އަހަރެމެން ރޯދަމަހަށް ތައްޔާރުވާނީ ކިހިނެއް ހެއްޔެވެ؟ (1)
ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރުމުގެ ވަގުތު ކުޑަތަންވަމުން ދާއިރުގައި އެ މަހަށް ތައްޔާރުވުމަކީ އެންމެ މުހިއްމު ކަމެވެ. އެހެނީ، ރޯދަމަހަކީ އެމަހުގެ ޙަޤީޤީ މާނަ ވަރަށް ގިނަ ބަޔަކަށް އޮޅިފައިވާ މަހެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރޯދަމަހަކީ ކެއުމާއި ބުއިމާއި އުފާކުރުމާއި އަދި މުނިފޫހިފިލުވުމުގެ މައްސަރެކެވެ. އަދި އެއީ އެމީހުންނަށް އަންނަ ބޮޑުވެގެންވާ މަޖަލުގެ ޢީދެކެވެ. އެހެންކަމުން، އެފަދަ މީހުން ރޯދަމަހަށް ތައްޔާރުވުމުގައި، ގެއަށް އައު ސާމާނު ހޯދާ ބާޒާރުން ލިބެން ހުންނަ ހުރިހާ ފެންވަރު ރަނގަޅު ތަކެތި ގެއަށް ވައްދާ ޖަމާ ކުރެއެވެ. އަތުގައި އެއްކޮށްފައި ހުރިއްޔާ ހުރި ހުރިހާ ފައިސާއެއް ހޭދަކުރަނީ ކުޅިވަރާއި މަޖަލުގައި ވަގުތުތައް ހޭދަކުރަނިވި ކަންތައްތަކަށެވެ. ހިތާމައަކީ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށްވާ ބަރަކާތާއި ރަޙްމަތެއްގެ ގޮތުގައި ކޮންމެ އަހަރަކު ލައްވަވާ މިމައްސަރުގެ ޙަޤީޤީ މާނަ އޮޅި އެ މައްސަރުގައި ﷲ ތަޢާލާ އަހަރެމެންގެ ކިބައިން އެދިވޮޑިގަންނަވާ ހެޔޮކަންތައްތަކާއި އަހަރެމެންގެ ނަފްސުތައް ދުރުވެފައިވާތީއެވެ. ދުނިޔެވީ އުފާތައް ހޭދަކުރުމުގެ ތެރޭގައި ﷲ ތަޢާލާ ނަހީކުރައްވާފައިވާ އެތައް ފާހިޝް ޢަމަލުތައް ރޯދަމަހަށް ޚާއްޞަކޮށް ޓީވީތަކުންނާއި ރޭޑިއޯތަކުން ގެނެސްދެއެވެ. ރޭގަނޑު ދަންވަންދެން ހިލޭ އަންހެނުންނާއި ފިރިހެނުން އެކުގައި މަޖާކޮށް ވަގުތުތައް ހޭދަކުރެއެވެ. ވިސްނާލުން ހުއްޓެވެ! ރޯދަމަސް އަންނަނީ ކޮން ބައެއްގެ މައްޗަށް ހެއްޔެވެ؟ އަދި އެމަސް ލައްވަވާފައި މަޤްޞަދަކީ ކޮބައިހެއްޔެވެ؟ އަދި އެމަހަށްޓަކައި ނަފްސާއި ތިމާގެ ވެށި ބައްޓަންކުރާނެ ގޮތްތަކަކީ ކޮބައިހެއްޔެވެ؟ މިއީ ކޮންމެ މުސްލިމަކު ވެސް ވިސްނާ ފިކުރުކޮށް ނަޒަރު ހިންގާލުން މުހިއްމު ސުވާލުތަކެވެ. އެހެނީ އޭގެ ސަބަބުން އަހަރެމެންގެ ނަފްސުތައް ހެޔޮ މަގަށް އަނބުރާ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ރަޙްމަތް ލިބިގަތުމަށް މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭނެ އެވެ.
އެގޮތުން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ އެންމެ މުހިއްމު ކަންތައްތައް ތިރީގައި މިވަނީއެވެ.
