ފޮތް: ޢިލްމުގެ މޭވާއަކީ ޢަމަލުކުރުން
الْحَمْدُ لِلّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ހަމަކަށަވަރުން ކޮންމެ އުންމަތަކަށްވެސް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ތަޢާލާ ރަސޫލުން ފޮނުއްވިއެވެ. އަދި އެބޭކަލުންނަށް ފޮތް ބާވައިލައްވާ، ޢިލްމާއި ޙިކްމަތް ދެއްވިއެވެ. މިގޮތުން މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ތަޢާލާ ބާވައިލެއްވި އެންމެ ފަހުގެ ފޮތްކަމުގައިވާ ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކުގައި ޢިލްމު އުނގެނުމަށް ﷲ އަންގަވާފައިވުމުން މިދީނުގައި ޢިލްމަށް ދެއްވިފައިވާ މަތިވެރި މަޤާމު ވަރަށް ރަނގަޅަށް ބަޔާންވެގެންދެއެވެ. ﷲ ވަޙީކުރެއްވިއެވެ.
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿١﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢﴾اقْرَأْ وَرَبُّكَ الْأَكْرَمُ﴿٣﴾ الَّذِي عَلَّمَ بِالْقَلَمِ ﴿٤﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾[سورة العلق]
މާނައީ:”ކަލޭގެފާނުގެ رَبّ ގެ އިސްމަފުޅުން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އެއިލާހީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1) ގަނޑުލޭކޮޅަކުން އެއިލާހު އިންސާނާ ހެއްދެވިއެވެ. (2) ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ رَبّ އަކީ އެންމެ ދީލަތިވަންތަ އިލާހެވެ. (3) އެއިލާހީ ޤަލަމުން ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (4) އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެއިލާހު އުނގަންނައިދެއްވިއެވެ. (5)“
މިފޮތަކީ އައްޝައިޚް ޢަބްދުއްރައްޒާޤު حفظه الله ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ “ثَمَرَةُ الْعِلْمِ الْعَمَل” ގެ ދިވެހި ތަރުޖަމާއެވެ.މިފޮތުގައި ޝައިޚް އަލި އަޅުއްވާލައްވާފައިވަނީ ޢިލްމު އުނގެނުމުގެ މާތްކަމަށެވެ. އަދި އުނގެނޭ ޢިލްމާ އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަމަށެވެ.
މިފޮތް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި އަޅުގަނޑު ބަލާފައިވާނީ ފޮތުގެ މުއައްލިފުގެ މަޤްޞަދު ނުގެއްލޭ ގޮތަށް ދިވެހި ބަހުން ފަސޭހައިން ފަހުމްވާނޭ ގޮތަކަށް ގެނެސްދިނުމަށެވެ. މިފޮތުގައި ބަޔާން ކޮށްފައިވާ ހުރިހާ ޖުމްލަތަކުގެ ތަރުޖަމާ ގެނެސްދީފައި ނުވާނެއެވެ. މިގޮތުން އެއްމާނަ ދޭހަވާ ދެ އަޘަރެއް ދެބޭކަލުންގެ ފަރާތުން ރިވާކޮށްފައި ވާނަމަ އެއް ޢަޘަރަކަށް ކުރުކުރީމެއެވެ.
ދުޢާއަކީ މިފޮތަކީ ދިވެހި މުޖްތަމަޢަށް ފައިދާ ކުރުވަނިވި ފޮތެއްކަމުގައި ﷲ ތަޢާލާ ލެއްވުމެވެ. އަދި ޤިޔާމަތްދުވަހުގެ ވޭންދެނެވި ޢަޛާބުން ނަޖާވާނޭ ނަޖާތުގެ ޛަރީޢާއެއް ކަމުގައި ލެއްވުމެވެ. آمِين.
ފޮތުގެ ނަން: ޢިލްމުގެ މޭވާއަކީ ޢަމަލުކުރުން
އެކުލަވާލީ: ޝިހާމް މުޙައްމަދު
ޞަފްޙާގެ ޢަދަދު: 86 ޞަފްޙާ (A5 ސައިޒް)
ފައިލް ސައިޒް: 2.59 mb