ނަފްސުތަކުންނާއި ދޫތަކުންނާއ މުދަލުން މިފަދަ ނިޒާމުތަކާއި އެނިޒާމުތައް ފަތުރާ ހުރިހާ ފަރާތްތަކާއި ދެކޮޅަށް ޖިހާދުކުރުން މިއަދު މިވަނީ އަޅުގަނޑުމެންގެ ޒިންމާއަކަށް ވެފައެވެ.
click4islam