top of page
Featured Posts

ޙައްޤުބަސް ބުނާށެވެ! -1


ޙައްޖާޖު ބިން ޔޫސުފަކީ އިސްލާމީ ތާރީޚު ދުށް އެންމެ ހިތްހަރު އަނިޔާވެރި ވެރީންގެ ތެރޭގައި ހިމެނުނު އެކަކެވެ. އޭނާގެ ކަނޑީގެ މިޔައިން ސަލާމަތްވޭތޯ ރަޙްމަތްތެރީންނާ ދުޝްމަނުން އެއްވަރަކަށް ދުޢާކުރަމުން ގެންދިޔައެވެ. ނަމަވެސް ޙައްޖާޖުގެ އަނިޔާވެރިކަމާއި ދެކޮޅަށް ކެރިގެން ކުރިމަތިލައްވައި އެކަންތައް ހުއްޓުވަން މަސައްކަތްކުރެއްވި މަދު ބޭކަލުންތަކެއް ތިއްބެވިއެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ޙަސަނުލް ބަޞަރީ (ރަޙިމަހުﷲ) އެވެ. އެކަލޭގެފާނު، ޙައްޖާޖުގެ ނުބައި ޢަމަލުތަކާއި ވަރުގަދަޔަކަށް ދެކޮޅުހެއްދެވިއެވެ. އަދި އޭނާގެ ކުރިމަތީގައި އެއްވެސް ބިރުފުޅެއްނެތި ޙައްޤުބަސް ވިދާޅުވިއެވެ.


ޙައްޖާޖު ބިން ޔޫސުފް، ޢިރާޤުގެ ވާސިޠުގައި އޭނާއަށްޓަކައި ވަރަށްބޮޑު ގަނޑުވަރެއް ބިނާކުރުވިއެވެ. އެގަނޑުވަރު ޢިމާރާތްކޮށް ނިމުމުން އެތަން ހުޅުވުމަށް ވަރަށްބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި ޢާންމުންނަށް ވެސް އެގަނޑުވަރު ބެލުމަށް ދަޢުވަތުދިނެވެ. އެއީ އެމީހުން އެގަނޑުވަރަށް ތަޢުރީފުކޮށް ހެޔޮދުޢާ ކުރޭތޯއެވެ. މި ރަނުގެ ފުރުޞަތު އަތްޕުޅުންބީވެގެން ދިޔަދެއްވައިގެން ނުވާނެކަމަށް ޚިޔާލުކުރައްވައި ޙަސަނުލް ބަޞަރީވެސް ގެކޮޅުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މަޤްޞަދަކީ ގަނޑުވަރު ބެލުމަށް އެއްވެފައިވާ މީސްތަކުންނަށް ނަޞީޙަތްދެއްވުމުގެ މަތިވެރި ފަރުޟު އަދާކުރެއްވުމެވެ. ދުނިޔޭގެ ފިލައިދަނިވި މުދަލާއި ޒީނަތްތެރިކަމުންރައްކާތެރިވެ، ﷲގެ ޙަޟްރަތުގައިވާ ދާއިމީ ނިޢްމަތްތައް ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތަކުރުމަށް ގޮވައިލެއްވުމެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ މީސްތަކުން އެބޮޑު ގަނޑުވަރުގެ ވަށައިގެން ޖަމާވެފެއިވާތީއެވެ. މީސްތަކުންވަނީ އެގަނޑުވަރުގެ ރީތިކަމާތަނަވަސްކަމާމެދު ޙައިރާންވެ އަންތަރީސްވެފައެވެ. އަދި އެތާނގެ އުފަލާއި އަރާމަށް އެބައިމީހުން އެދިއެދި ތިބި ކަހަލައެވެ.


