top of page
Featured Posts

ޙައްޤުބަސް ބުނާށެވެ! – 2


ސާލިމް ބިން ޢަބްދުﷲ ބިން ޢުމަރަކީ ތާބިޢީބޭކަލެކެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ކާފަ ދަރިކަލެކެވެ. ޢިލްމުވެރިކަމާ ޒާހިދުކަމާއި ތަޤްވާވެރިކަމުގައި އަރައިހުންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ކާފާފުޅު عمر رضي اللهعنه ފަދައިން، އެއްވެސް ޖެހިލުމެއްނެތި، ފާޅުގައި ޙައްޤުބަސް ވިދާޅުވުމުގައިވެސް ނަމޫނާއެކެވެ. އެއީ ކިތަންމެ ނުރައްކާތެރިޙާލަތެއްކަމުގައިވީނަމަވެސް ޙައްޤުބަސް ވިދާޅުވުމުގައި އެކަލޭގެފާނު އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައިގެންފައެއްނުވެއެވެ.


އެއްފަހަރަކު މުސްލިމުންގެ ކޮންމެވެސް ބޭނުމަކަށްޓަކައި ޙައްޖާޖު ބިން ޔޫސުފުގެ ކައިރިޔަށް އެކަލޭގެފާނު ވަޑައިގަތެވެ. ޙައްޖާޖު، އެކަލޭގެފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި ޢިއްޒަތާއި އިޙްތިރާމާއި އެކު އެކަލޭގެފާނާއި ބައްދަލުކުރިއެވެ. ކުޑައިރުކޮޅެއްވީތަނާ ހިލިހިލާއިން ކަސްތޮޅުއަޅައި ހައްޔަރުކޮށްގެން ބަޔަކުމީހުން ޙައްޖާޖުގެ ކައިރިޔަށް ގެނެވުނެވެ.

އެބައިމީހުންގެ އިސްތަށިތައްވަނީ ވިހުރުވިފައެވެ. ހަށިތައްވަނީ ހިރަފުހާއި އެކުވެފައެވެ. މޫނުތައްވަނީ ރީނދޫވެފައެވެ.

ޙައްޖާޖު، ސާލިމް ބިން ޢަބްދުﷲ އާއި މުޚާޠަބުކޮށް ދެންނެވިއެވެ. ”މިއީ ބާޣީންނެވެ. އަދި ފަސާދަކުރާ މީހުންނެވެ. މިބައިމީހުންގެ ލޭ އޮހޮރުވައިލުން ހުއްދަވެގެންވެއެވެ.“ ދެން ސާލިމްގެ އަތްޕުޅަށް ކަނޑިއެއް ދެމުން ބުންޏެވެ. ”ކަލޭގެފާނު، އެންމެ ކުރީގައި ކޮޅަށް މިހިރަ މީހާގެ ކަރު ބުރިކޮށްލައްވާށެވެ!“ ސާލިމް، ކަނޑި ހިތްޕަވައިގެން އެމީހާ އާއި ދިމާޔަށް ހިންގަވައިގެންނެވިއެވެ. އެކަލޭގެފާނު ދެން ހައްދަވާ ގޮތެއް ބެލުމަށްޓަކައި މީސްތަކުންގެ ލޯތައް އެކަލޭގެފާނާއި ދިމާޔަށް ހުއްޓިފައިވެއެވެ. އެކަލޭގެފާނު ވަޑައިގެން އެމީހާގެ ކުރިމަތީގައި ހުއްޓިވަޑައިގެން، އޭނާ އާއި ސުވާލުކުރެއްވިއެވެ. ”ކަލެއަކީ މުސްލިމެއް ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ.“އާނއެކެވެ! އަހަރެންނަކީ މުސްލިމަކީމެވެ…. އެކަމަކު ތިބާ، ތިޔަ ސުވާލުކުރުމުގެ އޮތީ ކޮންބޭނުމެއް ހެއްޔެވެ؟ ތިބާއަށް އަމުރުވެވުނު ކަންތައް އަވަހަށް ކޮށް ނިންމައިލާށެވެ.“ ސާލިމް އަނެއްކާވެސް އޭނާ އާއި ސުވާލުކުރެއްވިއެވެ. ”ކަލޭ މިއަދުގެ ފަތިސްނަމާދު ކުރީމުހެއްޔެވެ؟“ އެމީހާ ދެންނެވިއެވެ. ”އަހަރެންނަކީ މުސްލިމެއްކަމުގައި ތިބާގެ ގާތު އަހަރެން ބުނެފީމުނޫންހެއްޔެވެ؟ ދެންވެސް ތިބާ، އަހުރެންނާއި ތިޔަ ސުވާލުކުރަނީ އަހަރެން ފަތިސްނަމާދު ކުރީމުތޯއެވެ!!! ތިބާގެ ޚިޔާލުގައި އެއްވެސް މުސްލިމަކު ނަމާދު ދޫކޮށްފާނެތޯއެވެ؟ ”

