މުސްލިމުން ލޯބިވެރިންގެ ދުވަސް ފާހަގަ ނުކުރަނީ ކީއްވެ؟
ތަރުޖަމާ ކުރީ: އަބޫ ޢުމަރު އަލްމާލްދީފީ (جزاه الله خير)
އިސްލާމްދީނުގައި ފާހަގަ ކުރަންޖެހޭ ޙަފްލާތައްވަނީ ކަނޑައެޅި ބަޔާންވެފައެވެ. އަދި މިކަމަށް އެއްވެސް އުނި،އިތުރެއް ނުގެނޭވެނެއެވެ. އެއީ އަހަރެމެންގެ އަޅުކަންތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ބައެކެވެ. އަދި މީގެ ތެރެއަށް އިޖްތިހާދެއް ނުވަތަ މީހެއްގެ އަމިއްލަ ރައުޔެއް ނުވެއްދޭނެއެވެ. އެކަންތައްތައް އަހަރެމެންނަށްޓަކައި ކަނޑައަޅުއްވާފައިވަނީ ﷲ އާއި ރަސޫލާ (صلى الله عليه وسلم) އެވެ. ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ.
"ޙަފްލާތަކަކީ ޝަރީޢަތުގެ ބައެކެވެ. ސާފުވެގެންވާ މަގެކެވެ. އަދި ދީނީ ޙަފްލާތަކާއި ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވަނީ
”..لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا .. “
”ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި، ފާޅުވެގެންވާ މަގެއް، ތިމަން އިލާހު ލެއްވެވީމެވެ.“
(ސޫރަތުލް މާއިދާ 48)
”لِكُلِّ أُمَّةٍ جَعَلْنَا مَنْسَكًا هُمْ نَاسِكُوهُ .. “
”އެބައިމީހުން ތަބަޢުވުމަށްޓަކައި ތިމަންއިލާހު ކޮންމެ އުންމަތަކަށްވެސް ޝަރީޢަތެއް ލެއްވީމެވެ.“
(ސޫރަތުލް ޙައްޖު 67)
• ލޯބިވެރިންގެ ދުވަހަކީ ރޯމަނުންގެ ޒަމާނުގެ ފެށުމެއް ކަމުންނާއި އިސްލާމީ ތާރީޚުން އައި ކަމެއް ނޫންކަމުން، މިދުވަހަކީ ސީދާ ނަޞާރާއިންގެ ފަރާތުން އައިސްފައިވާ ދުވަހެއްކަން އެނގެއެވެ. އަދި އިސްލާމްދީނުގައިވާ ކަމެއް ނޫނެވެ.
ލޯބިވެރިންގެ ދުވަސް ފާހަގަކޮށްފިނަމަ އެކަން ހިމެނިގެންދާނީ ކާފަރުންނާއި، ނަޞާރާއިންނާއި އެއްގޮތްވުމުގެ ތެރޭގައެވެ. އަދި މިއީ ނަޞާރާއިން އެމީހުންގެ ފޮތްތަކުގައި ހިމެނިފައިވާ ކަމެއްވެސް ނޫނެވެ. އެހެންކަމުން ނަޞާރާއިންގެ ދީނުގެ ތެރޭގައި އެމީހުން ކުރާ ކަންތައްތަކުގައި ވެސް މުސްލިމުންނަށް އެމީހުންނާއި ވަތްތަރުވުން މަނާވެފައިވާ ހިނދު އެމީހުންގެ ދީނުގައި ނެތް، އެމީހުން އަލަށް އުފެއްދި ކަމެއްގައި އެމީހުންނާއި ވަތްތަރުވެވޭނީ ކޮންފަދައަކުން ހެއްޔެވެ.
ކާފަރުންނާއި އެއްގޮތްވުން އެއީ ޢާންމު ގޮތެއްގައެވެ. އެމީހުންނަކީ ބުދަށް އަޅުކަން ކުރާ ބަޔަކަށްވިޔަސް، ފޮތުގެ އަހުލުވެރީން ކަމަށްވިޔަސް މެއެވެ. އެއީ އެމީހުންގެ އެންމެ ބޮޑެތި މުހިންމު ކަންތައްތަކުގައި، ނުވަތަ އެމީހުންގެ އާދަކާދައާ ޘަޤާފަތުގައި ކަމަށްވިޔަސްމެއެވެ. މިކަން އައިސްފައިވަނީ ޤުރުއާނާއި، ސުންނަތާއި، އިޖްމާޢުންނެވެ.