ޙަސަނުލް ބަޞަރީ ނުހަނު ޘާބިތުކަމާއެކު، މީސްތަކުންނާއި ކުރިމަތިލައްވައި ވިދާޅުވިއެވެ. ’އަހަރަމެންނަށް އެނގިފައިވާ ގޮތުގައި ފިރުޢަޥްނުވެސް މިފަދަ، އަދި ކިއެއްތަ! މިއަށްވުރެވެސް ވަރުގަދަ އުސް އަދި ރީތި ގަނޑުވަރުތައް ބިނާކުރިއެވެ. އެކަމަކު ﷲ ޞުބުޙާނަހޫ ވަތަޢާލާ، ފިރުޢަޥަނު ހަލާކުކުރެއްވިއެވެ. އަދި އޭނާގެ ގަނޑުވަރުތައްވެސް ބިމުން ފޮހެލެއްވިއެވެ. ހިތާމަހުއްޓެވެ! އުޑުގައިވާ އިލާހު، ޙައްޖާޖުގެ މައްޗަށް ކޯފާވެވޮޑިގެންވާކަން އޭނާއަށް އެނގޭނެނަމައެވެ! “ އެކަލޭގެފާނު ފުރިހަމަ ޖޯޝާއި ހިތްވަރާއެކު ޙައްޖާޖާއި ޚިލާފަށް ވާހަކަދައްކަވަމުން ގެންދެވިއެވެ. އެކަލޭގެފާނު ދޫފުޅުން ތީރުތަކެއްހެން ބަސްތައް ނިކުންނަމުންދިޔައެވެ. އެއްވެފައިވާ މީހުންތައްވަނީ އެކަލޭގެފާނުގެ ތަޤްރީރަށް ކަނުލައި އަޑުއެހުމުގައެވެ. އެންމެފަހުން އޭގެތެރެއިން މީހަކު، އެކަލޭގެފާނަށް ޙައްޖާޖު ދީފާނެ އަދަބެއްގެ ބޮޑުކަން އިޙްސާސްކުރެވިގެން ދެންނެވިއެވެ. ”ސާހިބާއެވެ! ދެން ހުއްޓާލައްވާށެވެ! މިހާރު ފުދިއްޖެއެވެ. ހަލާކުގެ ތުންފަތް މައްޗަށް ތިބާގެ ނަފްސު ތިޔަގެންދަވަނީ ކީއްވެތޯއެވެ؟“ ޙަސަނުލް ބަޞަރީ، އެހިތްހެޔޮ މީހާއަށް ވިދާޅުވިއެވެ. ”އަހަރެންގެ އަޚާއެވެ! ﷲ ތަޢާލާ ވަނީ، އަނީޔާވެރީންގެ ކުރިމަތީގައި އެއްވެސް ބިރެއް ސިހުމެއްނެތި ޙައްޤުބަސް ބުނުމުގެ ޢަހުދު ޢިލްމުވެރީންގެ ކިބައިން ހިތްޕަވާފައެވެ. އަދި އެއްވެސް ޙާލެއްގައި މިމަގުން އެއްކިބާނުވުމަށް އަންގަވާފައެވެ. އަދި މިއީ އަބަދުވެސް ޙައްޤުގެ އަހުލުވެރީންގެ މަގެވެ. އަހުރެން މިއަދު މިއަދާކުރަނީ އެވާޖިބެވެ.“


އޭގެ ފަހުދުވަހު، ޙައްޖާޖު ގަވަރުނަރު އޮފީހަށް އައެވެ. އޭރު އޭނާގެ މޫނު ވަނީ ރުޅީގެ ސަބަބުން ރަތްވެފައެވެ. އޭނާ ރުޅިވެރިކަމާއެކު، އޭނާގެ އެކުވެރީންނަށް ބުންޏެވެ. ”ކަލޭމެންގެ މައްޗަށް ހާސްފަށުން ލަޢުނަތްހުއްޓެވެ. ނިކަމެތި ފިނޑިންތައް އަހަރެންގެ ލޯމަތިން ދުރަށްދާށެވެ! ކޮންފަދަ ހިތާމަހުރި ކަމެއްހެއްޔެވެ؟ ބަޞަރާގެ އަޅެއްގެ ދަރި އަޅެއް، ބޮޑު ޖަމާޢަތެއްގެ ތެރޭގައި އެއްވެސް ލަގަނެއްނެތި އޭނާ ހިތުހުރި އެއްޗެއް، އަހަރެންނާއި ދިމާއަށް ގޮވިއިރު، ކަލޭމެންގެ ތެރެއިން ހަމަ އެކަކަށްވެސް އޭނާ ހުއްޓުވުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ. ލަދުވެތިވާށެވެ! އޭ މިތިބަ ފިނޑިންގެ ޖަމާޢަތެވެ! ކަންފަތް ހުޅުވައިގެން އަޑުއަހާށެވެ! ﷲ ގަންދީ ބުނަމެވެ! މިއަދު އަހުރެން، ކަލޭމެންނަށް އޭނާގެ ލޭ ބޯންދޭހުށީމެވެ! އޭނާއަށް ބޮޑުވެގެންވާ އަދަބެއް ދޭހުހުށީމެވެ.“