ސާލިމް ވިދާޅުވިއެވެ. ”އަހުރެން ކަލެއާއި މިސުވާލުކުރަނީ، ކަލޭ މިއަދުގެ ފަތިސްނަމާދު އަދާކުރީމުތޯއެވެ؟“ އެމީހާ ވަރަށް ހިތްވަރާއި ކެރުމާއެކު ދެންނެވިއެވެ. ”ﷲ، ތިބާއަށް ތެދުމަގު ދައްކަވާށިއެވެ! އަހަރެން މިބުނަނީއެވެ. އާނއެކެވެ! އަހަރެން ފަތިސް ނަމާދުކުރީމެވެ. އަހަރެން، ތިބާގެ ކިބައިން މިއެދެނީ މިހިރަ އަނިޔާވެރިޔާ ތިބާއަށް އަމުރުކުރާ ކަންތައް އަވަހަށް ކޮށް ނިންމައިލުމަށެވެ. އެހެންނޫނީ އޭނާގެ ހަރުކަށިކަމާއި އަނިޔާ އާ ތިބާއަށް ކުރިމަތިލާން ޖެހޭނެއެވެ.“

ސާލިމް، ޙައްޖާޖާއި ދިމާއަށް އެނބުރިވަޑައިގެން އޭނާގެ ކުރިމައްޗަށް ކަނޑި އެއްލައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. ”މީނާއަކީ މުސްލިމެއްކަމަށާއި އަދި މިއަދުގެ ފަތިސްނަމާދު ކުރިކަމަކަށް މީނާ އެބަ އިޤުރާރުވެއެވެ. އަހުރެންނާއި ހަމަޔަށް މާތް ނަބިއްޔާގެ މިޙަދީޘްފުޅުވަނީ ފޯރައިފައެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.”ފަތިސްނަމާދު އަދާކޮށްފި މީހާ ވާހުށީ ﷲ ތަޢާލާގެ ރައްކާތެރިކަމުގައެވެ.“ އަހުރެން، ﷲ ތަޢާލާގެ ރައްކާތެރިކަމުގެ ދަށުގައިވާ މީހަކު ޤަތުލެއް ނުކުރާހުށީމެވެ.“

ޙައްޖާޖު ރުޅިވެރިކަމާއެކު ބުންޏެވެ. ”އަހަރަމެން އޭނާ ޤަތުލުކުރަން މިއުޅެނީ އޭނާ ފަތިސްނަމާދު ނުކޮށްގެނެއްނޫނެވެ. އަހަރަމެން އޭނާ ޤަތުލުކުރަން މިއުޅެނީ أمير المؤمنين عثمان بن عفان رضي الله عنه ޝަހީދުކުރުމުގައި އޭނާ އެހީތެރިވެދިފައިވާތީ އެކަމުގެ ކުށުގައެވެ. އަހަރަމެން ދެކޭގޮތުގައި އެކުށަކީ އޭނާ ޤަތުލުކުރަންޖެހޭފަދަ ކުށެކެވެ.“ ސާލިމް ވިދާޅުވިއެވެ. ”މީސްތަކުންގެ ތެރޭގައި އަހުރެންނާއި ކަލެޔަށްވުރެ ބޮޑަށް، ޢުޘްމާން ރަޟިޔަﷲ ޢަންހުގެ ލޭފޮދުގެ ބަދަލު ހޯދޭނެ މީހުން އެބަތިއްބެވެ.“

މިޖަވާބު ލިބުމުން ޙައްޖާޖު އެއްވެސް އެއްޗެކޭ ނުބުނެ މައިތިރިވެއްޖެއެވެ.

އެމަޖްލީހުގައި ޙާޟިރުވެއިން މީހަކު، މަދީނާއަށް ގޮސް ابن عمر އަށް އެކަލޭގެފާނުގެ ދަރިކަލުން ސާލިމްގެ ވާހަކަ ކިޔައިދިނެވެ. އޭނާ އެވާހަކަ ކިޔައިދޭންފެށުމާއެކު އެކަލޭގެފާނު އަވަސްއަވަހަށް ސުވާލުކުރެއްވިއެވެ. ”އަހުރެންގެ ދަރިފުޅު ސާލިމް، ޙައްޖާޖުގެ އަމުރަށް ޢަމަލުކުރީ ކިހިނެތް ހެއްޔެވެ؟“ އޭނާ ދެންނެވިއެވެ. ”ސާލިމް މިފަދަ ގޮތަކަށް އޭނާގެ ޙުކުމް ޤަބޫލުކުރުމާއި ދެކޮޅުހެދިއެވެ.“ މިޖަވާބު ލިބުމުން އެކަލޭގެފާނު ވަރަށް އުފާފުޅު ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ”ޙަޤީޤަތުގައިވެސް އަހަރަންގެ ދަރިފުޅު ވަރަށް ބުއްދިވެރިއެވެ. ޙަޤީޤަތުގައިވެސް އަހަރަންގެ ދަރިފުޅު ވަރަށް ވިސްނުންތޫނެވެ.“

*****

މަޞްދަރު: حیاتِ تابعين کے درخشاں پہلو / محمود احمد غضَنفَر




telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page