1- އިޚްލާސްތެރިގޮތުގައި ތައުބާވުން:- އިޚްލާސްތެރިގޮތުގައި ތައުބާ ވުމަކީ އަބަދުވެސް މުސްލިމުންގެ މައްޗަށް ވާޖިބުކަމެކެވެ. ނަމަވެސް ބަރަކާތްތެރި ރޯދަމަހަށް މަރުޙަބާ ކިޔަމުން ދާ ހިނދުގައި އިޚްލާސްތެރިކަމާއި އެކުގައި ތައުބާވުމަކީ ނުހަނު މުހިއްމުކަމެކެވެ. ތިބާއާއި ﷲ ތަޢާލާއާއި ދެމެދުގައިވާ ފާފަތަކަށް އެކަލާނގެ ޙަޟްރަތުގައި ތައުބާވުމާއި، މީސްތަކުންނާއި މެދުގައި ހިނގާފައި ހުންނަ ކަންތައްތަކުގައި އެބައިމީހުންނަށް ދޭންޖެހޭ ޙައްޤުތައްދީ އޭގެ ސަބަބުން ބަރަކާތްތެރި ރަމަޟާން މަސް ސާފު ޠާހިރު ހިތަކާއިގެން ފަށާ، އަޅުކަމުގައި ނަފްސު މަޝްޣޫލުކުރެވޭނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
”... وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ“
”ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.“ [ސޫރަތުއް ނިސާ: 31]
ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްފުޅު ކުރެއްވިކަމަށް އަލްއަޤާރް އިބްނު ޔަސާރު (رحمه الله) ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”އޭ މީސްތަކުންނޭވެ! ﷲ އަށް ތައުބާވާށެވެ. އެހެނީ ތިމަންކަލޭގެފާނު ކޮންމެ ދުވަހަކު 100 ފަހަރު ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ.“ [މުސްލިމް 2702]
2- ދުޢާ:- ބައެއް ސަލަފުންގެ ކިބައިން ރިވާވެގެންވަނީ ރޯދަމަހާއި ޖެހެންދެން އެބޭކަލުން ދިރިހުރޭތޯ އެބޭކަލުން ﷲ ގެ ޙަޟްރަތުގައި 6 މަސް ވަންދެން ދުޢާ ކުރައްވާކަމުގައެވެ. އަދި އެއަށްފަހުގައި އެބޭކަލުންގެ ކިބައިން ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯ 5 މަސްވަންދެން ދުޢާކުރައްވައެވެ.
ރޯދަމަސް އަންނަންދެން ވަރުގަދަ ދީނީ ސާބިތުކަމަކާއި ރަނގަޅު ސިއްޙަތަކާއި އެކުގައި ލަހައްޓަވާތޯ ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި މުސްލިމުން ދުޢާކުރަންޖެހޭނެއެވެ. އަދި ރަމަޟާންމަހުގައި އެކަލާނގެއަށް ކިޔަމަންވުމަށް އެހީތެރިވެދެއްވެވުމަށާއި އެމީހަކު ކުރާ ހެޔޮކަންތައް ޤަބޫލުކުރައްވާތޯ ވެސް އެދެންޖެހޭނެއެވެ.
3- ބަރަކާތްތެރި މައްސަރު އައުމުން އެކަމާއި އުފާކުރުން:- ރަމަޟާން މަސްއައުމަކީ، މުސްލިމު އަޅުތަކުންގެ މައްޗަށް ﷲ ތަޢާލާ ލައްވަވާ އެންމެ މަތިވެރި އެއް ރަޙްމަތެވެ. އެހެނީ ރަމަޟާން މަހަކީ ހެޔޮކަމުގެ ދުވަސްތަކުގެ ތެރެއިން އެދުވަސްތަކެއްގައި ޖަންނަތުގެ ދޮރުކޮޅުތައް ހުޅުވި އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މައްސަރެވެ. އެއީ ކީރިތި ޤުރުއާނުގެ މައްސަރެވެ. އަދި އިސްލާމީ ތާރީޚުގައި ކުރެވުނު އެންމެ މަތިވެރި ހަނގުރާމައިގެ މައްސަރެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
”قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ “
”ކަލޭގެފާނު ވިދާޅުވާށެވެ! ﷲގެ ފަޟްލުވަންތަ ކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި (އެބަހި: އިސްލާމްދީން އާއި ޤުރުއާނަށްޓަކައި) ފަހެ، އެބައިމީހުން އުފާކުރާހުށިކަމެވެ! އެބައިމިހުން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.“ [ސޫރަތުލް ޔޫނުސް: 58]
**** ނުނިމޭ ****
www.click4islam.com
31 ޖުލައި 2010 –