ދެން ހަމަ ވަގުތުން ޖައްލާދަށް ޙާޟިރުވުމަށް އެންގިއެވެ. އެއަށްފަހު ޙަސަނުލް ބަޞަރީ ހައްޔަރުކޮށްގެން ގެނައުމަށް ސިފައިންނަށް އަމުރުކުރިއެވެ. މާގިނައިރުތަކެއްނުވެ ޙަސަނުލް ބަޞަރީ ހައްޔަރުކޮށްގެން ސިފައިން އަތުވެއްޖެއެވެ. އެއީ ވަރަށްވެސް ބިރުވެރި މަންޒަރެކެވެ. ހަތަރުފަރާތަށް ފެތުރިފައިވަނީ ވަނީ ހަމަހިމޭންކަމެވެ. މީސްތަކުންގެ ނަޒަރުތައްވަނީ މައްޗަށް އުފުލިފައެވެ. ކޮންމެ މީހަކުވެސް ވަނީ ހިތާމައިންނެވެ. ހިތް ތެޅިތެޅިއެވެ. ޙަސަނުލް ބަޞަރީއަށް ޖައްލާދާއި އޭނާގެ އަތުގައިވާ ކަނޑި ފެނިވަޑައިގަތް ހިނދު ހިނިތުންވެލެއްވިއެވެ. އަދި ކޮންމެވެސް އެއްޗެއް މަޑުމަޑުން ވިދާޅުވާން ފެއްޓެވިއެވެ. ޙައްޖާޖުގެ ކުރިމައްޗަށް ޙަސަނުލް ބަޞަރީ (ރަޙިމަހުﷲ) ގެނެވުނުއިރު އެކަލޭގެފާނުގެ މޫނުފުޅުމަތީގައި ވަނީ މުސްލިމެއްގެ ޝަރަފާއި މުއުމިނެއްގެ ހައިބަތާ އަދި މުބައްލިޣެއްގެހިއްވަރާއި ކެރުންތެރިކަމުގެ ފުރިހަމަ ރިވެތި ތަޞްވީރެކެވެ.

ޙައްޖާޖު، އެކަލޭގެފާނަށް ބަލައިލި ހިނދު އޭނާގެ މައްޗަށް އެކަލޭގެފާނުގެ ހައިބަތު ވެރިވެއްޖެއެވެ. ރުޅިގަނޑު ވަގުތުން މައިތިރިވެއްޖެއެވެ. އަދި ވަރަށްވެސް މަޑުމައިތިރިކަމާއެކު ބުންޏެވެ. ”އަބޫ ސަޢީދަށް އަޅުގަނޑު މަރުޙަބާ ދަންނަވަމެވެ. ވަޑައިގެން އަޅުގަނޑުގެ ކައިރީ އިށީންނަވާށެވެ!“