ޤުރުއާނުގައި ﷲ ވަޙީ ކުރައްވަނީ
”وَلا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ وَأُولَئِكَ لَهُمْ عَذَابٌ عَظِيمٌ“
”ފާޅުވެގެންވާ ހެކިތައް އައުމަށްފަހު، ވަކިވަކިވެ ޚިލާފުވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ. ބޮޑުވެގެންވާ ޢަޛާބެއް އެބައިމީހުންނަށް ހުއްޓެވެ.“
(ސޫރަތުލް އާލްޢިމްރާނު 105)
ނަބީ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”من تشبه بقوم فهو منهم“ މާނާއަކީ : ”ފަހެ ބަޔަކާއި ވަތްތަރުވެގެންފި މީހާއީ އެބައެއްގެ ތެރެއިންވާ މީހެކެވެ.“ (ރިވާ ކުރެއްވީ އަޙްމަދު 2/50 އަބޫ ދާވޫދު 4021)
• މިޒަމާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ އެންމެންގެ މެދުގައި ލޯބި އުފެއްދުމަށްޓަކައެވެ. ކާފަރުންނާއި މުއުމިނުންނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. ޝައްކެއްނެތް ގޮތުގައި ކާފަރުންދެކެ ލޯބި ވުމަކީ ޙަރާމް ކަމެކެވެ. ﷲ ވަޙީ ކުރައްވަނީ
”لا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ .. “
”ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ މީހުންނީ، ﷲ އާއި، އެއިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކު ކަމުގައިވާތީ ކަލޭގެފާނު ނުދެކޭނެއެވެ. އެބައިމީހުންނީ، އެބައިމީހުންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ އަޚުން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ.“
(ސޫރަތު އަލް-މުޖާދިލާ 22)
ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ. މުއުމިނެއް، އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ކާފަރެއް އިޚްތިޔާރު ނުކުރާނެ ކަމަށް ﷲ ވަނީ އަހަރެމެންނަށް އަންގަވާފައެވެ. އަދި ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ކާފަރެއް އިޚްތިޔާރުކޮށްފި މީހަކީ އިސްލާމެއް ނޫނެވެ. ބޭރުފުށުންވެވޭ އެއްގޮތްވުމަކީ ލޯބިވުމުގެ ޢަލާމާތެކެވެ. އެހެންކަމުން އެކަމަކީ ޙަރާމް ކަމެކެވެ.
• ނަޞާރާއިން ގެނެސްދިން މިލޯބިވެރިންގެ ދުވަހުގެ ލޯތްބަކީ އިޝްޤީ ލޯތްބެވެ. އަދި މިއީ ކައިވެނީގެ ބޭރުން ހިންގޭ އިޝްޤީ ލޯތްބެކެވެ. މީގެ ނަތީޖާއަކީ ފާޙިޝް ޢަމަލުތަކާއި ޒިނޭކުރުން ފެތުރުމެވެ.
ގިނަ ޒުވާނުން މިދުވަސް ފާހަގަ ކުރަނީ އެބައިމީހުންގެ އެދުންތަކެއް ފުއްދައިލުމުގެ ބޭނުމުގައެވެ. އަދި ކުއްފާރުންނާއި އެއްގޮތްވުމުގެ ގޮތުންނެއް ނޫނެވެ. އަދި މިއެދުމުގައި އެންމެ ފަހުންގޮސް އެމީހުން ޒިނޭ ކުރާ ހިސާބަށް ދެއެވެ. އަދި ނަޞާރާއިންނާއި އެއްގޮތްވުމަކީ އެމީހުންގެ އަޅުކަމުގައި ހިމެނިފައިވާ ބައެކެވެ. އަދި އެކަން ބައެއްފަހަރު ކުފުރާއި ހިސާބަށް ދެއެވެ.
www.haqqubooks.com
ކުރީގެ ކުލިކްފޯއިސްލާމްގެ ވެބްސައިޓްއިން ނެގިފައި
15 ފެބްރުއަރީ 2010 -
Click4islam