އެކަލޭގެފާނު އިށީންނަވަން އުޅުއްވުމުން ދެންނެވިއެވެ. ”އަދިވެސް ކައިރިއަށް ވަޑައިގަންނަވާށެވެ!“ އެންމެފަހުން ޙައްޖާޖާއި އެކު އޭނާގެތަޚުތުގައި އެކަލޭގެފާނު ބޭންދެވިއެވެ. މީސްތަކުން މިމަންޒަރު ބަލަމުންދިޔައީ ޙައިރާންކަމާއި ބިރުވެރިކަމާއެކުގައެވެ. ޙަސަނުލް ބަޞަރީއެތަޚްތުގައި ވަރަށް ހަމަޖެހިވަޑައިގެން އިށީނދެވަޑައިގަތުމުން ޙައްޖާޖު، އެކަލޭގެފާނުގެ އަރިހުން ދީނީ މައްސަލަތައް ސާފުކުރަންފެށިއެވެ. އެކަލޭގެފާނު އެހުރިހާ ސުވާލަކަށްވެސް ވަރަށް ފުރިހަމަޔަށް ޢިލްމުވެރިގޮތެއްގައި ޖަވާބުދެއްވިއެވެ. ޙައްޖާޖަށް އެކަލޭގެފާނުގެ ޖަވާބުތަކުން ވަރަށް އަސަރުކުރިއެވެ. އަދި ދެންނެވިއެވެ.“އަބޫ ސަޢީދެވެ! ހަމަ ޔަޤީނުންވެސް ކަލޭގެފާނަކީ ޢިލްމުވެރިންގެ ސަރުދާރެވެ. ދެން އަގުބޮޑު މީރުވަސްދުވާ އަތަރު ގެނެސް އެކަލޭގެފާނުގެ ތުބުޅިފުޅުގައި ލެއްވުމަށްފަހު އެކަލޭގެފާނަށް އަލްވަދާޢު ދެންނެވިއެވެ.


ޙަސަނުލް ބަޞަރީ އެދަރުބާރުން ނުކުމެވަޑައިގަތުމުން، ޙައްޖާޖުގެ އެކުވެރިއަކުވެސް އެކަލޭގެފާނުގެ ފަހަތްޕުޅުން އައެވެ. ކުޑަކޮށް ދުރަށްޖެހިލުމަށްފަހު އޭނާ، އެކަލޭގެފާނާއި ސުވާލުކުރިއެވެ. ”އޭ އަބޫ ސަޢީދެވެ! ޙައްޖާޖު މިއަދު ކަލޭގެފާނު ގެނައީ އެހެން ކަމަކަށްޓަކައެވެ. ނަމަވެސް އޭނާގެ ކިބައިން ރަގަޅު ސުލޫކު ފެނުމުން، އަޅުގަނޑު ހަމަ ޙައިރާންވެ އަންތަރީސްވެއްޖެއެވެ. އަޅުގަނޑަށް އެއްކަމެއް ބުނެދެއްވާށެވެ! ކަލޭގެފާނު ހައްޔަރުކޮށްގެން ދަރުބާރަށް ގެނެވުނު ހިނދު ޖައްލާދާއި ކަނޑި ފެނިވަޑައިގަތުމުން ކަލޭގެފާނުގެ ތުންފަތްޕުޅު ޙަރަކާތްކުރަން ފެށިތަން އަޅުގަނޑަށް ފެނުނެވެ. އެވަގުތު ކަލޭގެފާނު ވިދާޅުވީ ކީކޭތޯއެވެ؟“ ޙަސަން ވިދާޅުވިއެވެ.“އޭރު ތިމަން ކުރި ދުޢާއަކީ: [އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ އިލާހީ މިއަޅާގެ މައްޗަށް ދަރުމަކުރައްވާފައިވާ އެންމެހާނިޢުމަތްތަކުގެ ބަލަދުވެރިޔާއެވެ. ކޮންމެ މުޞީބާތެއްގެ ވަގުތުގައި މިއަޅާ ދަންނަވާ ވަކީލުކުރާ ފަރާތެވެ. އިލާހީ! އެންމެހާ މަޚްލޫޤުންގެ ހިތްތައްވަނީ އިބައިލާހުގެ ބާރުފުޅުގެ ދަށުގައެވެ. އިލާހީ! ޙައްޖާޖުގެ ރުޅި މިއަޅާއަށްޓަކައި ފިނި އަދި ސަލާމަތް އެއްޗެއްކަމުގައި ލައްވާނދޭވެ! އިބަ އިލާހުގެ ޚަލީލް إبراهيم عليه السلام އަށްޓަކައި އަލިފާން، ފިނި އަދި ސަލާމަތްތެރި އެއްޗެއްކަމުގައި ލެއްވިފަދައިންނެވެ.] އަހުރެންގެ މިދުޢާ ﷲ ތަޢާލާ އިޖާބަކުރައްވައި ޙައްޖާޖުގެ ރުޅި ލޯތްބަށް ބަދަލުކުރެއްވީއެވެ.“

*****

މަޞްދަރު: حیاتِ تابعين کے درخشاں پہلو / محمود احمد غضَنفَر



telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png
bottom of page